މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ހިއްސާ ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ވަނީ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އިއުލާނުކޮށްފައެވެ.
އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް ޕޯސްޓުގައިވެއެވެ. އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހެނދުނުގެ 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިމިގްރޭޝަން އިން ވަނީ އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ލިބޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައި އާއި އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށްކަން ފާހަގަކޮށްފައެވެ.
ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ފެށިގެން 14:00 އާއި ހަމައަށެވެ.
ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދުވަސް އެއީ ރަސްމީ ގޮތުން މިއަހަރަށް މަޖިލީސް ފެށުމަށް ހަމަޖެހިފައިވާ ދުވަހަށްވާތީއެވެ. މި ދުވަހު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާންވެސް އިއްވާނެއެވެ.

