ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ގައުމުގެ ނިޒާމް ގަޑުބަޑު ކުރަނީ، ރައީސް ޞާލިހާއި ރައީސް ނަޝީދު ގުޅިގެން: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ----
ޝެއާރކޮށްލާ ކަހަލަދޯ؟

މަޑުމަތިރިކަމާއި އެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހުންނެވި ނަމަވެސް، ރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި އެކު ހުންނަވަނީ އެމަނިކުފާނުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

“އަނިޔާވެރި ހުކުމާއި ދެކޮޅަށް” ނަމުގައި އިދިކޮޅު ފަރާތްތައް ބޭއްވި ޖަލްސާގައި ވާހަކަ ދަައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު އައީ ރައްޔިތުންނަށް އެތައް ހުވަފެނެއް ދެއްކުމަށްފަހުގައި ކަމަށެވެ. އެހެން ނަމަވެސް، އެއީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ގައުމުގައި އަދުލު އިންސާފު ގާއިމް ކުރުމާއި، އަދި އިސްލާމްދީން ހިމާޔަތް ކުރާނެ ކަމަށް ބުނެ ދެއްކި ހުރިހާ ވާހަކައަކީ ވެސް ރައްޔިތުންގެ ލޮލުގައި އަޅުވާލި “އަނދުނެއްގެ” ގޮތުގައި އަބްދުއްރަހީމް ވަނީ ސިފަކުރައްވާފައެވެ.

އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި މިއަދު ކަންތައްވަމުންދާ ގޮތާއި ދޭތެރޭ މުޅިން އެހެން ނަޒަރަކު ވިސްނަން ޖެހިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ހިނގާފައި ހުރި ހާދިސާތަކަށް ވިސްނާ، ފިކުރުކުރަން ޖެހިފައިވާކަމަށެވެ. މީގެ އަހަރުތަކެއް ކުރިން، އިސްލާމީ ވަރުގަދަ ހަޟާރަތެއް އޮތް ތުރުކީވިލާތު ވިލާތުން މިސާލު ނަންގަވާ އަބްދުއްރަހީމް ވިދާޅުވީ އެ ގައުމުގައި އޮތް ވަރުގަދަ އިސްލާމްދީން ނެތިގެން ދިޔައީ ގައުމަށް އައި ވެެރިއެއްގެ ސަބަބުން ކަމަށެވެ. އަބްދުއްރަހީމް ވަނީ، އެ ހާދިސާއާއި މެދު ދިވެހި ރައްޔިތުން މިއަދު ވިސްނަން ޖެހިފައިވާކަމަށެވެ.

އަނިޔާވެރި ހުކުމާއި ދެކޮޅަށް ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގެ ތެރެއިން

