ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނިމިދިޔަ ދައުރުގައި ނަގާފައިވާ ދަރަނިތައް އަދާކުރުމުގެ ގޮތުން ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އަޒާން ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން ސަބްސިޑީ ދެމުންދާ އުސޫލަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ، އެއްވެސް މީހަކީ ލިބި ލިބި ހުންނަ އެއްޗެއް ގެއްލިގެންދާން ބޭނުންވާނެ މީހެއް ނޫންކަމަށެވެ.
މެމްބަރު ވިދާޅުވީ، ކިތަންމެ ފައިސާ ލިބުނު ނަމަވެސް އިންސާނުންގެ އެދުންތަކަކީ ފުދިގެންދާނެ އެއްޗެއް ނޫންކަމަށާއި އަބަދުވެސް އެދެމުންދާނީ އިތުރަށް ލިބުމަށްކަމަށެވެ. އެހެންކަމުން ސަބްސިޑީތަކެއް ކަނޑާލުމަށް އެއްވެސް ބަޔަކު ބޭނުން ނުވާނެކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއީ ސިޔާސީ ގޮތުން މަގުބޫލު ނިންމުމެއް ނޫންކަމަށް އަޒާން ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިންތިހާބަކަށް ފަހު އިންތިހާބެއް ކުރިއަށް ގެންދާގޮތަށް ކަނޑައެޅިފައިވާކަމަށްވުމުން އެފަދަ ދުވަސްވަރެއްގައި ސަބްސިޑީތަކެއް ކަނޑާލުން ފަދަ ނިންމުމެއް ތަންފީޒުކުރަން ފެށުމަކީ ފަސޭހަ ކަމަކަށް ވެގެން ނުދާނެކަން ފާހަގަކުރި އެވެ.
އަޒާން ވިދާޅުވީ، އެފަދަ މަސައްކަތްތައް ކުރިއަށް ގެންދަންޖެހެނީ ގޮންޖެހުންތައް ގިނަ މާހައުލެއްގެ ތެރޭގައިކަމަށެވެ.
އަޒާން ވިދާޅުވީ، ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތަކަށް ބަލާއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ މައްސަލަކަމަށެވެ. އެގޮތުން ކޮންމެ މަހަކުވެސް އެ ދަރަނިތައް އަދާކުރުމަށްޓަކައި އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭކަމަށާއި އިގްތިސާދީގޮތުންވެސް ދަތިތަކެއް ހުރިކަމަށްވުމުން ކުއްލި ގޮތަކަށް ރައްޔިތުންނަށް ދެމުންދާ ސަބްސިޑީއެއް ކަނޑާލުމަކީ ފަސޭހަ ކަމަކަށްވެގެން ނުދާނެކަމަށެވެ.
ސިއްހީ ހިދުމަތްތަކާއިމެދުވެސް އަޒާންވަނި މި ފުރުސަތުގައި މައުލޫމާތު ދެއްވާފައެވެ. މެމްބަރު ވިދާޅުވީ، އާސަންދައާއި އެންސްޕާގެ ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ހުރިކަމަށް ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުންކަމަށާއި ހަގީގަތުގައި ދިމާވެފައިވަނި ފައިސާގެ ދަތިކަންކަމަށް ފާހަގަކުރެއްވިއެވެ.

