ފ. ފީއަލީގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓްގެ މައްސަލައަށް އަވަސް ހައްލެއް ހޯދަވައިދެއްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ފ. ފީއަލީ ކައުންސިލާ ބައްދަލުކުރައްވައި، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ކުރިއަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވުނު މައްސަލައަކީ ފ. ފީއަލީގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓްގެ މައްސަލައަށްކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްކަންދޭނެކަމުގެ ޔަގީންކަން މިނިސްޓަރ ޝިޔާމް ކައުންސިލަށް ދެއްވިއެވެ.
ފީއަލީ ކައުންސިލުން ވަނީ ރަށުގައި ރެސްކިއު ޑައިވިންގ ޕްރޮގްރާމެއް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ފީއަލީ ކައިރީގައި ހުރި ފަޅުތައް ބޭނުންތެރި ގޮތެއްގައި ބޭނުންކުރުމާއި، މެރިކަލްޗަރގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެ ސަރަޙައްދަކީ އެކަށީގެންވާ ތަނެއްކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ކައުންސިލުން ވަނީ ފީއަލީގައި ގިނަ އަދަދެއްގެ ޒުވާނުން ސްޕޯޓްސް ފިޝިންގގައި ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، މިނިސްޓްރީން ސްޕޯޓްސް ފިޝިންގއަށް ޚާއްޞަކޮށް ރާވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި ފ. ފީއަލީ ކައުންސިލުގެ ކަންބޮޑުވުންތަކާއި މެދު ތަފްޞީލުކޮށް މަޝްވަރާކުރެވުނެވެ. އަދި މިނިސްޓްރީއިން މިހާރު ކުރިއަށް ގެންދާ އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ވަނީ ކައުންސިލާ ހިއްސާކުރެވުނެވެ.
މި ބައްދަލުވުމަކީ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށާއި، ރަށު ފެންވަރުގައި މި ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެފަރާތުން ވެސް ފާހަގަކުރިއެވެ.

