ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރަން “އަތްވާއި، ވާރޭ” ގައި ވެސް މަސައްކަތް ކުރާނަން: ޣައްސާން

އިދިކޮޅުން ބޭއްވި ޖަލްސާގައި ޣައްސާން ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާއި “އަތްވާއި، ވާރޭގެ” ތެރޭގައި ވެސް އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް، ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

“އަނިޔާވެރި ހުކުމާއި ދެކޮޅަށް” ނަމުގައި އިދިކޮޅު ފަރާތްތައް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުން ގައްސާން ވިދާޅުވީ ރައީސް ޔާމީނަކީ މި ގައުމަށް އެތައް ތަރައްގީއެއް ގެނެސްދެއްވި ރައީސްއެއް ކަމަށެވެ. އަދި އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމަކީ ބޭއިންސާފުން އިއްވި ހުކުމެއްކަމަށެވެ.

ޣައްސާން ވިދާޅުވީ، މުޅި ދިވެހި ގައުމުވެސް މިއަަދު މިއޮތީ ފުން ހިތާމައެއްގެ ތެރޭގައި ކަމަށެވެ. ރައީސް ޔާމީނާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތައް އަދި ޕީޕީއެމް، ޕީއެންސީއަށް ކުރިމަތިލާން ޖެހިފައިމިވަނީ ހިތްދަތި ވަގުތުތަކަކާއި ކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ މިއަދު ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްކަމަށެވެ.

ޣައްސާން ވިދާޅުވީ، ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށާއި އިދިކޮޅު ކޯލިޝަނުން 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނީ ރައީސް ޔާމީން ކަމަށެވެ. ޣައްސާން ވިދާޅުވި ގޮތުން އިދިކޮޅުން މިއަދު އެ މަސައްކަތް ކުރަމުން އަންނަނީ ގައުމީ ރޫހެއްގެ ގޮތުގައެވެ.

ރައީސް ޔާމީން މިއަދު ކޮންމެހެންވެސް، ދެވަނަ ދައުރަކަށް ވެރިކަމަށް ގެންނަން ޖެހޭ ކަމަށާއި ދިވެހި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އެހާހިސާޞުން ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެންނަންޖެހޭ ސަބަބުތައް ވެސް ޣައްސާން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީއިރު ދީނުގެ ހިމާޔަތުގައި ނިކުންނަން ކެރުނު ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންގެ ގޮތުގައި ޣައްސާން ވިދާޅުވިއެވެ. އަދި މި ސަރުކާރު އައިފަހުން ގައުމު އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ވިދާޅުވެ ޣައްސާން ވަނީ އެ އަނދަވަޅުން އަރައިގަންނަން މަސައްކަތްކޮށްދެއްވޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.

ޣައްސާން ވިދާޅުވީ ދިވެހި ރާއްޖެއާއި އިގްތިސޯދުގެ ތެރެއަށް ބޭރު ބައެއްގެ ނުފޫޒު ވަނުމަކީ ރައީސް ޔާމީން ދުވަހަކުވެސް ބޭނުންވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު 2023 ވަނަ އަހަރު ވެރިކަމަށް ގެންނަން ވީ އެ ސަބަބާއި ހުރެ ކަމަށެވެ. އަދި މިފަދަ އެތައް ސަބަބަކާއި ހުރެ ރައީސް ޔާމީނަކީ ޕީޕީއެމްއިންގެ ބިނާކުރުވަނީ ފަހުރުކަމަށާއި، އަދި އެއީ ޕާޓީގެ މައިތަނބުކަމަށް ޣައްސާން ވިދާޅުވިއެވެ.

“އަނިޔާވެރި ހުކުމާއި ދެކޮޅަށް” ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގެ ތެރެއިން

“ޕީޕީއެމްގެ ސަފުތައް މި އެނބުރެނީ، އެމަނިކުފާނު (ރައީސް ޔާމީން) ވަށައިގެން. އަޅުގަނޑުމެންގެ ލީޑަރަކީ ރައީސް ޔާމީން. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ، ޕާޓީން އެންމެ އެދޭގޮތަށް، އަދި ޕާޓީއަށް ދިމާވެފައިވާ އެންމެ ހިތްދަތި ވަގުތުގައި ވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ވޯޓުދޭން ޖެހުނީ ސަބަބުތަކާއި ހުރެ ކަމަށެވެ. އެ ބަޖެޓަށް ވޯޓުދިނީވެސް އެތައް ހިތްދަތިކަމެއްގެ ތެރެއިން ކަމަށާއި، ބަޖެޓަށް ވޯޓުދޭން ޖެހުނީ ރައީސް ޔާމީންގެ ސަބަބުން ކަމަށެވެ.

ޣައްސާން ވިދާޅުވީ ޖެޓަށް ވޯޓު ދެއްވީ އެއީ ރައީސް ޔާމީން އިދިކޮޅުގައި ހުންނަވައިގެން ދެއްކެވި މިސާލާއި، ވެރިކަމަށް އައިސް ދެއްވި އިރުޝާދު އަދި ޖަލުގައި ހުންނެވި އިރު ނިންމެވި ނިންމެވުމާ އެއްގޮތަށް ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި އެއީ ދިވެހި ގައުމު އިސްކުރުމަށް ދެއްވި ވޯޓެއްގެ ގޮތުގައި ޣައްސާން ވަނީ ފާހަގަކުރައްވާފައެވެ.

އައްސާން ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް އައްވާއި، ވާރޭގެ ތެރެއަށް ނިކުންނަން ޖެހުނަސް އެ ހަރަކާތްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. ބަޔަކަށް، އިދިކޮޅު އޮތީ އެކަނިވެރިކަމާއި އެކު މަދު މީސްކޮޅަކާއި އެކުހެން ހީވީ ނަމަވެސް ނިކުމެތިބި މަގްސަދު ހާސިލް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މީސްކޮޅު މަދުކަމަށް ބަޔަކަށް ހީވާފަދަ ވަގުތެއް. ވަރަށް އެކަނިވެރިގޮތެއްގައި އަޅުގަނޑުމެން ތިބިކަމަށް ވެސް، އަޅުގަނޑުމެންނަށް ވެސް ހީކުރެވޭނެ ފަދަ ވަގުތެއް. އެހެން ނަމަވެސް، އެއްހާސް އަހަރު ކުދި ހިނިވެސް ހިނގާ މަގު ފަރުބަދަ ކަނޑާ އުސޫލުން އަޅުގަނޑުމެން ވެސް މިތިބީ. އިރާދަ ކުރެެއްވިޔާ މި މަގްސަދު ހާސިލް ކުރާނަން” ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ ބަޔަކު ދައްކަފާނެ ބިރަކަށް އިދިކޮޅު ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން ޖަލަށް ލިޔަސް ހެޔޮ، ރައީސް ޔާމީންގެ ހައްގުގައި ޖަލުން ނިކުމެވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޣައްސާން ވިދާޅުވީ މި ހިއްވަރާއި އަޒުމް އަދި ފަންވަރު ގުޑުވައެއް ނުލެވޭނެ ކަމަށެވެ. ރައީސް ޔާމީންގެ ހައްގުގައި އަދިވެސް ދާނީ ކުރިޔަށް ކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

“ޖަލަށް ލިޔަސް ވެސް ހެޔޮ 40 އަހަރު އޮވެފަ ނިކުމެ ކުރާނީ ރައީސް ޔާމީންގެ ހައްގުގައި މި މަސައްކަތް.” ޣައްސާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ “ސިޔާސީ ހުކުމެއް” ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: