ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް އެއް އަހަރު، ކޯލިޝަންގެ ހާލަތަކީ ކޮބާ؟

ސަރުކާރަށް އެއް އަހަރު، ކޯލިޝަންގެ ހާލަތަކީ ކޮބާ؟
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހަނދާނަށް އަންނަނީ އަހަރެން މީގެ ދޮޅު އަހަރު ދުވަސް ކުރިން ލިޔުނު ރިޕޯޓެއްގެ މަތީންނެވެ. ރާއްޖެ، ޑިމޮކްރަސީގެ މަގަށް ދަތުރު ކުރި ފަހުން އިންތިހާބުތަކުގައި ދައްކަމުން އަންނަނީ އެއް ފޯމިއުލާއެއް ނަމަވެސް، އެ ފޯމިއުލާގެ ބޭނުން އަހަރު ދުވަސް ނުވަނީސް ކެނޑިގެންދާ ވާހަކައެވެ.

ގިނަ ޕާޓީތައް އެކުލެވޭ ސިސްޓަމާއި އެކު، ކޮންމެ ސިޔާސީ ލީޑަރަކަށް ވެސް ގަބޫލު ކުރެވިފައި އޮންނަނީ “ކޯލިޝަން” އަކާއި ނުލައި ނޫނީ ވެރިކަމަށް ނާދެވޭނެ ކަމެވެ. 2008 ވަނަ އަހަރާއި 2013 އަދި 2018 ގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެވުނީ މި ބީދައިންނެވެ.

ޒަމާނުއްސުރެ، ދެ ހަތުރުންގެ ގޮތުގައި ދިވެހި ރައްޔިތުންވެސް ބަލަމުންއައި، ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީއާއި، ރައީސް މައުމޫން އަބުދުލްގައްޔޫމް އެއް ގަލަކަށް އެރުން ވީ “ތެލާއި ފެން އެއްވުން” ފަދަ ކަމަކަށެވެ. މިހުރިހާ ކަމެއްވެސް އައި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހަމައިންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި، ޖުމްހޫރީޕާޓީއާއި އަދާލަތު ޕާޓީގެ މަންދޫބުން އެ ނޫސް ކޮންފަރެންސް ދެއްވާ ޕެނަލްގައި ރައީސް މައުމޫންގެ ފަރާތުން އިންނެވީ އެ ފެކްޝަންގެ ސެކޭޓްރީ ޖެނެރަލް އަބްދުލް އަލީމެވެ. އެ ދުވަހު މިހާ ދުވަސްވަންދެން މިކަން ދެމިގެން ހިގައިދާނެ ކަމަކަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަމެވެ. އެކަން ގަބޫލު ކުރާނެ ރައްޔިތަކުވެސް ނުހުންނާނައެވެ.

ސިޔާސީ މައިދާނުގައި ފެނުނު އެންމެ ތަފާތު އެއް މަންޒަރު، ރައީސް މައުމޫން އެމްޑީޕީ އޮފީހަށް

ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ގާސިމް އިބްރާހިމްއާއި، ޝައިޙް އިމްރާން އަބުދުﷲ މިވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމަށް ނިމުން ގެނައެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީއިންތިހާބަށް އެއް އަހަރު ދުވަސް ފާއިތުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެއް އަހަރު ދުވަސް ވީއެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރަކީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ސިފަކޮށް އެ ވެރިކަމާއި ދެކޮޅަށް ނިކުތީ ރައީސް ނަޝީދެވެ. ސިޔާސީ ޕާޓީތައް އުފައްދަވާ ކުރަމުންދިޔަ މަސައްކަތް 2008 ވަނަ އަހަރުގެ އިންތިހާބާއި ހަމައިން އިތުރުވެގެން ދިޔައެވެ. ގާސމް އިބްެރާހިމްގެ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން، އަަދި އައިޑީޕީގެ ލީޑަރު އުމަރު ނަސީރު އޭގެ ތެރޭގައި ހިމެނެއެވެ. ބޮޑު ބިޔަ ކޯލިޝަން ކުދި ކުދިވެގެން ދިޔައީ ސަރުކާރަށް މަސް ދުވަސް ނުފުރެނީހެވެ. އޭރު އެންމެ ފުރަތަމަ ވެސް ކޯލިޝަނުން ވަކިވީ ގާސިމް އިބްރާހީމެވެ. އޭގެ ދުވަސްތަކެއް ފަހުން ކޯލިޝަންގެ އެހެން ޕާޓީތައް ވެސް ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅުވިއެވެ.

