ފ. ފީއަލީ ބަނދަރު ސަރަހައްދުގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ބަންގްލަދޭޝްގެ މީހާ، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 9:15 ހާއިރު ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، އެ މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާއިރު، މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ފީއަލީ ސިއްހީ މަރުކަޒުން ފުރަތަމަ ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނެސްފައިވަނީ ހާލަތު ސީރިއަސްވުމުގެ ސަބަބުންނެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:30 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގަޑިއިރެއްހާއިރުގެ މަސައްކަތަށްފަހު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 10:35 ހާއިރުއެވެ.
ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓިގެން ދިއުމުގެ ސަބަބުން، ތެޔޮ ދޯނީގެ އިތުރުން ކައިރީގައި އޮތް ތިން ދޯންޏެއްގައި ރޯވެ، ޖުމްލަ ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް އަލިފާނުގެ އަސަރުކޮށް، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި، މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ރަށުގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެއް ލިބުނު އަލިފާނުގެ ހާދިސާއެވެ.

