ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ، އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުވެއްޖެއެވެ.
ޝައިޚް ޝިފާން މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ އިއްޔެ ބޭއްވި އެ ޕާޓީގެ 4 ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައެވެ.
އޮންލައިންކޮށް ބޭއްވި މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެ ޕާޓީން ވަނީ ”ފަހިވިހި“ ގެ ނަމުގައި ޚާއްސަ ޕޯޓަލެއް ބޭނުންކޮށްފައެވެ.
އިންތިޚާބުގެ ވޯޓުލުން ނިމުނުއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 99 އިންސައްތަ ވޯޓު ލިބިވަޑައިގަތީ ޝައިޚް ޝިފާނަށެވެ. އޭނާއާ ވާދަކުރެއްވި އަލްއުސްތާޛް އިކްރާމް އަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ އެންމެ 1 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ޝައިޚް ޢަބްދުﷲ ރަޝީދުއެވެ. އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން، އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އިންތިޚާބުވި އާ ލީޑަޝިޕަށް މަރުޙަބާ ވިދާޅުވެފައެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީގެ ދުސްތޫރާ އެއްގޮތަށް ކޮންގްރެސް ބާއްވާ ދައުރު ބަދަލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިއީ އެ ޕާޓީގެ ހިންގުން އައު ޖީލަކާ ހަވާލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުގައި އަދާލަތު ޕާޓީގައި މިވަގުތު 8,267 މެންބަރުން ރަޖިސްޓްރީކޮށްފައިވެއެވެ. އައު ރައީސަކު އިންތިޚާބުވުމާއެކު ޕާޓީގެ ކުރިމަގުގެ ސިޔާސީ ހަރަކާތްތަކަށް އައު ދިރުމެއް އަންނާނެ ކަމަށް މެންބަރުން އުންމީދު ކުރެއެވެ.