އެއަށްފަހު ދެން އައީ، 2013 ގެ އިންތިހާބެވެ. އިތުރު ގޮތެއް ނެތިގެން ރިޔާސީ އިންތިބާގެ ދެވަނަ ބުރުން ކޯލިޝަނަކަށް ބޭނުންވިއެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދާއި އެކު ނިކުތް ގާސިމާއި، އިމްރާން މިފަހަރު ނިކުތީ ރައީސް ޔާމީނާއި އެކުއެވެ. ރައީސް މައުމޫންގެ ލީޑާޝިޕްގެ ދަށުން ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަން މިފަހަރުވެސް ކާމިޔާބު ހޯދިއެވެ.

ކޯލިޝަން މިހާތަނާއި ހަމައަށް ދެމި އޮވެދާނެ ކަމަށް ގިނަ ބަޔަކު ހީއެއްވެސް ނުކުރޭ

ކޯލިޝަން ރިޔާސީ އިންތިހާބުން ކުރި ހޯދި ނަމަވެސް، އެތެރޭގައި ހުރި ރެނދުތައް ސަރުކާރަށް އަހަރެއް ހާ ދުވަސް ނުވަނީ ފަޅައިގެން ދިޔައެވެ. އެތެރޭގެ ކޯޅުންތަކަށްފަހު 2014 ވަނަ އަހަރުގެ މެދާއި ހަމައަށް ވެސް ނުދަނީސް ކޯލިޝަންގެ އެއް ޕާޓީކަމަށް ވާ ޖުމްހޫރީ ޕާޓީ ސަރުކާރުން ވަކި ކުރިއެވެ.

ސަބަބުތައް ވަރަށް ބައިވަރެވެ. އެންމެ ކުރީއްސުރެ ދިވަހި ރާއްޖޭގެ ވެރިމީހާ ކަމުގެ މަގާމަށް އަންނަން ބޭނުންވި ގާސިމް ބޭނުންވީ ދައުލަތުގެ ތިން ބާރުން އެއް ބާރެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމެވެ. މަޖިލީހުގެ ރައީސްގެ ކޯޅުމުގެ ތެރެއިން، ޖޭޕީއާއި އަދާލަތުން ބައިޔަތު ހިފިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅާލީއެވެ.

މިއީ މާޒީގެ ވާހަކަތަކެވެ. ފާއިތުވީ ދެ އިންތިހާބުގެ ކޯލިޝަންގެ ނިމެން ނެގި ދުވަސްތަކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށިގެން އައި ދަތި އުނދަގޫތަކާއި އެކުއެވެ. ސިޔާސީ ގޮތުން، ހިޔާލު ތަފާތުވެ އެއް ބައެއް އަނެއް ބައެއްގެ ބޮލުގައި ހުތުރު ތުހުމަތުތަކެއް އެޅުވުމަށްފަހު ވެސް “އެއް ގަލަކަށް” އެރުން ނޫން ގޮތެއް ނެތެވެ. 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފޫގަޅާލި ގޮތަށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ވެސް އޮތީ ފޫގަޅާލަން ޖެހިފައެވެ.

މި މަސައްކަތް ވަރަށް ކުރީން ފެށުނެވެ. “މޯލްޑިވްސް ޔުނައިޓެޑް” އޮޕޮޒިޝަންގެ ނަމުގައި އެންމެ ފުރަތަމަ އުފެދިގެން އައި ކޯލިޝަން މިއަދު އެ އޮތީ ވެރިކަމުގައެވެ. ކޯލިޝަން ވެެރިކަމަކަށް އެއް އަހަރު ވީއިރު ހާލަތަކީ ކޮބައިތޯ ބަލާލުންވެސް މުހިންމެވެ.

ހަނދާނަށް އަންނަނީ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ ވާހަކަފުޅެވެ. ރައްޔިތުންނަށް އެމަނިކުފާނު ވޯޓު ދެއްވީ ކޯލިޝަން ކެނޑިޑޭޓެއްގެ ގޮތުގައިކަން ފާހަގަ ކުރެއްވިއެވެ. މިއީ ހަމައެކަނި “އެއް” ސިޔާސީ ޕާޓީގެ މަސައްކަތެއް ނޫންކަން އެމަނިކުފާނު ގަބޫލު ކުރައްވައެވެ.

ރައްޔިތުން ވޯޓު ދެއްވި ސަބަބު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަމަށާއި، މިއީ ކޯލިޝަން ސަރުކާރެއް ކަމަށް ވިދާޅުވިއެވެ. އެ ވާހަކަފުޅަށް އެއް އަހަރު ދުވަސް ވެގެންދިޔައިރު މިއަދާއި ހަމައަށް ބޭއްވި ކޮންމެ މުނާސަބާއެއް، ކޮންމެ ޖަލްސާއެއް، ކޮންމެ ބައްދަލުވުމެއްގައި ހަމަ “އެ ވާހަކަ” ތަކުރާރު ކުރައްވައެވެ. އަކުރަކަށް، ފިއްޔަކަށް ވެސް ބަދަލެއް ނާދެއެވެ. “މިއީ ކޯލިޝަން ސަރުކާރެކެވެ. ދެމި އޮންނާނީ ވެސް ކޯލިޝަންއެއްގެ ގޮތުގައި” އެވެ.

މިއީ ކޯލިޝަން ސަރުކާރެއް، ދެމި އޮންނާނީ ވެސް އެގޮތުގައި؟

ކޯލިޝަން ރޫޅިދާނެ ހާލަތްތައް ނާދެއެކޭ ނުބުނާނާނަމެވެ. އެފަދަ އެތައް ހާލަތެއް އައެވެ. ދެންމެ ދެންމެއަކު ރޫޅިގެން ހިނގައިދާނެ ހެންވެސް ހީވިއެވެ. އެހެން ނަމަވެސް އެފަދަ ކޮންމެ ހާލަތެއްގައި ވެސް ރައީސް ސޯލިހް ނިކުންނެވިއެވެ. ކޯލިޝަންގައި ހިފަހައްޓާ ބަދަހިވެސް ކުރިއެވެ.

ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖޭޕީ ދެމެދު މައްސަލަ ޖެހި އޮތީ ހޫނުވެފަ އެވެ. މިއީ އެއްވެސް އިރެއްގައި އާ ކަމެއް ނޫނެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި އެއް ޕާޓީން އަނެއް ޕާޓީއަށް ހަމަ ގަލެއް އެއްލާލާއެވެ. ގާސިމް ހިތްހަމަނުޖެހި ވަޑައިގެން “ގަދަވެ ގަނެގެން” މަޖިލީސް އިންތިހާބަށް ޕީޕީއެމްއާއި އެކު ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރިއެެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަން އިން ވަކި ނުވާނެ ކަމަށާއި، ޕާޓީ އަބަދުވެސް އޮންނާނީ ރައީސް ސޯލިހްއާއި އެކު ކަމަށް ބުންޏެވެ.

ކޯލިޝަންގެ ލީޑަރުންގެ ގުޅުން ބަދަހި ކުރުމަށްޓަކާ، ހަތަރު ލީޑަރުން މަހަކު އެއް ފަހަރު ބައްދަލު ކުރާނެ ކަމަށް މީޑިއާތަކަށް އޮތީ އެނގިފައެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި މަޝްވަރަތާއް ކުރިޔަށް ގެންގޮސްފައިވަނީ 3 ފަހަރެއްގެ މަތީންނެވެ.

ލީޑަރުންނާއި ބައްދަލު ކުރައްވާނެކަމަށް ރައީސް، ސޯލިހް ތާރީހުތައް ދެއްވައެވެ. ހަމަ އެފަދަ ތާރީހެއް ދާދި ފަހުންވެސް ދެއްވިއެވެ. އެއީ، އދ ގެ ތަގުރީރަށްފަހު ރާއްޖެ ވަޑައިގެން ލީޑަރުންނާއި ބައްދަލު ކުރައްވާނެ ކަމެވެ. އެހެން ނަމަވެސް، އެ ދަތުރުފުޅު ނިންމާ މާލެ ވަޑައިގެންނެވިތާ އެއް މަސް ދުވަސްވީއިރު އަދި ލީޑަރުންގެ ބައްދަލުވުމެއް ނުބާއްވައެވެ.

ލީޑަރުންނާއި އެއް މޭޒެއްގައި ބަދަލު ނުކުރި ނަމަވެސް، ހުރިހާ ލީޑަރުންނާއި ވެސް ގުޅުއްވާ ރައީސް ސޯލިހް މަޝްވަރާ ކުރައްވައެވެ. ކަންކަމުގައި ލަފާ ވެސް ހޯއްދަވައެވެ.

މަޝްވާރާ ވެސް ކުރެވިދާނެއެވެ. ގުޅުންވެސް ބަދަހި ކުރެވިދާނެއެވެ. އަނެއްކާވެސް މި އޮތީ އިމްތިހާނެކެވެ. ކޯލިޝަން މި އިމްތިހާނުން ފާސްވެއްޖެނަމަ ކޯލިޝަނާއި މެދު ކުރެވޭ އުންމީދުތައް ޔަގީނަކަށް ބަދަލުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: