ސަރުކާރުން ކުރިއަށްގެންދާ ”ބިންވެރިޔާ“ ޚާއްސަ ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށް، އެ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތުނހައުސިން މިނިސްޓްރީން ހުޅުވައިލައިފިއެވެ.
އަލަށް އިތުރުކުރެވުނު ތިންވަނަ ކެޓަގަރީގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޭ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، މޭ 31 ވާ ހުކުރު ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ސަރުކާރުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ސްކީމްގެ ކެޓަގަރީތައް
އަލަށް އިތުރުކުރި ކެޓަގަރީއާއެކު މިހާރު މި ސްކީމުގައި ޖުމްލަ ތިން ކެޓަގަރީއެއް ހިމެނެއެވެ:
ކެޓަގަރީ-1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް.
ކެޓަގަރީ-2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް.
ކެޓަގަރީ-3 (އަލަށް އިތުރުކުރި): ބިންވެރިޔާ ސްކީމުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތަކުން އެ ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް އެދޭ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯއްޗާއި ފުލެޓަށް އެދެން ބޭނުންވާ ފަރާތްތައް.
”ބިންވެރިޔާ“ ޚާއްސަ ސްކީމަކީ މައިގަނޑު ގޮތެއްގައި ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ސްކީމާ ގުޅޭ އުސޫލު ސަރުކާރުން ގެޒެޓްކޮށްފައިވަނީ މާޗް މަހުގެ އެއްވަނަ ދުވަހުއެވެ.
ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ސްކީމަށް އެދި ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ދެމަފިރިންކުރެ މީހަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އަނެކާއަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ”ގޯތި-ގެދޮރު“ ނަމުގައި ވެސް ހާއްސަ ޕްރޮގްރާމެއް މީގެ ކުރިން އިއުލާންކޮށްފައެވެ.

