ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން، 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން candidacy@elections.gov.mv އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގައި ދަތިތަކެއް ހުރިނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އީސީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމުގެ އިތުރުން އުމުރުން 18 އަހަރު ފުރިފައިވާ ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހެއެވެ. ނަމަވެސް، ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާއި، 12 މަހަށްވުރެ ދިގު ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް މި އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މެންބަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ. ސިނާނުގެ މެންބަރުކަން ގެއްލުނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކޮށްފައި ނުވާތީއެވެ.
މި ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސް އަބްދުﷲ ސޯދިގު (ސޯބެ) އާއި، މީގެ ކުރިންވެސް މަޖިލިސް އިންތިޚާބުތަކުގައި ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީއެވެ.

