މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މައުމޫނުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 7 ދައުވާއަށްވެސް އިންކާރުކޮށްފައެވެ.
މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މިހާރު މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ނިމިފައިވާ ކަމަށެވެ. ގާޒީ ވަނީ އިފްތިތާޙީ ބަޔާނާ ގުޅޭގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދައުލަތާއި ދިފާއަށްވެސް ދެއްވާފައެވެ.
މި މައްސަލައިގައި ދައުލަތުން ދެ ޝަފަހީ ހެއްކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް ހެކިވެރިއަކު މި އަޑުއެހުމުގައި ހާޒިރުވިއެވެ.
އޭނާއަކީ 2014 އިން 2018 އަށް މޯލްޑިވް ގޭސްގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. އެގޮތުން އޭރު އޭނާ ހުންނެވީ ކުންފުނީގެ ޕްރޮކިއުމަންޓް މެނޭޖަރެއްގެ ވަޒީފާގައެވެ. އޭރު މައުމޫނަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
އޭނާ ވަނީ މޯލްޑިވް ގޭސްއަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތްތައް ދިޔަ ގޮތާ ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ. އޭރު ގޭސް ހޯދަމުންދިޔައީ ސިންގަޕޫރުގެ ޕެޓްރަޑެކް ކުންފުނިންކަމަށާއި ނަމަވެސް މޯލްޑިވް ގޭސްގެ ކެޕޭސިޓީ ހުރިގޮތުން ގޭސް ލިބުމުގައި އޭރު ދަތިތަކެއް ހުރިކަމަށް އޭނާ ކިޔާދިނެވެ.
އޭގެ ފަހުން ލަންކާގެ ތްރީޑީއެޗް ކުންފުނި މެދުވެރިކޮށްވެސް ގޭސް ގެނެސްފައިވާނެ ކަމަށާއި، ”ޝެލް“ ކުންފުނިންވެސް ގޭސް ގެނެސްފައިވާނެކަމަށް އޭނާ ކިޔާދިނެވެ. ކުންފުނީގެ ޕޮލިސީ އޮންނަ ގޮތުން ދުރާލާ އިއުލާނު ކުރުމެއްނެތިވެސް އެ މަސައްކަތްތައް ޙަވާލު ކުރެވޭކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.
ތްރީޑީއެޗް ކުންފުންޏަކީ އޭރު ލަންކާގައި އޮތް ފެއަރ އެއްގެ ތެރެއިން ދިމާވި ކުންފުންޏެއްކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ. އެ ކުންފުނި ތައާރަފް ކޮށްދީފައިވަނީ ކުންފުނީގެ އެމްޑީ ކަމަށާއި، ނަމަވެސް ކުންފުނި ތައާރަފް ކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ބާރެއް އެމްޑީގެ ފުށުން މިކަމުގައި ފޯރުވާފައިނުވާކަމަށް އޭނާ ކިޔާދިނެވެ. އަދި ކުންފުނީގެ ”ބެކްގްރައުންޑް ޗެކް“ އެއް ހެދުމަށްފަހު ކުރިއަށް ދިއުމަށް އެމްޑީ އިރުޝާދު ދީފައިކަމަށްވެސް އޭނާ ކިޔާދިނެވެ.
ބާކީ ހުރި މަސައްކަތްތައް ކުރިއަށްދިޔައީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުންކަމަށް އޭނާ ކިޔާދިނެވެ. އޭރު ކުންފުނީގައި ހުރި ޕްރޮކިއުމަންޓް ޕޮލިސީތަކަކީ އޮޑިޓް ރިޕޯޓުތަކަށް ބަލައި، ގެނެސްފައިވާ ޕޮލިސީތަކެއް ކަމަށާއި، އެއީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ގެނެސްފައިވާ ޕޮލިސީތަކެއް ނޫންކަމަށް އޭނާ ކިޔާދިނެވެ.
ތްރީޑީއެޗް ކުންފުނިން ރާއްޖެ އައިސް ކުންފުނީގެ އިސް ވެރިންނާ ބައްދަލުވެސް ކޮށްފައިވާކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ. އެ ބައްދަލުވުންތައް ރަސްމީކޮށް ފެއްޓެވުމަށްފަހު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރވެސް ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވާ ކަމަށާއި، ރަސްމީ ”ނެގޯސިއޭޝަން“ ތަކުގައި އެމްޑީ ބައިވެރިވެވަޑައިނުގަންނަވާކަމަށް ހެކިވެރިޔާ ކިޔާދިނެވެ.
ހެކިވެރިޔާ ކިޔާދިން ގޮތުގައި ބޭނުންވާ ވަގުތަށް ރާއްޖެއަށް ގޭސް ލިބެން ޖެހޭނެކަމުގެ އިރުޝާދު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ކިބައިން ވަރަށް ސާފުކޮށް ލިބެމުން ދިޔައެވެ. މިހާރުވެސް ރާއްޖޭގައި ގޭސް ކުންފުންޏަށް ސަޕްލައި ކޮށްދެނީ އެ ކުންފުނިން ކަމަށް މައުލޫމާތު ލިބޭކަމަށް އޭނާ ކިޔާދިނެވެ. އަދި ތްރީޑީއެޗްއިން ގޭސް ލިބެމުން ދިޔައީވެސް ޕެޓްރަޑެކަށްވުރެ އަގުހެޔޮކޮށްކަމަށް އޭނާ ކިޔާދިނެވެ.
އޭރު އިތުރު ވިސްނުމަކަށް ގޮސް، ކުންފުނިތައް ބަލަންޖެހުނީވެސް ޕެޓްރަޑެކް އިން ގޭސް ނުލިބި، މޯލްޑިވް ގޭސް ކުންފުނިން ގޭސް އެއްކޮށް ހުސްވުން ފަދަ ޙާލަތްތައް މެދުވެރިވުމުގެ ސަބަބުންކަމަށްވެސް ހެކިވެރިޔާ ކިޔާދިނެވެ.
ދައުލަތާއި ދިފާއުންވެސް ވަނީ ހެކިވެރިޔާއާ ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

