ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯތެއް ތަރައްގީކޮށް އެ ޕޯޓު ހިނގުމަށް އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ހަވާލުކޮށްފި އެވެ.
ޕޯޓު ހިންގުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިރޭ އޮތް ރަސްމިއްޔާތެއްގަ އެވެ.
އެކަމަށް ހާއްސަކޮށް ކުޑަހުވަދޫގައި އޮތް ހަފްލާގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ރިޝްވާނެވެ.
އެމްޕީއެލްއާއި ހަވާލުކޮށްގެން ކުޑަހުވަދޫގައި ތަރައްގީ ކުރ ކޮމާޝަލް ޕޯޓުގެ މައިގަނޑު މަސައްކަތަކީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކްގެ މަސައްކަތެވެ. އަދި މި ޕޯޓާއި އެކު ކުޑަހުވަދޫގައި މުސްތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ އިގްތިސާދީ ގޮތުން ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެމްޕީއެލްއިން ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީ ކުރާނީ ޕޯޓުގެ އެކި ހިދުމަތްތައް ލިބޭ ގޮތަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ކުޑަހުވަދޫގައި ބޮންޑަޑް ވެއާހައުސް ހަދައި އިތުރު ހިދުމަތްތައް ތައާރަފު ކުރެވިގެން ދާނެ އެވެ.
ކުޑަހުވަދޫއަކީ އާބަން ސެންޓަރުތައް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 7 ރަށުން ރަށެކެވެ.

