ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 އަހަރުފަހުންވެސް ދިވެހިންގެ ފަރާތުން ފެންނާން ބޭނުންވަނީ އެ އެއްބައިވަންތަކަމާއި، އެ ހިއްވަރު!

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބިގެންދިޔައީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ އަދި ބިރުވެރި ހާދިސާއަކީ 2004 ވަނަ އަހަރުގެ 26 އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ.

ކާރިސާގައި ދިވެހި 82 މީހަކު ނިޔާވިއިރު 26 މީހަކުވަނީ ވީ ނުވީއެއް ނޭނގި ގެއްލުނެެވެ. ސުނާމީ ކާރިސާއާއި ގުޅިގެން 13 ރަށަކުން މީހުން ފައިބަންޖެހުނުއިރު އަމިއްލަ ގެދޮރު ގެއްލުމުގެ މީހުންގެ އަދަދު ފަނަރަ ހާހަށް ވުރެ މައްޗަށް އަރައެވެ.

އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3 ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ އެތައް ބަޔަކު ހާލުގައި ޖެހުނު އިރު، އެ ފަރާތްތަކަށް އެހީވުމުގައި ދިވެހީން ދައްކާފައި ވަނީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ރޫހުގައި ތިބިކަމެވެ. ސުނާމީގެ ސަބަބުން ރާއްޖޭގެ ތިން ރަށެއް މުޅީން ފަޅުވިއެވެ. އެއީ ރ. ކަނދޮޅުދޫ އާއި މ. މަޑިފުށްޓާއި ދ. ގެމެންދޫއެވެ. އަދި ކުރީން ފަޅު ރަށެއްގެ ގޮތުގައި އޮތް ރ. ދުވާފަރު، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަމަ ޖެހިގެން ދިޔައެވެ. އެއީ ސުނާމީގެ ސަބަބުން މީހުން ބަދަލު ކުރަން ޖެހުނު ރ. ކަނދޮޅުދޫ މީހުން އާބާދު ކުރުމަށްޓަކައި މ. މަޑިފުށީ މީހުން އދ. މާމިގިލީގައި ވަޒަންވެރި ކުރެވުނު އިރު ދ. ގެމެންދޫ މީހުން ވަޒަންވެރި ކުރެވުނީ އެ އަތޮޅު ކުޑަހުވަދޫގައެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބުނު ގެއްލުންތައް

އެގޮތުން ސުނާމީގައި ގެއްލުން ލިބުނު ބައެއް ރައްޔިތުން މިހާރު އުފަލާ އެކު ދިރިއުޅެމުން ދިޔަ ނަމަވެސް މީގެ 15 އަހަރު ކުރީން ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ބައެއް ރައްޔިތުން އަދިވެސް ތިބީ އަމިއްލަ އުފަންރަށް ނޫން އެހެން ތަންނުގައެވެ. ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިނުވާއިރު އެ ދުވަހުގެ ކާރިސާގައި ދިވެހިން ދެއްކި ނަމޫނާއަކީ ކާރިސާއަށް އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ނަން ދިން އެއް ސަބަބެެވެ. އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަން އެ މަންޒަރު ނުފެންނަ މީހެއްގެ ހިތައް ނުގެނެވުނު ނަމަވެސް އެ ބިރުވެރި ހާދިސާ ތަޖުރިބާ ކުރި މީހެއް އެވާހަކަ ހިއްސާކޮށް ކިޔައިދޭއިރު ގައިން ހީބިހި ނަގައިގެންދާވަރުވާނެއެވެ.

އެ ހާދިސާއަކީ ކޮންމެ ދިވެއްސެއްގެ ލޮލުންވެސް ކަރުނަ ހިލުވާލި ހާދިސާއެކެވެ. އެތަކެއް ދިވެހިންނެއް ހާދިސާގައި އަނިޔާތަކާއި އެކު މިދުނިޔެ ދޫކޮށް ދިޔައިރު، ވީނުވީއެއް ނޭނގި އެތައް ބައެއް އާއިލާއާއި ވަކިވެގެންދިޔައެވެ. ލޮނުގަނޑު އަރާ މުދާވެރިއެއް، ފަގީރެއް ނެތިި އެތައް ބައެއްގެ މުދާތައް ނެތި ގެއްލިގެން ދިޔައީ ދިވެހީން ލޯ ކުރިމަތީގައެވެ. އެ ހާދިސާ ދިވެހި ރާއްޖޭގެ ތަރައްގީއާއި، އިގްތިސާދު އެތައް އަހަރެއްގެ ފަހަތަށް ޖައްސާލިއެވެ. ސުނާމީ އަކީ ކޮބައިކަމާއި، އަދި ސުނާމީ އެރުމަށް މެދުވެރިވާ ސަބަބު ވެސް ދިވެހިންނަށް އެނގުނީ 2004 ވަނަ އަހަރުގެ އެ ހާދިސާއަށްފަހުގައެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބިގެންދިޔައީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ. ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެން ދިޔަ ކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދި ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. އެއީ ރާއްޖޭގެ ގަޑިން އެދުވަހުގެ ފަތިހު 5:58 ހާއިރުއެވެ. ނަމަވެސް އެދުވަހުގެ 9:20 ހާއިރު ސުނާމީ އެރުމާހަމައަށް ދިވެހިން އުޅެމުން ދިޔައީ އެހެންދުވަސް ދުވަހެކޭ އެއްފަދައިން ދިރިއުޅުމުގެ އެކިކަންކަމުގައި މަޝްޣޫލުވެގެން ތިއްބައެވެ.

2004 ވަނަ އަހަރުގެ އެ ބިންހެލުމަކީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި ބިންހެލުންތަކުގެ ތެރެއިން ރިކޯޑު ކުރެވިފައިވާ ތިންވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ އެ ހާދިސާއަކީ ގުދުރަތީ ކާރިސާއެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ ހާދިސާއެވެ. ރެކޯޑުތަކަށް ބަލާއިރު ސުނާމީ ކާރިސާގެ އަސަރު ރާއްޖޭގެ 9 ޜަށަކަށް ފިޔަވައި ހުރިހާ ރަށަަކަށް ވެސް ވަނީކޮށްފައެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއް ލިބިގެންދިޔައެވެ. ރަށްތަކުގެ ހާލަތަށް ބަލާއިރު މުވާސަލާތީ ހިދުމަތްތައް ކެނޑުނުއިރު އެކަކު އަނެކެއްގެ ހާލު ބަލާލަން އެތައް ބަޔަކު ތިބީ ބޭނުންވެފައެވެ. ސުނާމީގައި ރާއްޖޭގެ ދެ ރަށެއް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައެވެ. އެއީ ރ. އަތޮޅު ކަނދޮޅުދޫއާއި ތ. އަތޮޅު ވިލުފުށި އެވެ. ވިލުފުށީގައި އަލުން ގެދޮރު އިމާރާތްކޮށް މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އެރަށުގައި އަލުން މީހުން އާބާދުކޮށްފައިވަނީ އެރަށުގެ ފަޅު ހިއްކައި ކުރިން އޮތް ވިލުފުށްޓަށްވުރެ އެތައް ގުނަ ބޮޑު ރަށެއްގެ ގޮތުގައެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ލިބިގެންދިޔައީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް

އޭގެ އިތުރުން ކަނދޮޅުދޫ މީހުން އަލުން އާބާދުކޮށްފައިވަނީ އެއަތޮޅު ދުވާފަރުގައެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ލޯތައް ފުރިގެންވާ ހިތާމަވެރި ހަނދާތައް ހުރި ނަމަވެސް ވަހުގެ ހިތްދަތިކަން ކިތަންމެ ބޮޑު ނަމަވެސް ކަރުނައިގެ އެ ވަގުތުގައި ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރުވާލަން ޖެހުނު ކިތަންމެ ހިނދުކޮޅުތަކެއް ދިޔައެވެ. މީހުން ސަލާމަތްކުރުމުގައި ރަށުގެ ރައްޔިތުން ދެއްކި އެކުވެރިކަން، އެކަކު އަނެކަކަށް އަޅާލި މަންޒަރެވެ. ތިމާ ނުކައި އަނެކާ ހުރީ ކައިގެންތޯ ޔަގީން ކުރި މަންޒަރުތަކެވެ. އެހީތެރިވުމުގައި ޖެހިގެން އޮތް ރަށުގެ ރައްޔިތުން ދެއްކި ސާބިތުކަމަކީ، އެއީ އުފާވެރިކަމުގެ ކަރުނަތައް ގެނުވަދޭނެ ވާހަކަތަކެއްކަން ޔަގީނެވެ.

ވެވުނު މިންވަރަކުން އެހީވުމުގައި ދިވެހި ކޮންމެ ރައްޔިތަކު ވެދިން ދީލަތި އެހީތެރިކަމެކެވެ. ތިމާގެ ހާލަތަށް ބެލުމެއް ނެތި ކޮންމެ މީހަކުވެސް އަނެކެއްގެ މުހުތާދުތައް ފުއްދައިދިނުމުގައި އަަވަދިނެތި އުޅުނު އުޅުނެވެ. މިއިން ކޮންމެ މަންޒަރަކީ އުފާވެރިކަމުގެ ކަރުނައިން މުޅި ދެލޯ ތެންމާލި މަންޒަރެކެވެ. ދިވެހި ރައްޔިތުންގެ ފަރާތުން މިފަދަ ދަނޑިވަޅެއްގައި ފެނުނު ހިތްވަރާއި ސާބިތުކަމާއި އަދި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ސިފަވަންތަކަމުގެ ސަބަބުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގެ ރަށްތަކަށް ލިބިގެންދިޔައީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް

އެދުވަ ލިބުނު ފިލާވަޅު އެންމެހާ ދިވެހިން ހިތުދަސް ކުރިއެވެ. އެއީ އެއްބައިވަންތަ ކަމުގެ މަތިވެރި ފިލާވަޅެވެ. ފިލާވަޅުން ދަސްވި އެއްޗެއްގެ ބޭނުން ހިފާނީ ދެންވެސް އެކަހަލަ ކަމެއް ދިމާވާ ދުވަހަކު ނޫނެވެ. މިހާރުން ފެށިގެން ބައިބައިވުންތައް ނައްތާލަން ޖެހެއެވެ. އެންމެންނަކީ އެއްބައެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެއަށްފަހު އެއަށް އަމަލު ކުރަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: