ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު މުވައްޒަފުންނަށް އާއިލާ ކައިރިޔަށް ނިދަންދެވޭ ގޮތަކީ ވަޒީފާއިން ކަނޑާލާއި ފޮށި ތަންމަތި ހިފައިގެން ދިއުންތޯ؟

ސާވިސް ޗާޖުގެ ވާހަކަ މީީޑިއާ އާއި ހިއްސާކުރި ކަމަށް ބުނެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި މައްސަލައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު މުވަޒަފުންނަށް ދޭ ސާވިސް ޗާޖުގައި މައްސަލައެއް ނެތް ކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދެއްކެވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީއެވެ. އެހެން ނަމަވެސް އެ ވާހަކަ އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ނިމުމެއް ނެތެވެ.

މި ސަރުކާރު އުފެދިގެން އައީ މިނިމަމް ވޭޖާއި، ކުރާ މަސައްކަތަށް ހަމަ އުޖޫރަށް ލިބޭނެ ކަމުގެ އުންމީދު ދެއްކުމަށްފަހުއެވެ. އެ ވައުދުތަކާއި އެކު އެންމެ ބޮޑު އުންމީދެއް ކުރި ސިނާއަތެއްގެ މުވައްޒަފުންނަށް ވެގެންދާނީ ރިސޯޓު މުވައްޒަފުންނެވެ. ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތަށް ރަނގަޅު މުސާރައެއް ނުލިބޭ ވާހަކަ އަޑުއިވެއެވެ. ސާވިސް ޗާޖުގެ މައްސަލަތައް މީޑީއާތަކުގައި ފެންމަތިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިއްޖެވެ. އަދަދުތައް އިތުރުވެ، އެ ނަމްބަރުތައް ރީތިވެސް ވެއްޖެއެވެ. އެކަމާއި ދެބަހެއް އެކަކު ވެސް ނުވާނެއެވެ. އެހެން ނަމަވެސް، ފަރުދާގެ ފަހަތުގައި ހުރި ކަންކަމަށް، ބީރު ކަންފަތެއް ވެސް ދެވޭކަށް ނެތެވެ. ސާވިސް ޗާޖުގެ ވާހަކައާއި އެކު އެތައް ރިސޯޓެއްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެެއެވެ.

ރިސޯޓުތަކުން ދޭ ސާވިސް ޗާޖުގެ ވާހަކަތަކާއި އެކު 11 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދިން ރިސޯޓެއްގެ ވާހަކަ އަޑުއިވުނެވެ.

ހދ. ހޮނޑާފުށިއިން ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަންގައި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދިން 11 ޑޮލަރުގެ ވާހަކަ މީޑިއާތަކުންވެސް ގެނެސްދިނެވެ. ހޮނޑާފުށިއަކީ، ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތްރީއޭ ކުންފުނީގެ ދަށުން ހިންގާ ރިސޯޓެކެވެ. ތަނުގައި މިހާރު އޮންނަނީ އެހެން މެނޭޖްމެންޓެއް ކަމަށް މައުލޫމާތު ލިބިއެވެ.

ރިސޯޓުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެންމަތިކޮށްލީ، “ރިސޯޓް ބޮއީސް މޯލްޑިވްސް” ގެ ނަމުގައި ހިނގަމުން އަންނަ ފޭސްބުކް ޕޭޖްއަކުންނެވެ. މިހާތަނަށް ވެސް ރިސޯޓުން އެ ވާހަކަ ދޮގުކޮށްފައެއް ނެތެވެ. އެހެން ނަމަވެސް، އެ ވާހަކަ ސޯޝަލް މީޑިއާގައި ފެންމަތިކޮށްލީ ތަނުގެ މުވައްޒަފެއްކަމަށް ތުހުމަތުކޮށް އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

