ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލި މައްސަލައިގައި އަދީބަށް އިއްވި ހުކުމް ނިމޭނެ، ދެން އޮތީ ބަންދުގެ އަމުރު!

ފިލި މައްސަލައިގައި އަދީބަށް އިއްވި ހުކުމް ނިމޭނެ، ދެން އޮތީ ބަންދުގެ އަމުރު!
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވި މައްސަލައިގައި އިއްވާފައިވާ ޖަލު ހުކުމްގެ ތަންފީޒީ މަރުހަލާ މިރޭ އެކީ ނިމުނު ނަމަވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދިފައިވާތީ އެކީ މިނިވަން ނުވާނެ ކަމަށް ގާނޫނީ ވަކީލުން ބުނެފިއެވެ.

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު ވާގޯ 9 ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިލަން މައްސައްކަތް ކުރަނިކޮށް އިންޑީއާގެ ޓުޓިކޮރިން އިން އަތުލައިގަތީ މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު އެވެ. އެ ޓަގު ބޯޓާއެކު އަދީބު އެނބުރި މާލެ ގެނައީ އޭގެ ތިން ދުވަސް ފަހުންނެވެ. އެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި ފަހުން ދައުލަތުން ވަނީ ޚިޔާނާތުގެ އިތުރު ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލައިފަ އެވެ.

ފިލަން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބަންދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާ ފިލަން މެދުވެރިވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާއި ހެދިކަން ފާހަަގަ ކުރައްވާފައެވެ. އަދި ދައުލަތާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އެއްބާރުލުން ދޭއިރު މައްސަލައިގައި ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ނުފޫޒުގަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނޭކަމަށް އަދީބު ވަނީ ވިދާޅުފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ އަދީބުގެ މައްޗަށް އިއްވާފައިވާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް މިރޭ ތަންފީޒުކޮށް ނިމޭ ގޮތަށް އޮތް ނަމަވެސް، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރެފައިވާ އެހެން އަމުރެއް އޮތުމުން މިނިވަން ނުވާނެ ކަމަށެވެ. ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އަދީބު މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ.

އަދީބުގެ މައްޗަށް ފަހުން ދައުލަތުން އުފުލީ ހަތް ދައުވާ އެކެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

އަދީބުގެ މައްޗަށް ކުރިން ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެކަމަކު ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފަ އެވެ. އަދީބު ބަންދުގައި ބަހައްޓާފައިވަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ނިމެންދެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: