ފެހި ގާނޫނުއަސާސީއާއި އެކު ”ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި“ ވެރިން ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދެއްކެވުމުގެ ކުރިޔަށް އެބޭފުޅުންގެ ވެރިކަމުގައި ހިނގާފައި ހުރި އަނިޔާވެރި އަމަލުތަކަށް އަމިއްލަފުޅަށް ނަޒަރު ހިންގާލުން މުހިންމުކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައީ ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގަމުން ދަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑިޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރުމުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެެއްވަމުންނެވެ.
ވަކި ރައީސެއްގެ ނަން ނުގެންނަވައި، މުހައްމަދު އިސްމާއިލް ކުރެއްވި އެ ޕޯސްޓު އަމާޒު ކުރެއްވީ ބެލެވޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވައި، މުހައްމަދު އިސްމާއިލް ޕޯސްޓެއް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ހިލާފަށް ހިންގި ކަންކަން މަތީން ހަނދާން ނެތުނީ ތޯ ސުވާލު އުފެދޭ ކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ 2008 ގައި ވުޖޫދުވި ފެހި ގާނޫނުއަސާސީއާއި އެކު ”ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި“ ވެރިން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަމުން ދަނީ ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށެވެ. އަދި އެބޭފުޅުންގެ ނަޒަރުގައި ދިވެހި ރައްޔިތުންނަކީ މޮޔައިންކަމަށް ދެކުނު ނަމަވެސް އާރާއި ބާރު އޮވެ ސަރުކާރު ހިންގަމުން ދިޔައީ އެބޭފުޅަކު ބޭނުންވި ގޮތަށްކަމަށް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުވައްސަސާތަކަށް އެ ވެރިކަންތަކުގައި މެމްބަރުން އައްޔަނުކޮށްފައި ވަނީ ވެސް ނުފޫޒު ފޯރުވޭނެ ގޮތެއް ހޯދުމަށް ފަހު ކަމަށެވެ. އަދި އެ މަގާމުތަކުގައި އޭރު ތިއްބެވީ ސަރުކާރުން ބޭނުންވި ބައެއްކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ވައްކަމާއި ކޮރަޕްޝަން ގިނަވެެފައިވާކަމަށް ބުނެ ނުވަތަ މިނިވަން މުވައްސަސާތަކަށް އެއްވެސް މިނިވަނެއް ނެތްކަމަށް ކުރީގެ ރައީސުން ވިދާޅުވާއިރު އެ ވެރިކަމެއްގައި ރައްޔިތުން ތިބެން ޖެހުނީ އައިސްދާނެ ތުހުމަތަކަށް ނޫނީ ދައުވާއަކަށް ބިރުންކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
”އިއްޔަ މެންދުރު ތިޔަބޭފުޅުންގެ ވެރިކަންތަކުގަ ބާރުވެރިކަން ގައުމާ ރައްޔިތުންގެ މައްޗައް އޮތްހިނދު ދިވެހި ގައުމުގެ ހަޒާނާއަށާއި ފެހި ގާޞޫނުއަސާސީގެ ދަށުން އުފައްދަފައިހުރި މިނިވަން މުވައްސަސާތަކަށް ތިޔަބޭފުޅުން ހިތުހުރި ބަޔަކު އައްޔަންކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދިޔާއީ ކޮންގާނޫނަކުން ކޮންގަވާއިދަކުން ބާރުލިބިގެންތޯ ؟ ކުރީގެ ރައީސުންނަށްދަންނަވަން ތީގެން ކޮންމެ ރައީސަކު 7 ގުދު އޮވެމެ ތިޔަގޮވަނީ. އިގްތިސޯދޭ، ކަރަޕްޝަނޭ، ސުޕްރިމްކޯޓޭ، ޖުޑިޝަރީއޭ، އޭސީސީއޭ، މިނިވަން މުވައްސަސާތަކޭ ސިޔާދަތޭ، މިނިވަންކަމޭ އޭރު ދަންނަވަންތޯ އެންމެންމެ ތިބެނީ ބިރުން ސިހިސިހި“ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ
މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ފާޑުކިއުމުގެ ކުރިޔަށް އެބޭފުޅުން ވިސްނަން ވީ، އެ ސަރުކާރެއްގައި ހިނގާފައި ހުރި ވިޔާނުދާ އަމަލުތައް ކަމަށެވެ. އަދި އޭރު ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި ކޯޓުތަކަށް ފޯރުވި ނުފޫޒުގެ މަތީން ހަނދާންއާ ކުރުމަށް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ކުރީގެ ރައީސުންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރައި، ދިވެހިންނަށް އޭގެ ނިކަމެތިކަން އިހުސާސް ކުރެވޭ މިންވަރަށް ހާލަތު ދިޔަކަމަށެވެ.
ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވި ވާހަކައަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވެސް ރައްދު ދެއްވާފައި ވެއެވެ.
ފަލާހު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރާއްޖޭގެ ތާރިހުގައި ވެސް ގައުމުގެ ވެރިކަން ކުރެއްވި އެންމެ ކޮރަޕްޓު ބޭފުޅާއެވެ. އަދި އެމަނިކުފާނަކީ އަނިޔާވެރިއެއްކަމަށް ސިފަކޮށް ވިދާޅުވީ ކޯޓުތަކަށް ނުފޫޒު ފޯރުވައި 18 ވަނަ މަޖިލީހަށް ވެސް ރައީސް ޔާމީން ބާރުފޯރުވިކަމަށެވެ. އޭރު އެމަނިކުފާނާއި ހިޔާލުތަފާތުވި މެމްބަރުންގެ ގޮނޑި ގެއްލުވާލައި، ކޯޓުގެ ފުރާޅުން ޓިނު ނެންގެވިކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