މުސްތަފާ ކަމާލުގެ ވާހަކަތައް ހިއްސާ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާއަކީ މަޑުމައިތިރި، ބަސް މަދު މީހެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެ ގައުމުގެ ރައްޔިތުން އޭނާއާއި ވަލިއްޔުލް އަމުރުކަން ހަވާލު ކުރިކަމަށެވެ. އެހެން ނަމަވެސް، ޖާސޫސީ ގޮތެއްގައި އޭނާ ދިޔައީ ހުޅަނގު ގައުމުގެ ވިސްނުންތައް ތުރުކީވިލާތައް ގެންނަމުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ސިއްރު އެޖެންޑާއެއްގެ ދަށުން އޭނާ ކުރި މައްސައްކަތުގެ ނަތީޖާއަކީ ވަރުގަދަ އިސްލާމީ ހަޟާރަތެއް އޮތް ގައުމަކުން މަޑުމަޑުން އިސްލާމްދީން ފޮހެވިގެން ދިއުންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ގޮތުން، އެ ހާދިސާއަށް ދިވެހިން ވިސްނަންޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި މުސްތަފާ ވެސް ގެންދެވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ، ބޭރުކުރަމުން ކަމަށާއި އެ ގައުމުން އިސްލާމީ ޝަރީއާ ފޮހެލުމަށްޓަކާ މުސްތަފާ ގިނަ މަސައްކަތްތަކެއް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، ދެން ދިވެހިން މި ހާދިސާއާއި ރާއްޖެއާއި ގުޅުވާ ކަންބޮޑުވާންޖެހޭ ނޫންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މިއަދު ގައުމާއި ދޭތެރޭ ނުވިސްނައިފިނަމަ ގައުމުގެ އިސްލާމްދީން ފޮހެވިގެންދާ މަންޒަރު ފެންނާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަކީ 25 އަހަރުވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަބްދުއްރަހީމް ވަނީ، އޭނާވެސް މަޖިލީހުގައި މަސައްކަތް ކުރެއްވި 10 އަހަރުގެ ތެރެއިން ދުވަހަކުވެސް ރައީސް ޞާލިހު، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުވިތަން ފެނިފައި ނުވާކަމަށެވެ. އަދި މަޖިލީހުގެ ބަހުސްއެއްގައި ބައިވެރިވެފައިވާނަމަ އެވެސް 2-3 ފަހަރު ދެއްކެވި ވާހަކަފުޅަކަށް ވެދާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގަވައިދުން ހާޒިރުވީ ނަމަވެސް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނަވައިގެން، ޕީޖީގެ ލީޑަރުގެ ހައިސިއްޔަތުން ލާޒިމްކުރި އެއްވެސް ކަމެއްކޮށްފައި ނުވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ޕްރެޒިޑެންޓަލް އެޑްރެސްއަށް ޖަވާބު ދެއްވުމަކީ އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ މަސައްކަތެއް ނަމަވެސް، އެކަންވެސް ކުރައްވާފައި ނުވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

“ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މީހުންނަށް ހީވެފައި އޮތީ މީނައަކީ (ރައީސް ސޯލިހް) ވަރަށް މަޑުމައިތިރި، ވަރަށް އޯގާތެރި، ވަރަށް އިހުލާސްތެރި މާތް މީހެއް ކަމަށް. އެހެން ނަމަވެސް، ވެރިކަމަށް ވަޑައިގެންފަ ދެން ކަންތައް ކުރައްވަން ފެއްޓެވިގޮތް މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ” އަބްދުއްރަހީމް 

ޖުޑީޝަރީ ދާއިރާއަށް އަތް ބާނަމުން ދާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު އެކަނި ހިންގަވާ އަމަލުތަކެއް ނޫން ކަމަށެވެ. އެއީ، ރައީސް ނަޝީދާއި ރައީސް ސޯލިހް ގުޅިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި އަބްދުއްރަހީމް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަބްދުއްރަހީމް ވަނީ، ސުޕްރީމްކޯޓުގައި އިސްލާމީ ޝަރީއާ ކިޔަވައިގެން ތިބި ހުރިހާ ފަނޑިޔާރުންވެސް ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި އެއަށްފަހު ކޯޓުތަކަށް އައްޔަން ކުރަމުންދަނީ އެމްޑީޕީގެ މުޒާހަރާތަކާއި، ޕާޓީއަށް އެކި ގޮތްގޮތުން ކެމްޕެއިންތަކުގައި ހަރަކާތްތެެރިވީ މީހުން ކަމަށެވެ.

މިހުރިހާ ކަންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށްފަހު އަބްދުއްރަހީމް ވަނީ، ގައުމު އަމާންކޮށް ބޭއްވޭނީ ރައީސް ޔާމީން މިނިވަންކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަބްދުއްރަހީމް ވަނީ، އެ ދައުވާ ގަބޫލުނުކުރައްވާ ކަމަށާއި ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރު އަބަދުވެސް ތަކުރާރު ކުރަމުން ގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ “ސިޔާސީ ހުކުމެއް” ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: