މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން އާންމުކޮށްފައިވާގޮތުން މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި ގުޅުން ހުރި މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގައިކަމަށެވެ. މި މައްސަލައިގައި ދައުވާކޮށްފައިވަނީ މ. ހަވީރީފިނި، ޢަލީ ފާރިޝްގެ މައްޗަށް ކަމަށްވާއިރު ޓެކުމުގެ ކުށުގެ 6 ދައުވާއެއް ކުރުމަށް ނިންމާފައިވާޚަމަށާއި ސަބަބަކީ އޭނާގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ މަޝްޢަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕަށް 2024 ވަނަ އަހަރުގެ ތެރޭގައި އެ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިނުވަނީސް އެކި މީހުންގެ ގާތުގައި އުމްރާއަށް ގެންގޮސްދޭނެކަމަށް ބުނެ ދިވެހި ފައިސާގެ އިތުރުން އެމެރިކާ ޑޮލަރު ނެގުމަށްފަހު ހިދުމަތް ފޯރުކޮށްދީފައިނުވާތީއާއި ފައިސާވެސް ރައްދުކޮށްދީފައިނުވާތީކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިންކަމަށާއި މީގެ ތެރޭގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭކަމަށް ބުނެފައިވެއެވެ. އޭނާ ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ދިވެހި ރުފިޔާ އަދި 8،100 އެމެރިކާ ޑޮލަރުކަމަށާއި އެހެންކަމުން ފައިސާ ދެއްކި މީހުންނަށް ވީ ގެއްލުމުގެ ބަދަލުގައި ފާރިޝްގެ އަތުން އެ ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެކަމަށް ހިއްސާކޮށްފައިވެއެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާވެސް ކޮށްފައިވެއެވެ. އެގޮތުން އުމްރާއަށް މީހުން ގެންގޮސްދިނުމުގެ ހުއްދަ ލިބިފައިނުވަނީސް އެކި މީހުންގެ އަތުން ހިދުމަތް ދޭނެކަމަށް ބުނެ ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރު ނަގާފައިވާއިރު އެ ފައިސާ ޓެކުމަކުން ނިގުޅައިގަނެ އޭނާގެ އަމިއްލަ އެކައުންޓުތަކަށާއި ހިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެން ކުންފުނިތަކަށް ޖަމާކޮށް ފައިސާއިން މަނީލޯންޑާރ ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައިވާގޮތުން މި މައްސަލައަކީ ތަހުގީގު ހިނގަމުންދާ މައްސަލައެއްކަމަށާއި ފާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދިއުމަށްފަހު އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަނުޖައްސައިދީ އެމީހުންގެ ފައިސާއަށް ހިޔާނާތްތެރިވިބައިގެ ތަހުގީގު ނިންމުމާއިއެކު ދައުވާކުރުމާއިމެދު ގޮތް ނިންމާނެކަމަށެވެ.
ޕީޖީން ބުނެފައިވާގޮތުން މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކީ އެމީހަކު ކުށްވެރިވާ ކަމެއް ނޫންކަމަށެވެ. އަދި ދައުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކިތަކާއި ގަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުންކަމަށާއި މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިފައިވާކަން ގަނޫނުއަސާސީގައި ބަޔާންކޮށްފައިވާޚަން ފާހަގަކޮށްފައިވެއެވެ.