https://twitter.com/MvCrisis/status/1211545068332441601

ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމު އަދާކުރަމުން އައި އުމުރުން 29 އަހަރުގެ އަހުމަދު ޝިމްހާޒް މަގާމުން ވަކިކޮށްފައިވަނީ ރިސޯޓުގެ އަގު ވައްޓާލި ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޝިމްހާޒް ވަނީ ރިސޯޓުން އޭނާގެ މައްޗަށްކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ ރީތި ގޮތުގައި ވަޒީފާ އަދާކުރަމުން އައި މިހާތަނަށް ރިސޯޓުގެ ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް އަމަލެއް ހިންފާފައި ނުވާނެ މީހެއް ކަމަށް ބުނެފައެވެ.

ކުއްލި ގޮތަށް ވަޒީފާއިން ވަކި ކުރުމުގެ ސިޓީ ދިނުމުން ޝިމްހާޒް އެކަމަށް އިންކާރު ކުރިއެެވެ. ވަޒީފާއަށް ދުވަހަކުވެސް ފަރުވާކުޑަކޮށްފައިނުވާ ޝިމްހާޒް ބުނެފައިވަނީ އޭނާ މަސައްކަތަކަށް ތަނުގެ މެނޭޖްމެންޓުން ހަމަ އެދުވަހުވެސް ތައުރީފްކޮށްފައިވާ ކަމަށެވެ.

ޝިމްހާޒް ވަނީ ރިސޯޓުން އޭނާ ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ، އެކަން ސާބިތުކޮށްދޭނެ ވީޑިއޯއެއް އެބައޮތް ކަމަށް ވެސް ބުނެފައެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ވަޒީފާއިން އިސްތިއުފާ ދިނުމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ޝިމްހާޒް ވަނީ އެކަމަށް އިންކާރުކޮށް އޭނާގެ އެއްވެސް ވީޑިއޯއެއް ނޯންނާނެ ކަމަށް ބުނެފައެވެ. އަދި، އެ ވީޑިއޯ ދެއްކުމަށް ވެސް އޭނާ ބުނި ކަމަށާއި އެހެން ނަމަވެސް މެނޭޖްމެންޓުން އެފަދަ އެއްވެސް ވީޑިއޯއެއް ނުދެއްކި ކަމަށް ޝިމްހާޒް ބުންޏެވެ.

ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދިން 11 ޑޮލަރުގެ ވާހަކަ މީޑިއާތަކަށް ބުނީ ޝިމްހާޒް ކަމަށް ހޮނޑާފުށިއިން ބުނާއިރު ޝިމްހާޒް ވަނީ އޭނާ މީޑިއާއަަކަށް ނުވަތަ ނޫސްވެރިއަކަށް ވާހަކައެއް ކިޔައިދޭނަމަ ދައްކާނެ އެ ނޫންވެސް ވާހަކަތަކެއް އެބަހުރި ކަމަށް ބުނެފައެވެ. އެގޮތުން، ރިސޯޓުގައި ދިވެހިންނާއި މެދު ކަންތައް ކުރާ ގޮތުގެ ވާހަކަވެސް އޭނާއަށް ދެއްކުނީސް ކަމަށް ބުންޏެވެ.

https://twitter.com/MvCrisis/status/1211541412665151490

ޝިމްހާޒް ބުނީ، ވަޒީފާއިން ކަނޑާލިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާނެ ކަމަށެވެ. ސަބަބަކީ ރިސޯޓުން އޭނާއަށް ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތުމުންނެވެ. ޝިމްހާޒްގެ ޓާމިނޭޝަން ލެޓާގައި އޭނާއަކީ ވަޒީފާއަށް ފަރުވާކުޑަ މީހެއްކަމަށް ބުނެފައި ވެއެވެ. ޝިމްހާޒް ވަނީ ތަނުގެ މެނޭޖްމެންޓަށް އެންމެ ހީވާގި އެއް މުވައްޒަފު ކުއްލިގޮތަކަށް ފަރުވާކުޑަވީއޭ ބުނަންވީ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އޭނާގެ މަސައްކަތަށް ތަނުގެ މެނޭޖަރު ތައުރީފް ކުރިތާ 24 ގަޑިއިރުވެސް ނުވާނެ ކަމަށް ސިޓީ ހަވާލު ކުރުމުން ބުނެފައިވާނެ ކަމަށެވެ.

