ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ކުރި ސިޔާސީ މުވައްޒަފުން؛ މައުލޫމާތު ނުދޭން ކޯޓަށް ދިޔައީ ގާނޫނު މާނަކޮށްފައި އޮތް ގޮތުން: އުޝާމް

ވަޒީރުންގެ މަޖިލިސް ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އުޝާމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން ހައިކޯޓަށް ހުށަހެޅީ ގާނޫނުތައް މާނަކުރުމުގައި މީގެކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ތައާރުޒުވުންތަކެއް ހުރުމުންކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގި އޮއްވައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން 228 މުވައްޒަފެއް ވަކިކުރުމަށް ނިންމިކަން 2025، އޮކްޓޯބަރު 15 ގައި ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ނިންމެވުމާއި އެއްގޮތަށް ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުން ހާމަކުރި ނަމަވެސް ތަފްސީލުތަކެއް ލިބިފައި ނުވާތީ އެ މައުލޫމާތު ހޯދުމަށް ތިން ފަރާތަކުން އައިކޮމްއަށް ހުށަހެޅިއެވެ.

15 ދުވަހުގެ ތެރޭގައި ވަކިކުރުމަށް ނިންމި ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 07 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުން 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. ރައީސް ހާމަކުރެއްވި މި އަދަދުތަކާއި އެއްގޮތަށް ސިޔާސީ މުވައްޒަފުން ވަކިކުރިކަމަށް، ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.

ރައީސް އޮފީހުގައި އެދުނު ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދެވެން ނެތްކަމަށް، އެ އޮފީހުން އަންގާފައި ވަނީ އެއީ ޒާތީ މައުލޫމާތުތަކެއްކަމަށް ބުނެއެވެ. އެހެން ނަމަވެސް އައިކޮމްގެ އޮފީހުން އަންގާފައި ވަނީ ވަކިކުރި ފަރާތުގެ ނަމާއި، ވަކި ކުރި ތާރީހު އަދި ވަޒީފާ އަދާކުރަމުން އައި ވުޒާރާއާއި މުސާރައިގެ މައުލޫމާތަކީ އާންމު މަސްލަހަތަށް ރިއާޔަތް ކުރާއިރު ގާނޫނުގެ ދަށުން ނުދި ހިފެހެއްޓޭނެ މައުލޫމާތެއް ނޫންކަމަށެވެ. އަދި އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެކަމަށް ނިންމުމުގައި ވެއެވެ. އަދި އެންގީ ފަސް ދުވަހުގެ މުވައްޒަފުންގެ އެޑްރެސް ނުހިމެނޭ ގޮތަށް، އެހެން ތަފްސީލުތައް އާންމުކުރުމަށެވެ. އެހެން ނަމަވެސް އެ ނިންމުން ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

މައުލޫމާތުތައް ދިނުމަށް ދެކޮޅު ހަދައި މި މައްސަލަ އިސްތިއުނާފު ކުރީ ކޮން ސަބަބަކާއި ހުރެތޯ ”ސަންގު“ އިން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައިގައި އަންގާފައި ވަނީ އެޑްރެސް ނޫނީ އެހެން ތަފްސީލުތައް ދިނުމަށް ކަމަށެވެ. އަދި އޭގެ އިތުރަށް އައިކޮމްގެ ނިންމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު މާނަކުރުމުގައި ތައާރަޒުވުންތަކެއް ހުރިކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ގޮތުގައި ތައާރަޒުވުންތަކެއް ހުރީ މީގެ ކުރިން ސުޕްރީމް ކޯޓާއި، ހައިކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާއި ކަމަށެވެ. އެއީ ކޮން ގާނޫނުގެ ކޮން މާއްދާއެއްތޯ ސުވާލު ކުރުމުން އުޝާމް ދެއްކެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 20 ވަނަ މާއްދާއާއި 23 ވަނަ މާއްދާއެވެ.

އުޝާމް އެ އިޝާރާތް ކުރެއްވި 23 ވަނަ މާއްދާއާއި ހަވާލާ ދީ އައިކޮމްގެ އޮފީހުގެ ނިންމުމުގައި ވަނީ މަގާމުތަކުން ވަކިކުރުމަށް ނިންމި ފަރާތްތަކުގެ އެޑްރެސްއަކީ ޒާތީ މައުލޫމާތު ކަމަށެވެ. އަދި 20 ވަނަ މާއްދާގެ (ހ) ގެ އަލީގައި ހޯދުމަށް އެދިފައިވާ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެކަމެއްކަމުގައި ކަނޑައެޅިއެވެ.

ގާނޫނުގެ 20 ވަނަ މާއްދާގައި ވާގޮތުން ވަކި މައުލޫމާތަކަށް އެދުމުން އެ މައުލޫމާތެއް ދޭން އިންކާރުކުރުމަށް ވުރެ އެ މައުލޫމާތު ދިނުމުގައި ރައްޔިތުންގެ މަސަލަހަތު ބޮޑުކަމުގައި ވާ ނަމަ އަދި އެ މައުލޫމާތު ހާމަނުކުރުމު ގެ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުގައި މަސްލަހަތު ބޮޑުކަމުގައިވާ ނަމަ ނުވަތަ އެ މައުލޫމާތެއް ހާމަކުރުމުން ލިބިދާނެ އުނދަގުލަކަށްވުރެ އެކަމުން ލިބޭނެ އާންމު ފައިދާ ބޮޑު ނަމަ އެ މައުލޫމާތެއް އެ އިދާރާއަކުން ދޫކުރާންވާނެއެވެ.

ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާން ކުރަނީ ޒާތީ މައުލޫމާތު ދޫނުކުރުމުގެ ބައެވެ. އެގޮތުން އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދައުލަތުގެ އިދާރާއަކުން ދޫކުރާން ޖެހޭ މައުލޫމާތަކީ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާ ނަމަ އެ މަޢުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދޫކޮށްގެންނުވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ތިންވަނަ މީހެއްގެ ޒާތީ މަޢުލޫމާތު ދޫކުރުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމުކަމެއް ކަމުގައި ފެނިއްޖެ ނަމަ މުރާޖައާ ކޮމިޓީގެ ހުއްދައާއި އެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: