ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް“ޔެލޯ 2″ އަށް ބަދަލުކޮށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަން އާއްމު ހާލަތަށް ބަދަލުކޮށްފިއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެލާޓް ސްޓޭޓަސް ލެވެލް މަތި ކުރުމަށްފަހު، ނޫސްވެރިންގެ ގްރޫޕުގައި އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވީ އެލާޓް ނެރެނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން ފަހުން ސިފައިން ބުނެފައިވަނީ އެލާޓް ލެވަލް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި އެއީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެ އެލާޓް ސްޓޭޓަސް އުވާލާ އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ދިފާއީ ބާރުން ހިނގަމުން ދިޔަ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ސިފައިން ކުރިޔަށް ގެންގޮސްފައިވަނީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން އެލާޓް ސްޓޭޓަސް ނެރެފައި ވަނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ފުލުހުން ވެސް އޮޕަރޭޝަންތައް ފަށާ އެކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެމްއެންޑީއެފްގެ އެލާޓް މައްޗަށް ޖައްސައި ހިންގާ އެފަދަ އޮޕަރޭޝަންތަކަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަށް ވާތީވެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފްގެ އެލާޓާއި އެކު، ނޭޝަނަލް ކައުންޓާރ ޓެރަރިޒަމްއިން ވެސް ބަޔާނެއް ނެރުނެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އިތުރުވަމުން އަންނަ ހަރުކަށި ވިސްނުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ އެ އިދާރާއާއި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރާއި ދިމާކޮށް މިފަދަ އެލާޓެއް ނެރުމާއި ގުޅިގެން ގައުމެއް އިގްތިސާދަށް ލޮޅުންތަކެއް އައިސްދާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން، ބައެއް ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކާއި، ގެސްޓް ހައުސް އަދި ސަފާރީތަކުން ވަނީ އެ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަަވަޅުތައް އަޅާފައެވެ. ބައެއް ފަރާތްތަކުން ވަނީ، މި އެލާޓާއި އެކު ބައެއް ބުކިން ކެންސަލޭޝަންތަކެއް އަންނާނެ ކަމަށް ބުނެފައެވެ.

