ފުވައްމުލަކުގައި ފަންރަން ބޭއްވުމަށް ނިންމައި ރެޖިސްޓްރީކުރުމުގެ ފުރުސަތުތައް ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން މައުލޫމާތު ދީފައިވާގޮތުން އެ ކުންުފުނިން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތް އައު ސަރަހައްދެއްގައި ބޭއްވުމުގެ ގޮތުން ނިންމި ނިންމުމުގެ ތެރެއިން މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ހަރަކާތްތައް ފުވައްމުލަކުގައި ބޭއްވުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި މި ދުވުމުގައި 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ އިތުރުން ހާފް މެރަތަން ކެޓަގަރީ ހިމެނޭއިރު ރެޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބުނެފައިވެއެވެ.
މި ހަރަކާތުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ހަމަޖެހިފައިވާކަންވެސް ހާމަކޮށްފައިވެއެވެ. އެގޮތުން މި ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމްލަ 232،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާކަމަށާއި ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ މޭ މަހުގެ 2 ވަނަ ދުވަސްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
މި ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުންކަމަށް ދިރާގުން ބުނެފައިވެއެވެ. ބައިވެރިވާން ބޭނުންވާ ދުވުންތެރިންނަށް www.dfr.mv މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއިރު ފުރުސަތު ހުޅުވިފައިވާނީ 28 ފެބްރުއަރީގެ ނިޔަލަށް ނުވަތަ 1500 ދުވުންތެރިންގެ ލިމިޓު ހަމަވަންދެންކަން ހާމަކޮށްފައިވެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް‘ އަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

