ރަމަޟާން މަހުގެ ތެރޭގައި މުދަލުގެ އަގު ހިފެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފިޔާ ބަސްތާއެއް 11.43 އިންސައްތަ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެ ކުންފުނިން އިމްޕޯޓުކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓުކުރުމުގެ މައިގަނޑު މަޤްޞަދަކީ މިއަހަރުގެ ރޯދަމަހުގެ ތެރޭގައި މި ތަކެތީގެ އަގުތައް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި، އެ ދުވަސްވަރު ކާބޯތަކެތީގެ އަގު އުފުލިގެންދާތީ، އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އެސްޓީއޯއިން ހާމަކުރި ގޮތުގައި، މިވަގުތު ފިޔާ ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށެވެ. މީގެ އިތުރުން، ބިސް ކޭހެއް 320 ރުފިޔާއަށް އަދި އަލުވީގެ ބަސްތާއެއް 310 ރުފިޔާއަށް ވިއްކުމަށް ކަނޑައަޅާފައިވެއެވެ. މި ތަކެތި ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ ވެއަރހައުސްއިންނެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވަކިވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބިހެއް 2 ރުފިޔާއަށް، އަލުވި ކިލޯއެއް 18 ރުފިޔާއަށް އަދި ފިޔާ ކިލޯއެއް 14 ރުފިޔާއަށް ލިބޭނެކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، އެސްޓީއޯއިން ބާޒާރަށް ތާޒާ ލުނބޯވެސް ނެރެފައިވާއިރު، ލުނބޯ ކޭހެއް (5 ކިލޯ) 145 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. ހޯލްސޭލްކޮށް ގަންނަންގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ ވެއަރހައުސްއިން ލިބެން ހުންނާނެ އިރު، ވަކިން ގަތުމަށް އެދޭނަމަ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 40 ރުފިޔާއަށް ގަނެވޭނެއެވެ.
މި އަގުހެޔޮ ކުރުމުގެ ޕްރޮގްރާމަކީ ރަމަޟާން މަހުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

