ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާވިސް ޗާޖު “ރަނގަޅު” ކަމަށް ބުނެ، ރިސޯޓު މުވައްޒަފުންގެ މޫނުމަތީ ޖެހީ ތަފާއްޔެއް!

ރާއްޖޭގެ ރިސޯޓެއްގައި މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ - ފޮޓޯ ސާޗް: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

“ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،” މިއީ ޓޫރިޒަމް މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ބަސްފުޅެވެ.

“ޓްވީޓު ކުރާ އެންމެ މީހަކީ، ހުރިހާ އެންމެންގެ ވާހަކައެއް ނޫން.” އަލީ ވަހީދު

“މިއީ އެންމެ މީހެއްގެ ވާހަކައެއް ނޫންކަން ފާހަގަކޮށް ނޫސްވެރިޔާ އަނެއްކާވެސް ސުވާލު ތަކުރާރު ކުރުމާއި އެކު، “ނޫން، ނޫން އަޅުގަނޑު ދަންނަވާލަފާނަން އަޅުގަނޑުމެންގެ ރިކޯޑްސް ސްޓެޓިސްޓިކަލީ ރާއްޖޭގެ ޕެރިޓީވެސް އޮތް ގޮތް. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ގިނަ ރިސޯޓުތަކުގެ ޕެރިޓީ ރަނގަޅަށް އޮތީ…… އަޅުގަނޑުމެން އެންމެ ފަހުން މި ހެދި އިންސްޕެކްޝަނަށްފަހު ވަރަށް ކްލިއާލީ ޕްރިޓީ ވެސް އޮތީ ރަނގަޅަށް. ސާވިސް ޗާޖުދޭ ވެލިއުވެސް އަޅުގަނޑުމެންގެ އަތުގައި ފެންނަން އެބަހުރި. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި ޖުމްލަކޮށް މައިގަނޑު ގޮތެއްގައި، ދެން އަޅުގަނޑުމެންގެ އަތުގައި އެބަހުރި ހުރި. އެކަމު އަޅުގަނޑުމެން ސަރުކާރުން ނިންމާފައެއް ނެތް ވަކި ރޭޓު ކުރާކަށެއް. ހަމަ ރާއްޖޭގައި ކީ ވިޔަފާރި ކުންފުނިތައް ނުވަތަ މިއަށް އިންވެސްޓުކޮށްގެން ތިބި ހަމަ ހާއްސަކޮށް ދިވެހި ވިޔަފާރިތަކަށް ބަލާއިރުވެސް، ބޭރު ވިޔަފާރިތަކަށް ބަލާއިރުވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު” އަލީ ވަހީދު

އަޅުގަނޑަށް ވާހަކައެއް ނަގައިގަތުމުގައި ދަތިކަމެއް ހުންނަނީ ކަމެއް، ނުވަތަ ސިކުނޑީގައި ތެތްކަމެއް ހުންނަނީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ މިނިސްޓަރުގެ “ބަނޑު” ގައި އޮތް ވާހަކަ ނޭނގުނީ ކަމަށް ވެދާނެއެވެ. ވާހަކަ ވަރަށް ސާފެވެ. އެއޮތީ ބަހުން ބަހަށް، އަލީ ވަހީދު ސާވިސް ޗާޖާއި ގުޅޭގޮތުން ދެއްކެވި ވާޙަކައެވެ. މީގައި ނޫސްވެރިޔާ ދެން އޮޅުވާލާނެ ވާހަކައެއް ނެތެވެ.

ރިސޯޓު މުވައްޒަފުންނަށް ކޮންމެ ސަރުކާރަކުންވެސް ދައްކަނީ ހުވަފެންތަކެއް

 

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، އިގްތިސޯދީ މައި ތަނބެވެ. މި ދާއިރާގައި ރާއްޖޭގެ އެތައް ޒުވާނުންނެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. ތަނެއްގެ ކުރިއެރުން ގުޅިފައިވަނީ އެ މުވައްޒަފު ކުރާ މަސައްކަތާއި އެވެ. ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެން އައި ވެރިންގެ ސަބަބުންނެއް ނޫނެވެ. އެ ރިސޯޓުތަކުގެ މުވައްޒަފުން ހިދުމަތް ދިނުމުގައި ކުރި މަސައްކަތުންނެވެ. ތަން ތަނަކަށް ހެދީ އެ މުވައްޒަފުންނެވެ.

ބައެއް މީހުންނަށް ހީވާގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ލިބޭނީ ބޮޑު މުސާރައެކެވެ. އެހެން ނަމަވެސް، އެއީ ކުށްހީއެކެވެ. ތިމާގެ އާއިލާއާއި، އަނބިދަރީން ދޫކޮށް އެތައް ދުވަހެއް ވަންދެން ކުރާ މަސައްކަތަށް ލިބޭ ހަމަ އުޖޫރައެއް ނެތެވެ. ތިމާގެ އަމިއްލަ ގައުމުގައި ހުރެ، މަސައްކަތް ކުރާތުން ދިވެހި މީހާ އާއި، ބޭރު މީހުންނާއި ލައްކަ ތަފާތު ކުރުމެއް އޮވެއެވެ.

ރިސޯޓު މުވައްޒަފުންގެ ޝަކުވާތައް އަބަދުވެސް ސޯޝަލް މީޑިއާއިން ފެނެއެވެ. އެ ޝަކުވާތަކަށް ހައްލެއް ގެނައުމަށް އެ ރިސޯޓު މުވައްޒަފުންނަށް ހުވަފެން ދައްކަނީ ސިޔާސީ ވެރިންނެވެ. ގިނަ ފަހަރަށް، ބޮޑު ގޮނޑީގައި ތިބޭ ސިޔާސީ ވެރިންނެވެ. އާއިލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ ހަގީގީ، ބުރަ މަސައްކަތަކީ ކޮބައިކަން ނޭނގޭ ސިޔާސީ މީހުންނެވެ. އަޑުއަހަން ހިތި ވެދާނެއެވެ. އެހެނަސް، ހަގީގަތަކީ މިއީއެވެ.

“ރިސޯޓު މުވައްޒަފުންނަށް ހަމަ އުޖޫރަ ލިބޭނެ” ކަމަށް ބެނާތަކުގައި ލިޔެގެން ކެމްޕެއިން ކުރި މީހެއް ފެންނާކަށް ނެތެވެ. މިދިޔަ ދައުރުގައި، ރިސޯޓު މުވައްޒަފުންނޭ، ރިސޯޓު މުވައްޒަފުންނޭ ބުނެ އެ މުވައްޒަފުން ބުރަކަށީގައި ފިރުމަމުން ދިޔަމީހާ މިއަދު ހުރިތަނެއްވެސް ނޭނގެއެވެ. އަނެއްކާވެސް، ފަސް އަހަރު ދުވާލަން ވީ ހަމަ މިހާލުގައި ތޯ، ސުވާލު ކުރާ އެތައް މުވައްޒަފުންނެއް އެބަތިއްބެވެ. އަސާސީ މުސާރައާއި، ސާވިސް ޗާޖަށް ހަމަ އާދޭސްކޮށްލަ ކޮށްލާ އެހެން ހަމަ ތިބެން ވީ ހެއްޔެވެ؟ ރިސޯޓު މުވައްޒަފުންނަށް ހުވަފެންތައް ދެއްކުމަށްފަހު ވާކަމެއް، ހަރާމެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ.

މިއަދު ހަނދާނަށް އަންނަނަނީ ރައްޔިތުންގެ މަޖިލީހަށް މިނިމަން ވޭޖް ބިލު ހުށަހަޅާ އެ ބިލަށް ބަހުސް ކުރި ދުވަސް މަތީންނެވެ. ބައެއް މެމްބަރުން، މިނިމަން ވޭޖާއި ދެކޮޅަށް ވާހަކަ ދަައްކަވަން ފެއްޓެވުމުން ނިޒާމީ މައްސަލަތައް ނަންގަވާ، ސަރުކާރު މެމްބަރުން ވިދާޅުވީ “ބަލަ، ފުރަަތަަމަ ތިމާގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށްފަހު ދެން ތިވާހަކަ ދައްކާށެވެ.” ފަހަރުގައި ހަނދާން ނެތިދާނެއެވެ. އެ ދުވަހުގެ އާކައިވް، ހަބަރުތަކުން ބަލަންވީއެވެ. މަޖިލީހުގެ ވެބްސައިޓުންވެސް ފެންނާނެއެވެ.

ސިޔާސީ މީހުންގޮސް، ޖެހިފައި ތިބީ މުއްސަނދި ވިޔަފާރިވެރިންގެ ތައްޕާހުގައެވެ. “މަސައްކަތް މުވައްޒަފުންނަށް، ނަފާ ވެރިންނަށް” އުސޫލު ދެެއްތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: