މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އުޅަނދުތަކެއް ނަގައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ސައިކަލާއި، ހަތަރުފުރޮޅުލީ އުޅަނދާއި، ބައިސްކަލުވެސް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް މެދުނުކެނޑި ކުރިއަށްދާއިރު، އަންގާރަ ދުވަހާއި ހަމައަށް މި މަސައްކަތުގެ ދަށުން ޖުމުލަ 468 އުޅަނދު ވަނީ ނަގާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަދު އަދި 3 ބައިސްކަލެވެ.
މީގެ އިތުރުން، އެއްގަމު ދަތުރުފަތުރާ ގުޅޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބޯލެނބުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަޙައްދުތައް ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރާނެކަމަށް ބުނެފައެވެ.
އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

