ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާގެ މައްސަލައިގައި ފޯރިގަދަ އަޑުއެހުމެއް: ސަރުކާރުން 3 ދުވަސްތެރޭ 58 މިލިއަން ދައްކަންޖެހޭ، އެހެން ނޫނީ ފިޔަވަޅު އަޅާނެ!

ދީބާޖާ މައްސަލަ: 3 ދުވަސް ތެރޭ 58 މިލިއަން ދޭން އަންގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލު ކުރި މައްސަލައިގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިކަން ހާމަކޮށްފައިވަނީ ސިވިލް ކޯޓުގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މައްސަލާގެ އަޑުއެހުމުގަ އެވެ. އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އޭރު އެ އެއްބަސްވުން ބާތިލު ކުރަން ޖެހުނު ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ، ދީބާޖާއިން އެއްބަސްވުމާއި ހިލާފުވުމެވެ. އެއްބަސްވުމުގައި ވާގޮތުން ދީބާޖާއަށް ރިސޯޓު ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމުކޮށްފައެވެ. އެހެން ނަމަވެސް، އެ ބިންތައް ދީބާޖާއަށް ދޫކޮށްފައި ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމިގެން ދިޔައީ ދީބާޖާއާއި އެއްކޮޅަށެވެ. ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އޭގެފަހުން އެ ހުކުމް ބާތިލުކުރީ ހައިކޯޓުންނެވެ.

މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައެވެ. އެ ނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރިއެވެ.

ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭންޖެހޭނީ ސުޕްރީމްކޯޓުން ހުކުމް ކުރިޔާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުުޕްރީމް ކޯޓުން ހުކުމްކުރީ މި އަހަރުގެ އޭޕްރިލްގައި ކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފައެވެ. އެހެން ނަމަވެސް، ދައުލަތުން ހުކުމް ތަންފީޒުކޮށްފައިނުވެއެވެ.

މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން ބުނެފައިވަނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ބަދަލުގެ މައްސަލާގައި ދީބާޖާ އިން އިސްނަގައިގެން ރައީސް ސޯލިހަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ސެޓްލްމެންޓް ކޮމެޓީއާއެކު މަޝްވަރާކުރުމަށް ހުށަހަޅާފައިވީނަމަވެސް ނަމަވެސް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވަނީ މިހާތަނަށް ވެސް ލަފާއާ ގުޅޭ ގޮތުން ރައީސް ގޮތެއް ނިންމަވައި އެކަން އޭޖީގެ އޮފީހަށް އަންގާފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ބާޖާއަށް ދޭން ޖެހޭ ބަދަލުގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ދީބާޖާއަށް ދެއްކުމަށް މިމަހުގެ 13 ވަނަ ދުވަހު ސަރުކާރަށް ސިވިލް ކޯޓުން ވަނީ އަންގައިފައެވެ. އެއީ އެއީ 116 މިލިއަން ރުފިޔާ އެވެ. އެކަމަށް ދަތިވާކަމަށް ވިދާޅުވެ، އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

30 ދުވަހުގެ މުއްދަތެއް ދިނުމަށް އެއްބަސްވެވެން ނެތްކަމަށް ވިދާޅުވެ ދީބާޖާގެ ޗެއާމަން ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ވަގުތު ދެވިފައިވާކަމަށެވެ. ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަަގަކުރައްވާ އިބްރާހިމް ރަޝީދު ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިވިލް ކޯޓުން އެންމެ ފަހުގެ އަޑުއެހުމުގައި ދޭން އެންގި އަދަދުގެ ދެބައިކޮށްފަ އެއްބައި ދޭން އަމަރުކޮށްދިނުމަށް އެދިފައެވެ. އެއީ 58 މިލިއަން ރުފިޔާއެވެ.

ތަކުރާރުކޮށް އެއީ ފަަސޭހަ މުއްދަތެއް ނޫންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވާން ފެށުމުން، އިބްރާހިމް ރަޝީދު ވަނީ ހަތް ދުވަހުގެ މުއްދަތެއް ފައިސާ ދެއްކުމަށް އެއްބަސްވެފައެވެ. އޭރުވެސް ދައުލަތުން އެދެމުންދިޔައީ 30 ދުވަހުގެ މުއްދަތު ދިނުމަށެވެ. އެހެން ނަމަވެސް އިބްރާހިމް ރަޝީދު އެކަމަށް އެއްބަހެއް ނުވިއެވެ.

ހަތް ދުވަހަށް އެއްބަސްވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަކަށް ވަޑައިގަންނަވާކަން ހާމަ ކުރައްވާ، ދެން އަޑުއެހުމެއް އެންމެ އަވަހަށް ވެސް ތާވަލު ކުރެވެނީ އަންނަ މަހުގެ 10 ވަނަ ދުވަހަށް ވިދާޅުވިއެވެ. އެއާއި އެކު އިބްރާހިމް ރަޝީދު ވަނީ އެއީ މާ ދިގު މުއްދަތެއް ކަމަށް ވިދާޅުވެ ތިން ދުވަހަށް މުއްދަތު ބަދަލު ކުރައްވާފަ އެވެ. އެހެންކަމުން، 58 މިލިއަން ރުފިޔާ ދިނުމަށް ތިން ދުވަހުގެ މުއްދަތެއް ދައުލަތަށް ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: