ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްސެގެ މަރު އެނގި ހުރެ ފޮރުވިކަމަށް ދެ ބިދޭސީންނަށް ސާބިތެއް ނުވި!

އިއްސެގެ މަރު އެނގި ހުރެ ފޮރުވިކަމަށް ދެ ބިދޭސީންނަށް ސާބިތެއް ނުވި! - ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލިކަން އެނގި ހުރެ އެކަން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ ބިދޭސީއަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން، 2017 ގައި އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އިއްސެ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ސުމޮން މިއާގެ މައްޗަށެވެ. އިއްސެގެ މަރުގެ ތުހުމަތުގައި ސުމޮން މިއާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން އޭނާ މިއަދާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ. ތަހުގީގުގައި ވެސް ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ސޮމޮންގެ ޝަރީއަތް އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަނީ ކުރިއަށެވެ.

އަދި އެ ގައުމަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އިކްރަމް ސެއިހްކް އާއި މުހައްމަދު މިލޮންގެ މައްޗަށް ކުރީ އިސްމާއިލް މަރާލިކަން އެނގި ހުރެ މަރެއް ފޮރުވި ކަމަށް ބުނެ އެވެ.

އިކްރަމް ސެއިހްކް އާއި މުހައްމަދު މިލޮންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ކުރި ހުކުމުގައި ބުނީ އެ މީހުން ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތަހުގީގު ބަޔާނުންނާއި ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު ވެސް ސުމޮން މިއާ މީހަކު މަރާލިކަން ކްރަމް ސެއިހްކް އާއި މުހައްމަދު މިލޮންގް އަށް ކުރިން އެނގޭކަން އެނގެން ނެތް ކަމަށް ހުކުމް ގައި ވެ އެވެ. އަދި އޭގެ ތެރެއިން މިލޮން އޭނާގެ ރަހުމަތްތެރިއަކު ހދ. ކުޅުދުއްފުށްޓަށް ދިއުމަށް ލޯންޗް ދަތުރެއް ކޮށްދޭން އެދުނު ކަމަށް ބައެއް މީހުން ހެކިބަސް ދީފައި ވިޔަސް، އެކަމަކީ އެނގި ހުރެ މަރެއް ފޮރުވުމުގެ އަމަލެއް ކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން އެނގި ހުރެ މަރެއް ފޮރުވުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ.

އިއްސެގެ މަރާ ގުޅިގެން ސުމޮންގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދަނީ ވަކިންނެވެ. އެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ޝުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދުއަށް ދިޔައީ ކަމަށެވެ. އެހެން ނަމަވެސް އިއްސެ މަރާލި ރޭ ޝުމޮން ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކުކުރެވުނީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: