ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ނުދޭ ކުއްޖަކު ސްކޫލަށް ފޮނުވައިގެން ނުވާނެ، ރިސްކެއް ނަގަން ބޭނުމެއް ނޫން: އަމީން

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާ ވެސް ފެތުރެމުންދާ ކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެކްސިން ދިނުމަށް އިންކާރުކޮށް، ވެކްސިން ނުޖަހާ ކުއްޖަކު ހުރި ކަމަށްވާނަމަ ވެކްސިން ޖެހުމަށްފަހު މެނުއީ އެ ކުއްޖާ ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފައެވެ.

އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް މިހާރު ފެނިފައި ވާއިރު، އޭނާގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ރާއްޖެއިން ހިމަބިހި އެންމެފަހުން ފެނިފައިވަނީ މީގެ 11 އަހަރު ކުރީންނެވެ. ކުށްލިގޮތަކަށް ރާއްޖެއިން ހިމަބިހި ފެންނަން ވީ ސަބަބެއް އަދި އެނގިފައިނުވާއިރު މިހާތަނަށް ހިމި ބިހި ފެނުނު ދެ މީހުން ވެސް ރާއްޖެއިން ބޭރަށް ވޭތުވެ ދެ މަހެއް ހާ ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާނު ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ އެ ބަލިން އާއްމުން ރައްކާތެރި ކުރުމަށްޓަކާ ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބަލި، ފެނުނު ކުޑަ ކުއްޖާ އާއި 30 އަހަރުގެ ފިރިހެން މީހާ ގޮސްފައިވާ ސަރަހައްދުތަކުންނެވެ. ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް، އަލުން ފެނުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ އަމީން ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ މި ބަލި އަލުން ރާއްޖެއަށް ފެތުރިގެންދާނެ ކަމަށް ބަލައިގެންނެއް ނޫން ކަމަށެވެ.

މިވަގުތަށް ބޭނުންވާ ވެކްސިން ރާއްޖޭގައި ހުރި ނަމަވެސް އިތުރަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގެ ކަންކަން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި ރާއްޖެ އަށް ވެކްސިން ގެންނަން ގިނަވެގެން ނަގާނީ 10 ދުވަސް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

“ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށްވާނަމަ، އެފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންތައް ކުރަމުންދަނީ،” އަމީން

ވެކްސިން ނުޖަހާ ކުދިން ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު އެކަމާއި ގުޅޭގޮތުން އަމީން ވިދާޅުވީ، “މިއަދުން ފެށިގެން ވެކްސިން ނުދީ ހުރި ނުވަތަ، ޑޯޒް ހަމަ ނުކުރެވި ހުރި އެއްވެސް ކުއްޖެއް ސްކޫލަށް ފޮނުވައިގެން ނުވާނެ” ކަމަށެވެ. އަދި ވެކްސިން ދޭން ނުޖެހޭ ކަމަށް ގަބޫލުކޮށް، ޑޯޒް ހަމަނުކޮށް ކުއްޖާ ބޮޑު ކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ހިމަބިއްސާއި ގުޅޭގޮތުން އާއްމުންނަށް މައުލޫމާތު ދިނުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކޮށް އަމީން ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ކިރިޔާވެސް ބަލީގެ އަލާމާތެއް ފެނުމުން އެކަން ރިޕޯޓު ކުރުން ކަމަށެވެ. ބަލި ޖެހިފައި ހުރި ކުދިންތައް ފާއިތުވީ އެއް މަސް ދުވަހުގެ ތެރޭގައި ދިޔަ ހުރިހާ ތަނެއް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ތަންތަނަށް ދިޔަ މީހުން ވެކްސިން ކާޑު ފުރިހަމަ ވެފައިވޭތޯ ބެލުމަށް އަމީން ވަނީ އެވަޑައިގެންފައެވެ. ހިމަބިހި ފެތުރުމަށް ހުޅުވިފައި ހުރި މަގުތައް ބަންދު ކުރަންޖެހޭއިރު، އެކަމަށް އޮތް ހަމައެކަނި ހައްލަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ހިމަ ބިހި ފެނިފައިމިވަނީ މިފަދަ ކޭސްއެއް ނުފެންނަތާ 11 އަހަރު ފަހުން

“ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ދިއުމަށް ދޫކޮށްލެވޭކަށް ނެތް. މިހާތަނަށް ވެކްސިން ނުޖަހާ ތިބިކަމަށް ވަނީނަމަ، ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް މިގެންދަނީ” އަމީން

މިނިސްޓަރު ވިދާޅުވީ ދާދިފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަރުކާރުގެ މުއައްސަސާތަކުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައިވެސް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ ބައެއް މީހުންގެ ދަރިންނަށް ވެކްސިން ދީފައިވާނެ ކަމަށެވެ. އެ ގޮތުން ވެކްސިން ދިނުމަށް އިންކާރު ކުރަމުންދިޔަ ބެލެނިވެރިންނަށް ނަސޭހަތްދިނުމުން ބައެއް ބެލެނިވެރިން އެކަން ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަމީން އިތުރަށް ވިދާޅުވީ މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރަންޖެހޭ ކަމަށްވީއިރު، ވެކްސިން ދިނުމަށް އެއްވެސް ފަރާތަކުން އިންކާރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ހިމަބިހި ނައްތާލުމަށް ރާއްޖޭގައި ގައުމީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަކީ ހިމަބިހި ނުވަތަ މީސްލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ރާއްޖެއާ އެކު މި ސަރަހައްދުން ހިމަބިހި ނައްތާލި ކަމަށް ކަނޑައަޅާފައިވާ ގައުމުގެ ތެރޭގައި ދެން ހިމެނެނީ ބޫޓާންއެވެ.

ހިމަ ބިހި ނައްތާލިކަމުގެ އެވޯޑު ރައްޖެއަށް ލިބުނީ 2017 ގައި، ރާއްޖެއަކީ މި ސަރަހައްދުގެ ދެ ވަނަ

މި ދެ ގައުމަކީ ވެސް 2020 ވަނަ އަހަރުގެ ކުރިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވި ފުރަތަމަ ދެ ގައުމުކަންވެސް ފާހަގަކޮށްލެވެއެވެ. ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެެވެ. އަދި ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން ޢުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިންތަކެއްވެސް ވަނީ ހިންގާފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ވަނީ ދޭން ފަށާފައެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުއިކަމާ އެކު ފެތުރޭ ބައްޔެކެވެ. އެ ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑިއަށް ގެއްލުންވުން ހިމެނެއެވެ. އަދި އެއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެކެވެ. ގައިންގަޔަށް އަރާ ބަލި ކޮންމެ ގައުމަކަށްވެސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވާއިރު، ރައްކާތެރިވުމަށް ކުރެވެން އޮތްކަމަކީ އާބާދީގެ މަދުވެގެން 95 އިންސައްތައަށް ވެކްސިން ދިނުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: