ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓުވަން ޖެހިފައިވާ ހަރުކަށި ފިކުރު: މަޑުއްވަރީއިން އިވެމުންދަނީ ބިރުވެރި ވާހަކަތަކެއް!

މަޑުއްވަރީގައި ހަރުކަށި ވިސްނުން ފެތުރޭތާ އަހަރުތަކެއް، އެހެނަސް ފިޔަވަޅެއް ނޭޅި - ފޮޓޯ: މަޑުއްވަރީ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި އުމުރު ހަަމަ ނުވާ ކުޑަކުދިން ރޭޕް ކުރުމަކީ މީގެ ކުރިން ބޭރު ދުނިޔޭގެ ގައުމުތަކުން އަޑުއަހަމުން އައި ވާހަކަތަކެވެ. މިއީ ހައްދުފަހަނަޅާފައިވާ ގައުމުތަކުގައި ހިނގަމުން އައި ކަންތަކެެކެވެ. އެހެން ނަމަވެސް، ރާއްޖޭގައި ފަހަކަށް އައިސް ދީނީގޮތުން ހައްދުފަހަނަޅައި ދިއުމުގެ ވާހަކައިގެ އަޑުތައް މިވަނީ ގަދަވެފައެވެ. ރ. މަޑުއްވަރީއަށް ފުލުހުން އަރާ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުން އިވުނީ ބިރުވެރި ވާހަކަތަކެކެވެ.

ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން މި ދެ ދުވަހެއްގެ ތެރޭގައި އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގެތައް ވެސް ބަލާ ފާސްކުރަމުންދާއިރު، ބައެއް ގެތަކުން އަންހެނުންނާއި ކުޑަ އަންހެން ކުދިން ގެއިން ނުނެރޭތާ އަހަރަކާއި ގާތްވަނީއެވެ. އަދި ބައެއް އަންހެނުން ގެތަކުން ނިކުމުގެ ހުއްދަ، އެ ގޭގައި ތިބޭ ފިރިހެނުން ނުދޭތާ އެއްްވުރެ ގިނަ ދުވަސްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް، ރ. މަޑުއްވަރީގެ އުމުރުން 26 އަހަރުގެ އިސްމާއިލް ހައްމާދު އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެ މައްސަލައާއި އެކު މަޑުއްވަރީ އާއި ގުޅޭގޮތުން ބިރުން ފިތްކަނޑައިގެން ދާ ވަރުގެ ވާހަކަތައް އަޑުއިވުނެވެ. އެ ރަށުގައި އުމުރުން 18 އަހަރުގެ ކުދިންނާއި ކައިވެނީގެ ނަމުގައި ބޮޑެތި ފިރިހެނުން އެދުން ފުއްދުމަށް ޖިންސީ ގުޅުން ހިންގަމުން ދިޔައެވެ. ކުއްޖާ ވިހެއުމަށްފަހު ވެކްސިން ނުދިނުމާއި، އަންހެން ކުއްޖެއް ނަމަ ތައުލީމުން މަހުރޫމްކޮށް ގެންގުޅެނީ އެކަހެރިކޮށެވެ. އަދި އައިޑީކާޑެއް ވެސް ނޯވެއެވެ.

ފޮޓޯ: މަޑުއްވަރީ އޮންލައިން — މަޑުއްވަރީގެ ގެތަކުން އަންހެނުންނާއި، ކުޑަކަ އަންހެން ކުދިން ގެއިން ނިކުތުން މަނާ

މި މައްސަލައާއި އެކު، ރާއްޖޭގައި ހައްދުފަހަނަޅާފައިވާ މީހުން ގިނަވެފައިވާ ކަމާއި، އަދި އެއީ މުޖްތަމައުއަށް ނުރައްކާވެެފައިވާ މައްސަލައެއްގެ ގޮތުގައި ގިނަ މީހުން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން މުޖްތަމައުގެ ތެރޭގައި ބިރުވެރިކަމެއް ނުއުފެދެނީސް މިކަން ހުއްޓުވުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ފުލުހުންނާއި، ސިފައިންގެ ހާއްސަ ޓީމެއް މަޑުއްވަރީއަށް އަރާފައިވަނީ ކުއްލި ގޮތަކަށެވެ. އެގޮތުން ގެތައް ބަލާ ފާސްކުރުމުގެ ތެރެއިން އެ ރަށުގައި އަންހެން ކުއްޖަކު ބަނޑުބޮޑުމަށް ޝައްކު ކުރެވި ޓެސްޓުތަކެއް ހެދިއެވެ. އެހެން ނަމަވެސް، އެކަމާއި ބެހޭ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް ނުލިބެއެވެ.

ހަރުކަށި ވިސްނުން ގެންގުޅޭ އެއާއިލާތަކުގެ ކުޑަކުދިންނަށް ވެސް ދީފައި ހުންނަނީ ނުބައި ވިސްނުންތަކެކެވެ.

“ސަންގު” އާއި ވާހަކަ ދެއްކި މީހަކު ބުނީ، މަޑުއްވަރީ އަކީ މީގެ 10 ވަރަކަށް އަހަރު ކުރިން އެއްބައިވަންތަ ރަށެއް ކަމަށެވެ. އެހެން ނަމަވެސް، ރަށުގައި ކުއްލި ގޮތަކަށް މި ވިސްނުން ފެތުރިގެން އައީ ކިހިނެއް ކަމެއް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. މަޑުއްވަރީގައި މި މައްސަލަތައް ބޮޑުވެ، އަންހެން ކުދިން ގެއިން ބޭރަށް ނިކުތުން މަނާ ކުރުމާއި، ބައެއް ފަހަރަށް ރަށަށް އަންނަ މެހުމާނުން ހުއްޓުވާ ހެދުން ފަދަ އެތައް ކަމެއް ހިނގައިދިޔައިރު މީގެ ކުރިން ކަމާއި ބެހޭ އިދާރާތްތަކުން މި މައްސަލައަށް ސަމާލުކަން ދީފައި ނުވުމަކީ ހަރުކަށި ވިސްނުން ހައްދުން ނެއްޓިގެން ދިޔަ އެއް ސަބަބުގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައިގައި ހިމެނޭ މަޑުއްވަރީއަށް ނިސްބަތްވާ ހައްމާދު

“ސަންގު” އަށް މައުލޫމާތު ލިބިފައިވާ ގޮތުން މީގެ އަހަރުތަކެއް ކުރިން ޖެންޑާ މިނިސްްޓްރީއިން މަޑުއްވަރީއަށް ދިޔައެވެ. ކުދިން ސްކޫލަށް ނުފޮނުވާ އެކަހެރި ކުރާ މައްސަލައެއްގައި ޖެންޑާގެ ޓީމެއް އެރަށަށް ދިއުމަށްފަހު އެކަން ތަހުގީގު ކުރިއެވެ. އަދި އޭގެ ފަހުން ވެސް ރަށުގައި ފެންމަތިވީ އެހެން މައްސަލައަކަށް ޖެންޑާއިން ދިޔަކަމަށް ވެއެވެ.

މަޑުއްވަރީގައި ދިރިއުޅޭ އާއިލާތައް، އަންހެން ކުއްޖާ ކައިވެނި ކުރުވަނީ ހަމައެކަނީ އެކަކާއި އެއްވެސް ނޫނެވެ. އުުމުރުން 9 އަހަރުގައި ވެސް ބައެއް އާއިލާތަކުން އެ އަމަލު ހިންގާއިރު އެ ކުދިންނަށް ވެސް ވިސްނިފައި އޮންނަނީ އެއީ މައްސަލައެއް ނޫން ގޮތުގައި ކަމަށް އޭނާ ބުންޏެވެ. އެގޮތުން، ގިނަ އަންހެން ކުދިން ބާލިޢު ވުމާއި އެކު “ކައިވެނި” ކުރުމަށް ބޭނުންވާ ކަމަށް ބުންޏެވެ.

މަޑުއްވަރީގައި ހަރުކަށި ވިސްނުން ފެތުރޭތާ އަހަރުތަކެއް، އެހެނަސް ފިޔަވަޅެއް ނޭޅި – ފޮޓޯ: މަޑުއްވަރީ އޮންލައިން

ސަންގުއާއި ވާހަކަ ދެއްކި މީހާ ބުނީ މީގެ ދުވަސްތަކެއް ކުރިން، ރަށުގެ ކުޑަ ކުއްޖަކު ވަރަށް ބޮޑަށް ބަލިވެ ރަށުން އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ރަށުން ބޭރަށް ގެންދަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް، އެ ކުއްޖާގެ އައިޑީކާޑެއް ވެސް ނޯންނަ ކަމަށް އެ މީހާ ބުންޏެވެ.

މަޑުއްވަރީގެ ހާލަތު، ބިރުގަންނަ ހިސާބަކަށް ގޮސްފައިވާއިރު ފުލުހުންވެސް ބުނެފައިވަނީ މަޑުއްވަރީގައި ދިރިއުޅޭ މީހުން ގަބޫލު ކުރާ ގޮތުން ކުޑަ ކުދިންނާއި ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި ގިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމަކެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީ ގައި އެމީހުން ގަބޫލު ކުރާގޮތުން، އެ ވިސްނުން ނުގެންގުޅޭ ކޮންމެ މީހަކަށް ގެއްލުން ދެވޭނެއެވެ. އަދި ގާނޫނު އަސާސީގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކަކީ އެއީ އެމީހުންނަށް ލިބިދޭ އެއްޗެސް ނޫން ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. މަޑުއްވަރީގެ ގެތައް ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހުން އަމިއްލައަށް ތައްޔާރުކޮށްގެން ގެންގުޅޭ ކައިވެނީގެ ސެޓްފިކެޓުކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ ފެނިފައެވެ.

ފޮޓޯ: މަޑުއްވަރީ އޮންލައިން — މަޑުއްވަރީގެ ގެތަކުން އަންހެނުންނާއި، ކުޑަކަ އަންހެން ކުދިން ގެއިން ނިކުތުން މަނާ

އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހަމަނުޖެހުމެއް ހިނގިއެވެ. އެއީ، ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ޝައްކު ކުރެވުނު ކަންތަކެއްގެ ތަހުގީގަށް ސިފައިން އެރަށަށް އެރުމުންނެވެ. އެހެން ނަމަވެސް، ފުލުހުންގެ ލޯންޗު ރަށާއި ކައިިރި ކުރިިއިރު އެމީހުންނާއި ކުރިމަތިލުމަށް ބަޔަކު ތިބީ ލަކުޑިބުރިތަކާއި، ވަޅިތައް ހިފައިގެން ތައްޔާރަށެވެ. އަދި، އެ ހިނގި ކުރިމަތިލުމުގެ ތެރެއިން، ކަރުގައި ވަޅި ޖައްސާ ޝަހާދަތް ކިޔަން ބުނުމުން ޝަހާދަތް ކިއުމާއި އެކު، ސިފައިން ދޫކޮށްލީ އެ މީހުން މިހާރު “އިސްލާމް” ވެފައިވާކަމަށް ބުނެއެވެ.

ބައެއް މީހުން ގަބޫލު ކުރާ ގޮތުން އެ ހާދިސާއާއި މަޑުއްވަރީއާއި ގުޅުންތަކެއް ވެއެވެ. އެކަން ދޮގު ކުރާ މީހުންވެސް އުޅެއެވެ.

އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ކުރިމަތިލުން

ކޮންމެއަކަސް މަޑުއްވަރީގެ ހާލަތު އޮތީ ބިރުގަންނަ ފަދަ ގާލަތެއްގައެވެ. މަޑުއްވަރީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބައެއް އާބަދީ މަދު ކުޑަ ރަށްތަކުގައި ދީނީ ހަރުކަށިކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މުޖްތަމައުގެ ތެރޭގައި ބަޔަކަށް ގެއްލުން ދިނުމަށް މި މީހުން ފަސް ނުޖެހޭއިރު މިއީ ހަނގުރާމަތަކަށް ތައްޔާރުވުމުގެ ތަމްރީނުތައް ނަގަމުން އަންނަ މީހުންނެވެ. ވީޑިއޯތައް މެދުވެރިކޮށް ބޮން ހެދުމަށް ދަސްކުރާ އެތައް ބަޔަކު އެބަ ތިއްބެވެ.

ފުލުހުންގެ ފަރާތުން އެންމެ ފަހުން އެނގިގެން ދިޔަ މައުލޫމާތަކީ ވެސް އެއީއެވެ. މީގެ ކުރިން ހަމަލާތައް ދިނުމަށް ބަޔަކު މަސައްކަތްކޮށްފައިވާ ކަމެވެ. ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. އެންމެ ބިރުގަންނުވާލި އެއް ހަބަރަކަށް ވީ 2017 ވަނަ އަހަރުގެ ތެރޭގައި ވައިގެ މަގުން ރާއްޖެއަށް ހަރުކަށި ވިސްނުމުގެ ބަޔަކު އިސްވެ އުޅުނު ދޭން އުޅުނު ހަމަލާއާއި ގުޅޭގޮތުންނެވެ. އެހެން ކަމުން، މި ހުރިހާ ކަމަކީ މިއީ ބަލަންޖެހޭނެ ކަންތެކެވެ. ފިޔަވަޅު އެޅެންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: