އެމްޑީޕީއަށް ވެރިކަން ލިބި މަޖިލީސް ކާމިޔާބުވީއިރު، މައްސަލަތައް ހައްލުކުރިނަމަ، މިއަދު ކަންބޮޑުވާން ނުޖެހުނީސް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށައެޅުއްވި ގަރާރަށް ދެއްކެވި ވާހަކައިގައި މެންބަރު ދީދީ ވިދާޅުވީ، ފެހި ގާނޫނު އަސާސީއިން ވެރިކަން ކުރަން ފެށިއިރު، އެމްޑީޕީއަށް މިކަން ހައްލުކުރުމުގެ ފުރުސަތު ލިބުނުކަމަށެވެ.
އެހެން ނަމަވެސް ވެރިކަން ލިބި، މަޖިލީސް ކާމިޔާބުވުމުން އެމްޑީޕީއިން ކަން ކުރި ގޮތަކީ ކޯޓުތަކުގެ ފަނޑިޔާރުން ހިފާ ހައްޔަކުރުންކަމަށާއި، އަދި ކޯޓުތަކަށް ބިރުދެއްކުންކަމަށް ވިދާޅުވިއެވެ. ސުޕްރީމް ކޯޓު އެއްކޮށް ބަދަލުކުރުމަށްވެސް މަސައްކަތްތަކެއް ކުރިކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަށް އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބާރުތައް ލިބުނު ނަމަވެސް މިފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފާހަގަކޮށް މެންބަރު ދީދީ ވިދާޅުވީ، މި ގަރާރު ހުށައެޅުއްވި މެންބަރު މީކާއީލްއަށްވެސް މި ފުރުސަތުތައް ލިބުނުކަމަށާއި، އޭރު މިފަދަ ކަންކަމަށް ވަކާލާތުކޮށްފައި ނުވާކަމަށެވެ.
ދިހަ ބާރަ އަހަރު، ފަނަރަ އަހަރު ވެއްޖެއޭ. އިއްޒަތްތެރި މެންބަރު މީކާއީލު އޭރު އަޑު ނުއުފުލީ ކީއްވެގެންތޯއޭ މި މައްސަތައް އަވަސް ކުރަން އެ ސަރުކަރުގައި. އެހެން ނަމަ ހުށަހަޅައިގެން ބަދަލުތައް ގެނެސް، ތި ބޭފުޅުންގެ މެޖޯރިޓީ އޮތް ސަރުކާރެއްގައި މި ކަންކަން ކުރެއްވިނަމަ މިއަދު މި ގަރާރުތަކާއި މި ކުއްލި މައްސަލަތަކާއި އެއްޗެހި މި ތަނަށް ހުށަހަޅައިގެން ނޫނީ ބަހުސްކުރާކަށް ނުޖެހޭނެ.
މެންބަރު ވިދާޅުވިއެވެ.
ދީދީ ވިދާޅުވީ އޭރު އެމްޑީޕީގެ ވެރިކަމުގައި، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުން މިކަންކަން ކުރިނަމަ، މިހާރު މި ގަރާރުތަކާއި، ބިލުތައް ހުށައަޅަން ނުޖެހޭނެކަމަށެވެ. އޭރު މީކާއީލްވެސް ހުންނެވީ ޒިންމާއިން ބަރީއަވެ ފިލާގެންކަމަށާއި، އެއްވެސް ވަރަކަށް މަޖިލީހުގެ މެންބަރެއްގެ ޒިންމާ އަދާ ނުކުރައްވާކަމަށް ވިދާޅުވިއެވެ.
މެންބަރު ދީދީ ވިދާޅުވީ ސަރުކާރުން ކުރާ ރަނގަޅު ކަންކަން އޮއްބާލަން މަސައްކަތް ކުރުމުގެ ބަދަލުގައި، މަސައްކަތް ކުރަންވީ އެންމެ ގުޅިގެން އެކުގައި މައްސަލަތަކަށް ހައްލު ގެނެވޭތޯކަމަށެވެ. އެހެން ނަމަވެސް އިދިކޮޅުން ކުރަނީ ފިތުނަ ފަސާދަ އުފެއްދުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައިވެސް ރަނގަޅު މަސައްކަތެއް ކުރާނަމަ، އެމްޑީޕީއިން އެއްބާރުލުން ނުދޭކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީރުން މަޖިލީހަށް ހާޒިރުކުރަނީ، ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަށްކަމަށް ބުނެ ނަމަވެސް، ވަޒީރު ހާޒިރުވެ ދެއްވާ ޖަވާބުތައް އަޑު އެއްސެވުމުގެ ގާބިލްކަން އެމްޑީޕީގެ މެންބަރުންގެ ކިބައިގައި ނުހުންނަކަމަށް ވިދާޅުވިއެވެ.

