ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުހާގެ މަންމަ މަރަށް މަރު ހިފަން ބޭނުމެއް ނޫން: ސުމޮންއަށް 15 އަހަރުގެ ޖަލު ހުކުމެއް!

ޒުހާ މަރާލި ސުމޮން 15 އަހަރަށް ޖަލަށް
ޝެއާރކޮށްލާ ކަހަލަދޯ؟

2016 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި، މަރާލާފައި އޮއްވާ ފެނުނު ހައްވާ ޒުހާގެ މަރުގެ މައްސަލައިގައި ދައުވާ ކުރި ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ސުމަން މިއާގެ މައްޗަށް ދަޢުލަތުގެ ފަރާތުން ކޮށްފައިވަނީ އެނގިހުރެ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ. ސުމޮން މިއާު އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިންގެ ހެކިބަސްތައް ޝަރީއަތުގައި ނަގާފައިވެއެވެ. މި މައްސަލައިގައި ބަންގްލަދޭޝްގެ ސުމޮން މިއާއަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ޝަރީއަތުގައި ސުމޮން ބުނެފައިވަނީ ޒުހާ މަރާލުމުގެ ނިޔަތުގައި، އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އަތްލާފައި ނުވާނެ ކަމަށެވެ.
ޒުހާ މަރާލިކަމަށް އެއްބަސްވުމަށްފަހު ޝަރީއަތުގައި ފަހުން ސުމޮން ބުނެފައިވަނީ އޭނާ ޒުހާ މަރާލާފައިނުވާނެ ކަމަށާއި އެއީ ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ބުނެފައެވެ. އަދި އެކަން ހިނގާފައިވަނީ ފައިސާތަކެއް ފޭރެން އުޅުމުގެ ތެރޭގައި، ޒުހާ އެކަމަށް އިންކާރު ކުރުމުން ކަމަށް ވެސް ސުމޮން ބުނެފައިވެއެވެ.

މައްސަލާގައި އާދީއްތަ ދުވަހު ސުމޮންގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ސުމޮންގެ އެ އިއުތިރާފު އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ މީހެއްގެ ހައްގު ހިމެނޭ ކަމެއްގައި އިއުތިރާފުވުމަށްފަހު އިއުތިރާފު އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ. 

ގަސްދުގައި މީހަކު މެރުމުގެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމަށެވެ. 

ޒުހާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓް ކުރި މީހާ ޒުހާ އެތަނުގައި އޮތް ގޮތް ކިޔައިދެނީ: ފޮޓޯ / ސަން

ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފުމުން ނޭވާ ހާސްވެގެންކަން ޑޮކްޓަރުންގެ ލިޔުންތަކުން އެނގޭ ކަމަށާއި އެހެންކަމުން އެއީ ގަސްދު މަރެއް ކަމަށް ހުކުމްގައިވެ އެވެ. އަދި ޒުހާގެ ކަރުގައި ހިފާ އޭނާ މަރާލީ ސުމޮންކަން ޝަރީއަތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ސުމޮންގެ މައްޗަށް ކުށް ސާބިތުވިއިރު ޒުހާގެ މަންމަ ވަނީ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ސުމޮންއަށް އަދަބު ކަނޑައެޅުމުގައި އެކަމަށް ރިއާޔަތްކުރި އެވެ.

ޒުހާގެ މަރުގެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވަމުން ދަޢުލަތުގެ ވަކީލާ ވިދާޅުވީ 7 ޖެނުއަރީ 2016 ވަނަ ދުވަހުގެ 00:00 އެހާކަށްހާއިރު، ސުމަން މިއާ، ހައްވާ ޒުހާ އާއި އެއްކޮށް ހ. ލާލުކުރިގޭގެ ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށާއި، އެކަމަށް ހައްވާ ޒުހާ އެއްބަސްވީ 700 ރުފިޔާ އަށް ކަމަށް އޭނާ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވި ކަމަށެވެ.

ޖިންސީ ގުޅުން ހިންގުމަށްފަހު، ޒުހާ އިތުރަށް ލާރި ދިނުމަށް އެދުނު ކަމަށާއި، އިތުރަށް ފައިސާ ނުދީފިއްޔާ “ޕާޓޭން” ގެންނާނެ ކަމަށް ބުނެ އޭނާއަށް ބިރުދައްކާފައިވާ ކަމަށެވެ. ޒުހާ އިތުރަށް ލާރި ދިނުމަށް އެދި ސުމަން މިއާ، އެ ކޮޓަރީގެ ތަރުފާލުގަނޑު ދަށުގައި ފޮރުވައިފައި ހުރި ފައިސާތަކެއް ނަގަން އުޅުމުން ސުމަން މިއާ، ހައްވާ ޒުހާގެ ކަރުގައި ހިފި ކަމަށާއި، އަދި އެވަގުތު ޒުހާ އަަށް ފިޓު ޖެހިގެން އޭނާ ބިންމައްޗަށް ވެއްޓުނު ކަމަށެވެ.

ސުމަން ޒުހާގެ ކަރުގައި ހިފީ، އޭނާ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ. އަދި ހައްވާ ޒުހާ ބިންމައްޗަށް ވެއްޓުމުން، ސުމަން މިއާ، އޭނާ ނަގައިގެން ގޮސް އެގޭގެ ގޯޅިގަނޑު ތެރޭގައި ބޭއްވި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ދަޢުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދަޢުލަތުގެ ވަކީލާ ބުނީ ހައްވާ ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފުމުގެ ސަބަބުން، ނޭވާ ހާސްވެގެން ކަން އެ މައްސަލައާއި ގުޅިގެން ތައްޔާރުކުރި، އަދި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ޕޯސްޓްމޯޓަމް ރިޕޯޓުންވެސް އެނގޭ ކަމަށެވެ. އަދި ހައްވާ ޒުހާގެ ކަރުގައި ހިފާފައިވަނީ ސުމަން މިއާ ކަން އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތަކުންނާއި، އެ މައްސަލައިގައި ތައްޔާރުކުރި ޑީއެންއޭ ތަހުލީލު ރިޕޯޓުންވެސް އެނގޭ ކަމަށެވެ. އަދި އެ މައްސަލައިގައި ސުމަން މިއާ އާ ދެކޮޅަށް ޝަރީޢަތުގެ މަޖިލީހުގައި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ހެކިތަކާއި، ރިޕޯޓުތަކުގެ މަޢުލޫމާތު ވަކީލާ ވަނީ ހާމަކޮށްފައެވެ.

ދައުލަތުން ބުނެފައިވަނީ ސުމޮން ކުރި ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށާއި ނަމަވެސް އޭނާ ކުށްކުރި ގޮތަށް ބަލައި އަދަބުގެ ދަރަޖަ ދެ ދަރަޖަ މަތިކޮށް 15 އަހަރަށް ހަދަން ޖެހޭ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ހުކުމް ކުރެއްވީ ސުމޮން 15 އަހަރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށެވެ. އަދި ކައްފާރާއެއްގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހު ރޯދަ ހިފުމަށް ވެސް ސުމޮން މިއާގެ މައްޗަށް ހުކުމްކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: