ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާތައް ކުރިޔަށް ގެންދަވަނީ މަޖިލިސް ގަވައިދާއި އުސޫލުގެ ތެރެއިންކަން އަބަދުވެސް ފާހަގަކުރެވޭކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ތައްޔާރުވެފައި ވަނިކޮށް އަބްދުއްރަހީމާއި ނާޒިލް ވަނީ މަޖިލިސް އިދާރާގައި ބައްދަލު ކުރައްވާފައެވެ. މިއީ ކޮންކަމަކާއި ގުޅިގެން އޮތް ބައްދަލުވުމެއްތޯ ”ސަންގު“ އިން ސުވާލު ކުރުމުން ނާޒިލް ވިދާޅުވީ މަޝްވަރާ ކުރެއްވީ މާދަމާގެ ރިޔާސީ ބަޔާނާއި މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކަމަށެވެ. އަދި އައު ދައުރުގެ ޖަލްސާތައް ފެށިގެން އަންނައިރު، އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިކަމަށް ވިދާޅުވިއެވެ.
މާދަމާގެ ޖަލްސާގައި އިހުތިޖާޖު ކުރުމުގެ ފުރުސަތު އެބައޮތް ތޯ ސުވާލު ކުރުމުން ނާޒިލް ވިދާޅުވީ، ޖަލްސާގައި އަޑުއުފުލައި ރިޔާސީ ބަޔާނަށް ހުރަސްއެޅުވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. އެހެން ނަމަވެސް މަޖިލިސް ސަރަހައްދުގައި، ޕާޓީގެ ހަރަކާތްތައް އޮންނާނެކަމަށް ނާޒިލް ވިދާޅުވިއެވެ.
މަޖިލީހުގެ އައު ދައުރާއި ގުޅުވައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕު މެމްބަރުންގެ މެދުގައި އެއްވެސް މަޝްވަރާތަކެއް ކުރެވުނުތޯ ކުރި ސުވާލަށް ނާޒިލް ވިދާޅުވީ ބިލުތަކާއި ގަރާރުތައް ކުރިޔަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ބައްދަލު ކުރާނެކަމަށެވެ. އަދި މަޖިލީހަށް ކުއްލި މައްސަލަތައް ހުށެހެޅުމާއި ގުޅޭގޮތުން ވެސް ޕީޖީގެ މެދުގައި ގޮތްތަކެއް ނިންމާނެކަމަށް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މަޖިލީހުގައި ޕާޓީގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، ފުރިހަމަ ކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށެވެ.
މީގެއިތުރުން ނާޒިލް ވިދާޅުވީ މަޖިލިސް ޖަލްސާތައް އަބްދުއްރަހީމް ކުރިޔަށް ގެންދަވާ ގޮތާއި މެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި އަބްދުއްރަހީމް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ގަވައިދުގެ ތެރެއިންކަމަށް ވެސް ވިދާޅުވި އެވެ.

