ރޯދަ މަހުގެ އިނާޔަތް ނުލިބޭނަމަ އެކަން ރިޕޯޓް ކުރުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެ އެވެ.
އެ އޮތޯރިޓީން ބުނީ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާއަދާ ކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިންނަމަވެސް، ވަޒީފާއާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތަށް އެކަން ކުރަމުން ނުދާކަން ފާހަގަވާކަމަށް އެ އޮތީރިޓީން ބުނެފައިވެއެވެ.
އެގޮތުން ވަޒީފާއަދާ ކުރާ ދިވެހި މުވައްޒަފުންނަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަތް ލިބިފައިނުވާތީ އެ އޮތޯރިޓީއަށް ފާއިތުވި އަހަރު ގިނަ މައްސަލަތަކެއްވެސް ހުށަހެޅިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ރަމަޟާން މަހުގެ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭންވާނެކަމަށް ބަޔާންކޮށްފައެވެ.
ހަމައެއާއެކު، ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުންނާއި، ޕްރޮބޭޝަންގައި ތިބި މުވައްޒަފުން އަދި ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އިނާޔަތް ހައްޤުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ނުލިބޭނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތުން އޮތޯރިޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން އޮންލައިންކޮށްވެސް މައްސަލަ ހުށަހެޅޭނެ ކަމަށާއި އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް މައްސަލަ ހުށަހެޅޭނެއެވެ.
ރަމަޟާންމަސް ފެށޭއިރު ވަޒީފާގައި ތިބޭ ހުރިހާ ދިވެހި މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތް ހައްޤުވާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެ އިނާޔަތް ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރޯދަ އިނާޔަތާ ގުޅޭގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން ނެރެފައިވާ އިއުލާނެއްގައިވެސް ވަނީ ރޯދަ އިނާޔަތް، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށް ހަނދާން ކޮށްދީފައެވެ.

