ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތާނު ކުރި ކުއްޖާގެ ކުރިމަތި ފަރާތް ފިހުން: ހުޅުމާލޭގެ ހޮސްޕިޓަލުން ބުނީ ގުޅާފަ “މާފަށް” އެދުނު ކަމަށް!

ހުޅުމާލޭ ހޮސްޕިޓަލުން ކުރިޔަށް ގެންދާ ހިތާނީ ކޭމްޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ހޮސްޕިޓަލުން ހިތާނުކުރި ކުއްޖެއްގެ ކުރިމަތި ފަރާތް ފިހުނު މައްސަލައަށް އިއުތިރާފުވެ، އެ ކުއްޖެ އާއިލާއަށް ގުޅާ މާފަށް އެދިފައިވާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ފަސް އަހަރުގެ އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލުން ހިތާނުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އަދި އެ ކުއްޖާގެ ގެއަށް ދޫކޮށްލިފަހުން ކުރިމަތި ފަރާތުން ލޭ އަންނަން ފެށީއެވެ. ކުއްޖާއަށް ދިމާވި ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކުއްޖާގެ މަންމަ ވަނީ، ހުޅުމާލެ ހޮސްޕިޓަލުން ކުއްޖާއާއި ކަންތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ އެކަން ހިނގިކަން އެނގިވަޑައިގަތުމާއެކު ހޮސްޕިޓަލުން އެ ކުއްޖާގެ ހާލު ބަލައި، ބެލެނިވެރިންގެ ފަރާތުން މާފަށް އެދިފައިވާ ކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ މުވައްޒަފުންގެ ބަޔާން ނަގައި، އެ ހާދިސާ ހިނގިގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ނަސީބަކުުން ގެއްލުން ލިބިފައިވަނީ ބޭރުފުށުން. އެކަމަކު މިއީ ހިނގައިގެން ވާނެ ކަމެއް ނޫން،” މާރިޔާ ވިދާޅުވި އެވެ

ކުއްޖާގެ މަންމަ އެ ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ދިޔަ މަހުގެ 27 ވަނަ ދުވަހު ކުއްޖާ ހިތާނު ކުރުމަށްފަހު ގެޔަށް ބަދަލު ކުރުމަށްފަހު ކުއްޖާގެ ހިތާނު ކުރިތަނުން ލޭ އަންނާތީ ހުޅުމާލެ ހޮސްޕިޓަލަށް ދިޔައީ މި މަހުގެ 28 ގައެވެ. އެހެން ނަމަވެސް، އޭރު ހުރި ޑޮކްޓަރު އެއްވެސް ވަރަކަށް ކުއްޖާ ހިތާނު ކުރި ޑޮކްޓަރާއި ބައްދަލު ކުރުމެއް، އަދި ހިތާނީ ކޭމްޕްއާއި ކޯޑިނޭޓު ކުރުމެއް ނެތި ކުއްޖާގެ ކުރިމަތި ފަރާތުގައި ބޭސްޖެހީ ކަމަށެވެ.

ކުއްޖާގެ ގައިގައި ގަދަކަމުން ހިފަހައްޓާ، ބޭސްގަނޑު ނައްޓާ އަލުން އެހެން ބޭހެއް ޖެހިއިރު ދިލަ ނަގާވަރުން ކުއްޖާ ދިޔައީ ހަރު އަޑުން ރޮމުންނެވެ.

“އެމެޖެންސީ ރޫމްގައި އިން އަންހެން ޑޮކްޓަރަކާއި އަދި ފިިރިހެން ޑޮކްޓަރެއް އަދި 3 ނަރުހުން ވެގެން ކުއްޖާގައިގައި ގަދަކަމުން ހިފެހެއްޓުމަށްފަހު، ހިތާނު ވައުންޑުގައި އަޅާފައި އިން ބޭސްގަނޑު ގަަދަކަމުން ރޮއްވާލައިގެން ނެއްޓުމަށްފަހު، ހިތާނު ވައުންޑުގައި ނުޖަހަންޖެހޭ ކަހަލަ ބޭހެއް ބޭނުން ކުރުމުން ކުއްޖާގެ ކުރިމަތި ފަރާތާއި، ޖިންސީ ގުނަވަން ވަނީ ވަރަށް ބޮޑަށް ފިހިފައި” ކުއްޖާގެ މަންމަ ހިއްސާކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވެއެވެ.

ކުއްޖާގެ ކުރިމަތި ފަރާތުގައި ބޭސް އުނގުޅުމަށްފަހު، ޑޮކްޓަރުން އެމަޖެންސީ ރޫމް ދޫކޮށް ދިޔައެވެ. ކުއްޖާގެ މަންމަ ބުނީ، ކުއްޖާ ރޮއި، “މަރަށް ތެޅެމުން ދިޔައިރުވެސް” އެތަނުގައި ކުއްޖާއަށް އެހީވާނެ ޑޮކްޓަރެއް ނެތް ކަމަށެވެ. މީހަކު ނެތުމުން ހޮސްޕިޓަލުގެ އޮފީހަށް ގޮސް މައްސަލަ ޖެއްސުމުން، އޮފީހުގެ ފަރާތުން މީހެއް އައި ނަމަވެސް ކުއްޖާގެ ކުރިމަތިފާރާތުގައި ބޭސް ޖެހި ޑޮކްޓަރެއް އައިސްފައި ނުވާކަން ކުއްޖާގެ މަންމަ ވަނީ ފާހަގަކޮށްފައެވެ.

“މިވަރުގެ ބޮޑު އަނިޔާއެއް އަޅުގަނޑުގެ ލޯބިވާ ދަރިފުޅަށް ދީ ފިލި ޑޮކްޓަރުންނަށް ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ވަރަށް ބޮޑަށް އެދެން.” ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

ހުޅުމާލޭގެ ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ފަރުވާކުޑަކުރާކަމުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. ކުޑަކުއްޖަަކަށް އެހާ ބޮޑު ގެއްލުމެއް ލިބިގެން ދިޔައިރުވެސް އެކަމުގައި ހިމެނޭ ޑޮކްޓަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ނުބައި ބޭސްތައް ދިނުމާއި، ފަރުވާ ދިނުން ލަސް ކުރުމާއި މިފަދަ އެތައް ކަމެއް ހޮސްޕިޓަލުގައި ހިނގަމުން އަންނައިރު އެކަމަށް މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. އޭގެ ބަދަލުގައި ޑޮކްޓަރު ހަފްތާއެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު އަލުން ޑިއުޓީއަށް ނެރެނީއެވެ. ނުވަތަ، އޭނާ ރާއްޖޭގެ ނުވަތަ މާލޭގެ އެހެން ހޮސްޕިޓަލަށް ޓްރާންފާ ކުރަނީއެވެ.

މިފަހަރު ފެންމަތިވީ ހާދިސާވެސް ހުޅުމާލެ ހޮސްޕިޓަލުން ނިންމާލީ ކުއްޖާގެ އާއިލާއަށް ކުރި ފޯނު ކޯލަކުންނެވެ. މިފަދަ ބޮޑު ހާދިސާއެއް އަދި އެހާ ބޮޑު އިހުމާލެ މާފަށް އެދުމަކުން ނުނިމޭނެކަން ސޯޝަލް މީޑިއާގައި ފެންނަން ހުރި ފޮޓޯތަކުންވެސް އެނގެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: