ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އޮތީ ކަޅު އަނދިރިގަނޑެއްގެ ތެރޭ، ވަޅޯ މަސް ވަޅޯ ކުރުން ނޫން ކަމެއް ނުވޭ: ލަތީފް

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- 12 މެމްބަރުންގެ ތެރޭގައި ހިމެނުނު ލަތީފްގެ ފާޑުކިޔުން ރައީސް ސޯލިހްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކަޅު އަނދިރިވެފައިވާކަމަށާއި، ސަރުކާރަށް ވަޅޯމަސް ވަޅޯ ކުރުން ނޫންކަމެއް ނުކުރެވޭކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ލަތީފްއަކީ ރައީސް ޔާމީން، ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލް ކުރައްވާ ކަމުގެ ތުހުމަތާ އެކު އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ފެއްޓެވެމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެގައި ހިމެނޭ މެމްބަރެކެވެ.

އޭރު ލަތީފްއަށް މަޖިލީހަށް ނުވަދެވި ދޮޅު އަހަރެއްހާ ދުވަސްވަންދެން އުޅުއްވަންޖެހުނެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިތުރު ދައުރަކަށް އޭނާ ކުރިމަތިލުމުންވެސް ވަނީ ނާކާމިޔާބު ވެ ވަޑައިގެންފައެވެ.

ގިނަ ދުވަސްތަކަށް ފަހު ލަތީފް އަޑު ނީވި ދިޔަނަމަވެސް އޭނާ ކުއްލި ގޮތަކަށް ފެނިގެން ދިޔައީ ޕްރޮގްރެސިވް ކޯލިޝަންއިން މިދިޔަ މަހު ބޭއްވި “ކޮބާ ނުވިއެއް ނު” ޖަލްސާގެ ތެރެއިންނެވެ. އެރޭގެ ޖަލްސާގައި ވެސް ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ލަތީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕްރޮގްރެސިވް ކޯލިޝަންއިން ބުރާސްފަތި ދުވަހު ބޭއްވި “ދަވާލައިފި” ޖަލްސާގެ ތެރެއިން ހިތުގެ އުދާސްތައް ބޭރު ކުރައްވައި ވިދާޅުވީ ރައީސް ސޯލިހް 12 މެމްބަރުންނަށް “ކެހި ދީ، އޮޅުވާލީ” ކަމަށެވެ. ރައީސް ސޯލިހާއި އެމްޑީޕީއަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާ ލަތީފް ވަނީ އެއީ ބޭވަފާތެރިންގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ރައީސް ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެއްކި ވާހަކައިގައި ލަތީފް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ކުރިޔަކަށް ނުދާކަމަށެވެ.

“ލަނޑު ދިނީ އަޅުގަނޑުމެން 12 މެމްބަރުންނަށް އެކަންޏެއް ނޫން، ދިވެހި ރައްޔިތުންވެސް އޭގެ ތެރޭގައި ހިމެނޭ. އޮޅުވާލައިފި، މަކަރު ހަދައިފި، ވީ އަހުދާއި ހިލާފު ވެއްޖެ. ސަރުކާރު ހިންގަން ނޭގެންޏާ ދެން ފައިބަންވީ. މަކަރުވެރިކަމާއި ހީލަތްތެރިކަމުން ދިން ލަނޑު (އަޅުގަނޑުމެން) ހަނދާނެއް ނުނެތޭނެ” ލަތީފް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށްޓަކާ އެއްވެސް ކުރިއެރުމެއް ނުގެނެސްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ދައްކަން ބޭނުންވާ މަންޒަރާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިއުމުގެ ގާބިލްކަމެއް ނެތްކަމަށް ލަތީފް ވިދާޅުވިއެވެ. ސޯޝަލް މީޑިއާއިންނާއި އެހެން ގޮތްގޮތުން، ސަރުކާރަށް ޕީއާރު ޖެއްސިއްޔަސް އެއީ އަދި އަސްލެއް ނޫންކަމަށާއި، ކިތަންމެ ކަންކަން ވާކަމުގެ މަންޒަރު ދެއްކެޔިސް އެއީ ހަމަ “ކަކުނި ބޮލުން” ވިސްނާ ވިސްނުންކަމަށް ލަތީގް ވިދާޅުވިއެވެ.

“މި މީހުން އުޅެނީ ތިމަންނާ މެންގެ ބޯ ވަރަށް ބޮޑުކަމަށް ހެދިގެން. ކަންކަން ވާކަމަށް ބުނެ އުޅޭ. ކަކުންޏަކަށް ވުރެ ބޯ ބޮޑީ. ވިސްނަވާ، ކަކުންޏަކީ ބޯ އިންނަ އެއްޗެއް ނޫނޭ، އެއީ ހުސް ފޮށިގަނޑެއް” މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތް ކުރެއްވި ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ގައުމު މިއޮތީ އަނދިރިކަމެއްގެ ތެރޭގައިކަމަށެވެ. 32 ބިލިއަންގެ ބޮޑު ބަޖެޓެއް ހުސްވެގެން ދިޔަގޮތް އެނގޭ އެއްވެސް ދިވެހި ރައްޔިތެއް ނެތްކަމަށާއި، އެ ބޮޑު ބަޖެޓު ހުސްވެގެން ދިޔައިރު “ވީކަމެއް، ލީ ރަނގަޅު ރަހައެއްވެސް ނެތް” ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ލަތީފް ވިދާޅުވީ މި އަނދިރިކަން ފިލުވާލެވޭނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިބު ކާމިޔާބު ކުރެވިގެންކަމަށެވެ.

“ބަލަ ތަރައްޤީއެއް ނާދޭ، (ރައީސް ސޯލިހްގެ) ސަރުކާރު އަނދިރިވެއްޖެ. މަސައްކަތްތެރިންނާއި މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ގެއްލިއްޖެ. މަސްވެރިންނާއި ދަނޑުވަރިންނާއި ކިޔަވާ ކުދިންނަށް ވެސް ސިގްނަލް ކެނޑިއްޖެ. ރައީސް ޔާމީން ގެންނެވި ތަރައްޤީ މިދަނީ އެތައް އަހަރެއް ފަހަތައް. މިއީ ތިޔަބޭފުޅުން ވިސްނާންވީ ކަންތައް” ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ ގައުމަށް ހެޔޮ ބަދަލެއް ގެންނާނެ ވެރިއެއް މިއަދު ނެތްކަމަށެވެ. މިތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށް ޖައްސާ ތުރާލާއި ޖެއްސުމުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް ލަތީފް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ލަތީފު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރަކީ އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބުނު ފަސް އަހަރު ކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވެސް ލަތީފު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: