މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މުޖުތަމަޢުގެ ހަމަޖެހުމަށް އެންމެ މުހިންމު އެއް އަސާސަކީ ލާމަރުކަޒީ ހަމަތަކުގެ މަތީން ރަށްރަށުގެ ހިންގުން ކުރިއަށް ގެންދިއުން. ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ފުރުޞަތު ދިނުން. ރައްޔިތުން ގާތަށް ގޮސް ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުވައި ރައްޔިތުން އެދޭ އަމާޒަށް ވާޞިލްވުމަށް މަސައްކަތްކުރުން.
ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެއް ކައުންސިލް ފިޔަވާ ރާއްޖޭގެ ހުރިހައި ކައުންސިލަކާ އެ މަނިކުފާނު ބައްދަލުކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރުމުގެ ދެ ވަނަ ބުރެއް މިހާރު ފައްޓަވައިގެން ކުރިއަށް ގެންދަވައި ކަމަށް ވިދަޅުވިއެވެ.
ކައުންސިލްތަކުގެ މަސްއޫލިއްތާ އެކަށޭނަ ހައިބަތު ވަޒީފާ އަދާކުރާ ވެށްޓާ ޢިމާރާތުން ވެސް ސޫރަވާން ޖެހޭނެ. މި ގޮތުން، މަސައްކަތުގެ އެކަށޭނަ ޒަމާނީ ހިތްފަސޭހަ ވެށްޓެއް ޤާއިމުކޮށްދީ، ކައުންސިލްތަކަށް ދޭން ޖެހޭ ފުރިހަމަ އިޙްތިރާމާއި، ޤަދަރުދީ އެ އަޚްލާޤު އުފެއްދުމަކީ އަޅުގަނޑު ޤަބޫލްކުރާ އުޞޫލު. މި ސަބަބަށް ޓަކައި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢު ވަނީ ކޮންޓްރެކްޓްކޮށްފައި. ހަމަ އެހެންމެ ޗައިނާގެ ހިލޭ އެހީގައި ޤާއިމުކުރާ އިތުރު 50 ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ މަޝްރޫޢު ހިންގުމަށް މި ދަނީ ތައްޔާރުވަމުން.
ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި 55 ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އެޅިފައެވެ. އެއީ ރ. އަތޮޅުގެ 6 ރަށަކާއި، ހއ. އަތޮޅުގެ 6 ރަށެއް ގައެވެ.

