މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރޝިޕް އިންތިޚާބު ކާމިޔާބުކުރެއްވި ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްވެރިޔާ އިބްރާޙިމް މުޙައްމަދު ޞާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތީ، އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދެވެ. އަދި ނައިބު ރައީސަކަށް އިންތިޚާބުވެ ވަޑައިގަތީ އެޕާޓީގެ ނައިބު ރައީސް ކަމުގައި ހުންނެވި، ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ.
އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ކަމުން އެމަނިކުފާނު ރައީސްކަމުގައި ހުންނަން ފެނޭތޯ ނަގާފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރައީސް ނަޝީދު އެ މަގާމުގައި ހުންނަން ފެންނަކަމަށް 23،369 މީހުން ވޯޓުލީއިރު ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފަ އެވެ.
ވާދަވެރި ކެމްޕެއިނަކަށްފަހު ނައިބު ރައީސްކަމުގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ މައްޗަށް ޝިފާޒު ކުރިހޯދީ، 3276 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އަސްލަމަށް 9957 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝިފާޒަށްވަނީ 13،233 ވޯޓު ލިބިވަޑައިގެންފައެވެ.
“ އެމްޑީޕީން އިއްޔެ ބޭއްވި ލީޑަޝިޕް އިންތިޚާބުން ޕާޓީގެ ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސްކަމަށް މުހައްމަދު ޝިފާޒް އަލުން ހޮވިވަޑައިގަތުމުން ދެ ބޭފުޅުންނަށް މަރުހަބާއާއި މުބާރިކްބާދީ ދަންނަވަން.“
ދެ ބޭފުޅުންނަށް މަރުޚަބާ ވިދާޅުވީ ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން މިވަގުތު އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
https://twitter.com/ibusolih/status/1198168790225178625?s=20