ޝިމްހާޒް ވަޒީފާއިން ވަކި ކުރަން ދިން ސިޓީގައި ސޮއެ ނުކުރުމުން ދެން އެންގީ ރިސޯޓުން ފޭބުމަށެވެ. އެހެން ނަމަވެސް ޝިމްހާޒް ވަނީ ކައިރި އެއްވެސް ރަށެއްގައި އޭނާގެ އާއިލާގެ މެމްބަރެއްވެސް އަދި ދަންނަ މީހެއްވެސް ނުހުންނާނެ ކަމަށް ބުނެފައެވެ. ޝިމްހާޒް ދަނީ ތަކުރާރުކޮށް އޭނާގެ އެއްވެސް ކުށެއް ނެތްކަން ފާހަގަކުރައްމުންނެވެ. މި މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާއިރު ގިނަ މީހުންދަނީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. މީގައި ވެރިންނަށް އޮޅުމެއް އޮންނަން ޖެހޭ ވަަރުގެ ކަމެއް ނެތެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ދޭ އަދަދުތައް މިނިސްޓްރީން ފެންނަން އެބަހުރި ކަމަށާއި ސިނާއަތުގައި އިންވެސްޓް ކޮށްގެން ތިބި މައިގަނޑު ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިާސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށެވެ.

ނޫސްވެރިޔާ ވަނީ ސުވާލު ތަކުރާރުކޮށް ސާވިސް ޗާޖު ނުދޭ ވާހަކައަކީ ވަރަށް ގިނަ މުވައްޒަފުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ބުނެފައެވެ. އެހެން ނަމަވެސް، އަލީ ވަހީދު ވިދާޅުވީ އެންމެ މީހަކު ދައްކާ ވާހަކައަކީ އެއީ ހުރިހާ އެންމެންގެ ވާހަކައެއް ނޫން ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ބައެއް ފަހަރު ރިސޯޓުން ކަނޑާލުމުން އެކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމުވާ ކަމަށާއި އެ ޝަކުވާތައް ގިނަ ފަހަރު ޓުވީޓު ކޮށްފައި ހުންނަނީވެސް ފޭކު އެކައުންޓުތަކުން ކަމަށެވެ.

“ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،” އަލީ ވަހީދު

ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭގޮތަށް ބައެއް މީޑިއާތަކުގައި ހަބަރު ޖެހި ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ސާވިސް ޗާޖު ދޭ އަދަދުވެސް ޓޫރިޒަމް މިނިސްޓްރީގައި ފެންނަން އެބަހުރި ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމަކީ ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ “ރަނގަޅަށޭ ނުވަތަ ގޯހުންނޭ” ސީދާ ވިދާޅުވުން ނޫން ކަމަށެވެ.

އަދި އިންވެސްޓްކޮށްގެން ތިބި ދިވެހި ވިޔަފާރިތަކަށް ބަލާއިރުވެސް ބޭރުގެ ވިޔަފާރިތަކަށް ބަލާއިރުވެސް ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވުމުގައި ހުރިހާ އިންވެސްޓަރުންގެ ބަދަލުގައި ފާހަގަކުރެއްވީ ބޮޑެތި “ކީ” އިންވެސްޓަރުންގެ ވާހަކަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ވަނީ މިހާރު ސާވިސް ޗާޖުދޭ ގޮތާގުޅޭގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިނުވާކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަ ޝިމްހާޒުގެ ބެކްގްރައުނޑް ޗެކްކޮށްލަބަލަ. އޭނަ ކޯމޯ މާލިފުށި ރިސޯޓުން ކަނޑާލީވެސްފަރުވާކުޑަވެގެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: