މި 5 އަހަރުގެ ވެރިކަން ނިމިގެންދާއިރު ގެދޮރުވެރިކަމަށް ޖެހިފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ވިދާޅުވެއްޖެއެވެ.
ރައީސް ދެއްވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ދެއްވި ރިޔާސީ ބަޔާނަކީ ހުރިހާ ދާއިރާއަކަށްވެސް އަލި އަޅުވާލައްވައި ވަރަށް ތަފްސީލީ ބަޔާނެއް ކަމަށެވެ.
ފާއިތުވި އަހަރުގައި ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ރައީސް އަލިއަޅުވާލައްވާފައިވާ ކަމަށާއި، އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހާސިލްކުރައްވަން ބޭނުންވެ ވަޑައިގަންނަވާ ވަރަށް ގިނަ ކަންކަމުގެ ވާހަކަ ފާހަގަކުރެއްވި ކަމަށް އަޒާން ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ރިޔާސީ ބަޔާނުން އެންމެ ފާހަގަކުރެވުނު އެއް ވާހަކަފުޅަކީ ހައުސިންއާއި ގުޅޭ ގޮތުން ރައީސް ދެއްވި އުންމީދާއި ޔަގީންކަން ކަމަށް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ ރައީސްއަކީ ހައުސިންގ މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އަދި ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެންވެސް ހައުސިންގ މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅާ ކަމަށެވެ.
އަޒާން ވިދާޅުވީ މި 5 އަހަރުގެ ވެރިކަން ނިމިގެންދާއިރު ގެދޮރުވެރިކަމަށް ޖެހިފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން އަޒާން ވިދާޅުވީ ރާއްޖޭގައި މިހާތަނަށްވެސް ބިމާ ބެހޭ އެހާ ފުރިހަމަ ގާނޫނެއް ނެތް ކަމަށެވެ. އަދި ދިރިއުޅެން ދޫކުރާ ތަން ނުވަތަ ބިމުގެވެސް އެންމެ ރަނގަޅު ތައާރަފެއް ނެތް ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ހަމަ އެފަދައިން ރިއަަލްއެސްޓޭޓް ބިލެއްވެސް ހުށައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ގައުމުތައް ނަމަވެސް އަދި ސިންގަޕޯރ، ދުބާއީ ތަންތަނުގައިވެސް ރިއަލްއެސްޓޭޓްގެ ގާނޫނު އޮންނަ ކަމަށާއި އެހެންނަމަވެސް ޜާއްޖޭގައި އެފަދަ ގާނޫނީ ބާރުވެރިކަމެއް ނެތްކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސްގެ ވިސްނުންފުޅަކީ މިހުރިހާ މައްސަލައަކަށް ދާއިމީ ވަށާޖެހޭ ހައްލެއް ގެނައުން ކަމަށް އަޒާން ވިދާޅުވިއެވެ.

