ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ: ގެއްލުމުގެ ތެރެއިން ފައިދާ ހޯދުމުގެ އުންމީދުގައި!

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- ޅ އަތޮޅު ފެލިވަރުގައި އަމްރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ މިފްކޯއަށް ގެއްލުންވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި މަސް ބަންދުކޮށް ފްރީޒް ކުރެވޭނެ ކެޕޭސިޓީއެއް ނެތުމުގެ ސަބަބުން ތައިލޭންޑަށް މަސް އެކްސްޕޯޓު ކުރަންޖެހުން ކަމަށްއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވުމުގައި ދަތިތަކެއްވާކަމަށް ބައެއް މަސްވެރިން ފާހަގަކޮށްފައިވެއެވެ. މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ޅ. ފެލިވަރުއަށް ނޫސްވެރިންނަށް ދައުވަތުތީ އެސްޓީއޯއިން ވަނީ މަސް ގަތުމުގައި ދިމާވާ ދަތިތަކާއި އަދި މަސް ގަތުމުގައި އަމަލު ކުރާ އުސޫލުގެ އިތުރުން މަސް ބަންދު ކުރުމުގެ ޕްރޮސެސްއާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މުޅި އަހަރުތެރެއަށް ވެސް ބަހާލައިގެން ކުރިޔަށް ގެންދަން ޖެހިފައިވަނީ މުހިންމު އަދި ބޮޑެތި މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ މިވަގުތު ގެނެވިފައި ހުރި ބައެއް ބަދަލުތަކުގެ ސަބަބުން އަހަރު ނިމިގެންދާއިރު ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެކަމަށެވެ.

މިފްކޯގެ ތާރީހަށް ބަލާއިރު މުޅި ޖުމްލަ ގެއްލުމުގެ އަދަދު އެއް ބިލިއަނަށް ވުރެ މައްޗަށް އަރާނެކަން އަމްރު ފާހަގަކުރެއްވިއެވެ. އަމްރު ވިދާޅުވީ މީގެ ކުރިން އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ އެސްޓީއޯގެ ދަށަށްވެސް ބަދަލު ކުރަންޖެހުނީ ކުންފުނި ސަލާމަތް ކުރުމަށް އެ ނޫން އިތުރު ގޮތެއް ނެތިގެންކަމަށެވެ.

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު އަޔާދު — ފެލިވަރުގެ މަސް ބަންދު ކުރުން ނޫސްވެރިންނަށް ދައްކާލުން

މިފްކޯއަށް ލިބެމުން އަންނަ ގެއްލުންތަކުގެ ތަފްސީލު ދެއްވައި އަމްރު ވިދާޅުވީ އެކްސްޕޯޓު ކުރާ މަހުގެ ތެރެއިން ޓަނެއް ތައިލޭންޑަށް ވިއްކަން ޖެހެނީ މަސް ގަންނަ އަގަށްވުރެ 400 ޑޮލަރު އަގުހެޔޮކޮށް ކަމަށެވެ. ނަމަވެސް، ތައިލޭންޑުން މަސް ގަނެ، އެ ޕްރޮސެސްކޮށް ބަންދު ކުރާ ކަމަށާއި ދަޅުގެ ބޭރުގައި ރާއްޖޭގެ މަސްގެ ގޮތުގައި ޖަހާކަމަށެވެ. އެއަށްފަހު މިފްކޯއިން މަސް ދަޅުގައި ބަންދު ކުރުމަށްފަހު އެކްސްޕޯޓުކޮށް ވިއްކަން މަސައްކަތް ކުރާއިރު ތައިލޭންޑުން ގަތް މަސް ވިއްކަނީ މާ އަގުހެޔޮކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

“އެއް ބަޔަކު ގަންނަން މިތިބެނީ. އަޅުގަނޑުމެންވެސް މަސް، ދަޅުގައި ބަންދުކޮށް ގެންގޮސް މި ބުނަނީ މިއީ ރާއްޖޭގެ މަހޭ. ބުނީމަ އެއްކަލަ ތައިލޭންޑު މީހުން ވެސް ރާއްޖޭގެ މަސްގެ ގޮތުގައި ވިއްކާ ދަޅު ދައްކާފައި މި ބުނަނީ ތިމަންނާމެން މި ވިއްކަނީ މާ އަގު ހެޔޮކޮށްންނޭ…” އަމްރު ވިދާޅުވިއެވެ.

އަމްރުގެ އެ ވާހަކައާއި އެކު ދެން މި މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރުމުން ވިދާޅުވީ ހައްލެއްގެ ގޮތުގައި ބޭނުންވަނީ ކުޑަ މަސައްކަތެއްކަމަށެވެ. އަދި އެއީ ރާއްޖެއަށް ބާނާ މަސް ދަޅުގައި ބަންދު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ބައްލަވާ، މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދީމާ އޭގެ ރަނގަޅު އަސަރު ކުރާނީ ހަމަ ދިވެހި ރާއްޖޭގެ އިގްތިސޯދަށް. މިއީ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާ ކުރާ އެއް އިންޑަސްޓްރީ” އަމްރު ވިދާޅުވިއެވެ.

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު އަޔާދު — ފެލިވަރުގެ މަސް ބަންދު ކުރުން ނޫސްވެރިންނަށް ދައްކާލުން

މީގެ އިތުރުން އަމްރު ވަނީ، ކުންފުނީގެ މަސައްކަތްތަކަށް ކެޕޭސިޓީ އިތުރު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން އަމްރު ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި އެކު ފެލިވަރުގެ ކެޕޭސިޓީ ބޮޑު ކުރުމަށް ފަންޑު ލިބި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭވަރު ވާނެކަމަށެވެ.

“ފަންޑު ހުރީ އެކި ގޮތްގޮތުން ހަމަޖެހިފައި. އޭގެ އިތުރު ތަފްސީލެއް ލިބޭނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ އޭގެ ކުރެހުންތަކާއި، ދިރާސާތައްކޮށް ރަނގަޅު ޕްލޭނެއް ހެދުން. އެކަން ވަނީ ނިންމާލެވިފައި” އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވި ގޮތުން އަމާޒަކީ ފެލިވަރުގެ ކެޕޭސިޓީވެސް އިތުރު ކުރުމެވެ. ފެލިވަރު ކޭނަރީ އާއި އެހެން ފެސިލިޓީސްތަކަށް ބަދަލު ގެންނަން ޖެހޭއިރު މިވަގުތުއިން ކާރުހާނާ ބޮޑު ކުރާނީތޯ ނުވަތަ އެހެން ސަރަހައްދެއްގައި ފެންވަރު ރަނގަޅު ކާރުހާނާއެއް އަޅާނީތޯ މަޝްވަރާ ކުރާނެކަމަށް އަމްރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ފަސްޓް ޕްރައިއޯރިޓީއަކީ މަސްވެރިން ގެންނަ މަސް ގަނޑު ކުރެވޭގޮތާއި، ގަނޑުކޮށްފައި ސްޓޯ ކުރެވޭނެ ގޮތްތައް ހެދުން” އަމްރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: