ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު، ވޭޕްގެ މައްސަލަތަކުގައި ޖޫރިމަނާ ކުރަން ނިންމި ނިންމުމުގެ ދަށުން މިހާތަނަށް 21 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 2024 ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ނިިޔަލަށް ޖުމުލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި ޖުމުލަ 60،500 ރުފިޔާ އެކި ފަރާތްތަކުން ދައްކަންޖެހެއެވެ.
މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ މަހު 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި ޖުމުލަ 70،000 ރުފިޔާ ޖެނުއަރީގެ ތަފާސްހިސާބުތަކުގައި ހިމެނެއެވެ.
އެހެންކަމުން ވޭޕްގެ މައްސަލަތަކުގައި ޖޫރިމަނާ ކުރަން ފެށި ހިސާބުން މިހާތަނަށް 21 މީހަކު މިވަނީ ޖޫރިމަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު، ވޭޕް ބޭނުން ކުރާ މީހުންނަށް 5000 ރުުފިޔާގެ ޖުރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރި ކުރާނަމަ އެ މީހަކަށް 20،000 ރުފިޔާއިން ޖުރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ މާއްދާއަށް ޑިސެމްބަރު 15 ގައި ވަނީ އަމަލު ކުރަން ފަށާފަ އެވެ. މި ގާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ވިއްކުން މަނާވާނެ އެވެ.

