އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވިފައިނުވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީރްވަނީ ސަރުކާރުން އިގްތިސާދު ކުރިއަރުވާނެކަމަށް ބުނެފައިވާކަމަށް އަލިއަޅުއްވައި އެކަން އަމަލީގޮތުން ފެނިގެން ނުދާކަަމަށް ސިފަކުރައްވާފައެވެ. އަމީރް ވިދާޅުވީ، 48 ގަޑީރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަަމަޖައްސާފައިވާ ވާހަކަ ސަރުކާރުން ދައްކަމުންދާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު މީގެ ކުރިން މަސްބާނަމުން އައި މިންވަރަށް ނުބާނާކަމަށާއި، ބާނަން ފެށުމާއިއެކު ކިއު ހެދިގެންދާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު އަދި ރައީސް ޑރ މުއިއްޒުގެ ފުރަތަމަ އަހަރުގެ ތަފާސް ހިސާބުތަކަށް އަޅާ ބަލާއިރު އެމްޑީޕީގެ ދައުރުގައި އެވަރެޖްކޮށް 85000 މެޓްރިކް ޓަނުގެ މަސް މިފްކޯއިން ގެނެފައިވާކަން ފެނިގެންދާނެކަމަށެވެ.
ނަމަވެސް ނިމިދިޔަ އަހަރުގެ ތެރޭގައި 53000 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ނުގަނެވޭކަމަށާއި އެހެންކަމުން މަސްވެރިކަމުގެ ދާއިރާ ފުނޑެމުންދާކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ތެރޭގައި 12417 މެޓްރިކްޓަނުގެ ދަޅުމަސް އެކްސްޕޯޓުކުރިކަމަށާއި 2024ގައި އެކްސްޕޯޓުކުރީ 5000 މެޓްރިކް ޓަނަށްވުރެވެސް ދަށް އަދަދެއްކަމަށެވެ. އެހެންކަމުން މަސްވެރިކަން ކުރިއަރުވާފައި ކޮބައިތޯ އޭނާ ސުވާލުކުރެއްވިއެވެ.
އަމީރް ވިދާޅުވީ، އެމްޑީޕީގެ ދައުރުގައި އެވަރެޖްކޮށް ކޮންމެ އަހަރަކު މަސް އެކްސްޕޯޓުކޮށްގެން 150 މިލިއަން ޑޮލަރު ލިބޭކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގައި 82 މިލިއަން ޑޮލަރުގެ މަސްވެސް އެކްސްޕޯޓު ނުކުރެވޭކަމަށާއި އެހެންކަމުން މަސްވެރިކަން ކުރިއަރުވައި އެ ސިނާއަތަށް އަޅާލެވިފައިނުވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުންވެސް ފެނިގެންދަނީ އެއްފަދަ މަންޒަރުތަކެއްކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރާއްޖޭގައި 20 ރިސޯޓު ހުޅުވާނެކަމަށް ސަރުކާރުން ބުނިކަމަށާއި ނަމަވެސް ހުޅުވުނީ 3 ރިސޯޓުކަމަށެވެ. އެހެންކަމުން އެއީ ބޮޑު ފެއިލިއާރ އެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި ބަޔާނުގައި ވިދާޅުވި ގޮތަށް 20 ރިސޯޓު ހުޅުވަންވާނެކަމަށް އަމީރް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ދޯހަޅިކަމުގެ ސަބަބުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓުތައް ރާއްޖެއާއި ދުރަށް ދާކަމުގެ މިސާލެއްކަމަށެވެ.

