ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ ރޭވުންތަކަށް އިސްކަންދީގެން އިޤްތިޞާދު ހަރުދަނާކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރަށް ބަލައި، ރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަމާއި ކުރިއެރުން ކަށަވަރުކުރުން ކަމަށެވެ.
ރާއްޖޭގެ މިވަގުތުގެ އެކްސްޕޯޓް ރޭޓާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެކްސްޕޯޓް ރޭޓްގެ ތަފްސީލީ މަޢުލޫމާތު މިވަގުތު އަތްޕުޅުގައި ނެތް ކަމަށެވެ. ނަމަވެސް، ރާއްޖެއަށް އެތެރެކުރާ މުދާ ނުވަތަ އިމްޕޯޓްގެ ނިސްބަތް ހުރި މިންވަރު އެނގިވަޑައިގަންނަވާ ކަމަށާއި، އެކްސްޕޯޓާ ގުޅޭ ތަފާސްހިސާބުތައް ފަހުން މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް އޭގެ މަންފާ ދިގު މުއްދަތަކަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި އިޞްލާޙުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ވަޒީރު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އިޤްތިޞާދީ ދާއިރާއިން ކުރާ މަސައްކަތްތަކަކީ ހަމައެކަނި މިއަދުގެ ހާލަތަށް ބަލައިގެން ކުރާ ކަންކަމެއް ނޫނެވެ.
”މިހާރު އެކުލަވާލަމުންދާ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ޖީލުތަކަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް“ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޚާއްޞަކޮށް، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމާއި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޚަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރެވޭނެ އާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މިއީ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އިޤްތިޞާދީ މި އިޞްލާޙީ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިޤްތިޞާދީ ތަފާސްހިސާބުތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަމުންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

