އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ބާއްވާފައިވާ ޖަލްސާގައި، 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ ޢަދަދު އަދި 2024 ވަނަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފިއެވެ.
ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރިއެވެ. އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް 2024 ވަނަ އަހަރުގެ ޑިވިޑެންޑް ލިބޭނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު 21 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކޮށް ޝާއިޢުކުރެވޭނެކަމަށްވެސް އުރީދޫއިން ބުނިއެވެ.
އުރީދޫއިން މިއަހަރުގެ މާރިޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާރިޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށާނެކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެކަމަށްވެސް އުރީދޫއިން ބުންޏެވެ.

