ފުލުހުންގެ ވެލްފެއާ ކުންފުނިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް، ޕޮލްކޯ ފްލެޓުތައް އިމާރާތް ކުރި މައްސަލައިގައި ކުރަމުންދާ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލްކޯގެ އޮފީހަށް ވަދެއްއްޖެއެވެ.
މިއީ މި މައްސަލައިގައި އޭސީސީ ޕޮލްކޯގެ އޮފީހަށް ވަދެ، ބަލައި ފާސްކުރި ދެވަނަ ފަހަރެވެ.
އެނގިފައިވާ ގޮތުން، ކޮމިޝަނުން ޕޮލްކޯއަށް ވަދެ ބައެއް ލިޔެކިއުންތައް ގެންގޮސްފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
މިއީ ”ބްލޫސް ހައުސިން“ ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކުރި ޕޮލްކޯ ފްލެޓުގެ މަޝްރޫއުއިން ފެންމަތިވެގެން އައި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލައެކެވެ. މައްސަލައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އަދި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާއިރު، 355 މިލިއަނުގެ ގެއްލުން ވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ފްލެޓްތައް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށް އިމާރާތްކުރަން ފެށިފައިވަނީ 2012 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 600 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ނަމަވެސް، މަސައްކަތް ނިންމުމުގައި ދިގުލައިގެން ގޮސް ފްލެޓުތަކަށް ވަދެވޭ ވަރު ވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވިދާޅުވީ މައްސަލައިގައި ބޭނުންވާ ތަހުގީގުތައް ކުރުމަށް ކަމާއި ގުޅޭ މުހިންމު ލިޔެކިއުން ނެތްކަމަށް އެ ކުންފުނީގެ އިސްވެރިން ބުނެފައިވާކަމަށެވެ. ނިޔާޒީ ވިދާޅުވީ ޕްރޮޖެކްޓުގެ ބިޑުކުރުމާއި އިވެލުއޭޓު ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް މަސައްކަތް ކުރިކަމަށެވެ. އެގޮތުން ޕޮލްކޯގެ އިސްވެރިންނާއި ބައްދަލު ކުރުމުން، ސާވަރ ގައި މައްސަލަތަކެއް ދިމާވެ ލިޔެކިއުން ފެންނަން ނެތްކަމަށް މެނޭޖްމަންޓުން އަންގާފައިވާކަމަށް ނިޔާޒީ ވިދާޅުވި އެވެ.
ބިޑިން އިވެލުއޭޝަން ރަނގަޅަށް އެނގެން ނެތްއިރު، އި ނިޔާޒީ ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި، އެ މުއާމަލާތްތައް ކުރިޔަށް ގެންގޮސްފައިވާ ގޮތް ވެސް ސާފުވާ ގޮތެއް ނުވެއެވެ.

