ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޭޕްރީލް 20 ވަނަ ދުވަސް ކަމަށާއި، އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓު ކޮށްލާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، މާލެ ސަރަޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 މާރިޗް 01 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދަންވާނެއެވެ. އަދި ރިޒޯޓްތަކާއި، ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން ނިންމަންވާނެއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ މި 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، އޮޕަރޭޝަން ކުރަނގި ޕްރޮގްރާމް މިހާރު ވަނީ ހުރިހާ ރަށެއްގައިވެސް އިފްތިތާހު ކުރެވިފައެވެ. އަދި 59 ރަށެއްގައި މި މަސައްކަތް ވަނީ ނިމިފައެވެ. މިހާތަނަށް 43,000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މި މަސައްކަތް ފެށީ ރަށްރަށުގެ މަސައްކަތް ނިމުމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެން.ސީ.އައި.ޓީ ގައި މިކަމަށް ޚާއްޞަ ފެސިލިޓީއެއް ހުންނަ ކަމަށާއި ހުކުރު ނޫން ކޮންމެ ދުވަހެއްގައިވެސް ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން އިތުރަށް މަޢުލޫމާތު ދީފައިވެއެވެ.
މި ފިޔަވަޅަކީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ ހަރުދަނާ ރެކޯޑެއް ބެލެހެއްޓުމަށާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމުމަށްޓަކައި، ސަރުކާރުގެ އެކި އިދާރާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، އަދި ބިދޭސީ މަސައްކަތްތެރިން އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިމިގްރޭޝަން ނިޒާމު އިތުރަށް ހަރުދަނާވެ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

