ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ އޮޑިޓު: ފެންނާން އޮތީ އިހުމާލާއި، ވަރިހަމަކަން!

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ އޮޑިޓު: ފެންނާން އޮތީ އިހުމާލާއި، ވަރިހަމަކަން!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ތަފާތު އެކި މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް ޖެންޑާރ މިނިސްޓްރީއަށް ހުށަހެޅޭ އެކި ބާވަތުގެ ޝަކުވާތައް ބަލާ ތަހުގީގު ކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނެއް ވުޖޫދު ކުރެވި، އެޔަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. 90 ގެ އަހަރުތަކުން ފެށިގެން އަމަލު ކުރަމުން އައި ކުޑަކުދިންގެ ގާނޫނަށް ގެނައި ބަދަލުތަކުން ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަގުފަހި ވެގެންދާނެއެވެ. ގާނޫނުގައި އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށާއި، ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އަދި ކުޑަކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާތަކަކީ ކޮބައިކަން ކަނޑައަޅައި، އެ ފަރާތްތައް ޒިންމާދާރުކުރުވައި، އެ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން އެކުދިންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ޒިންމާތަކާ ޚިލާފްވާ މައިންބަފައިންނާއި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި މަސައްކަތް ފެށުނު ދުވަސްވަރާއި ދިމާވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވީ ދަނޑިވަޅެއްގައެވެ. ގއ ކަނޑުހުޅުދޫގައި ދެ އަހަރުވެސް ނުވާ ކުޑަ ކުއްޖަކަށް އިތުބާރު ހުރި މަގާމެއްގައި ތިބެ އެ ކުއްޖާގެ ކާފައާއި، މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައަށްފަހު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން ދިޔައީ ފުލުފުލުގައެވެ. އެ މައްސަލަތަކުގެ ތެރޭގައި މީގެ ކުރިން މިނިސްޓްރީއަށް ހުށަހެޅިނަމަވެސް އެއްވެސް ސަމާލުކަމެއް ދީފައިނުވާ މައްސަލަތަކެއް ވެސް ހިމެނެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އިހުމާލުތައް ފުންޏަކަށް ޖެހި މަގާމުން ވަކި ކުރާ ހިސާބަށް ދިއުމުން “އިހުމާލެއް ނެތް” ކަމަށް ބުނެ އިސްތިއުފާ ދެއްވިއެވެ.

މި މައްސަލަތަކާއި އެކު މުވައްސަސާތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ފެށި، އެތައް ބަޔަކަށް އިހުމާލުގެ ތުހުމަތު ކުރެވުނެވެ. ޖެންޑާރ މިނިސްޓްރީއާއި، ފުލުހުން، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްސީޕީޑީ) އަށް އެކަށީގެންވާ ގޮތެއްގައި ޒިންމާތައް ނެގިފައިނުވާކަމަށް ބުނަން ފެށިއެވެ. އަދި އެކަމުގެ ހެކިތައް ވެސް އެބަހުއްޓެވެ. ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ކުއްޖާގެ މުނިކާފައަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން ކުރި ޕްރެޝަރުތަކަށް ފުލުހުން ބުނީ އޭނާ މުޖްތަމައުއަށް ދޫކޮށްފައި ހުރީ “އުމުރަށް ރިއާޔަތް” ކުރުމަށްފަހުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މި މުވައްސަސާތައް ހާޒިރު ކުރެވުނެވެ. އަދި ވަކި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވުނީ މުއްދަތުތަކެއް ކަނޑައެޅިގެންނެވެ. އޭގެ ތެރޭގައި އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ މިންވަރު ބެލުމަށް އޮޑިޓެއް ތައްޔާރު ކުރުމެވެ. އޮޑިޓް އާއްމު ކުރި އިރު މުޅި ރިޕޯޓުގައި ވަނީ މައްސަލަތަކާއި އިހުމާލުތަކުގެ ވާހަކަތެކެވެ.

ޝިދާތާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ކަމާއި ބެހޭ އެކި މުވައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރި

މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތްއިރު، މައްސަލަތައް ރިޕޯޓު ކުރުމަށް ގާއިމްކޮށްފައިވާ “ހޮޓްލައިން” އަކުން ކުރާނެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް އޭގައި ވެއެވެ. 2018 ވަނަ އަހަރާއި 2019 ވަަ އަހަރުގެ މައްސަލަތައް ފުންޏަކަށް ޖެހިފައިވާއިރު އެކަންކަން ފުރިހަމަ ކުރާނެ މަރުކަޒީ ނިޒާމެއް ނެތެވެ. މައްސަލަތައް ތަހުގީގު ކުރުމަށް މައުލޫމާތު އެއް ކުރަންޖެހޭއިރު އެކަން ކުރެވޭނެ އެންމެ އެކަށީގެންވާ ނިޒާމެއް ނެތްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ މައްސަލަތައް ރިޕޯޓު ކުރުމަށްޓަކާ ގާއިމްކޮށްފައިވާ ހޮޓްލައިންއަކީ “ބޭކާރު” ހޮޓްލައިންއެއް ކަމަށެވެ. ޗައިލްޑް ހެލްޕްލައިންގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭގޮތަށް ތައާރަފް ކުރި އެ ހޮޓްލައިންއަކުން ޖަވާބެއް ނުދޭކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ކޯލް ސެންޓަރު ބަންދުކުރާ ވަގުތުތަކުގައި އޮން ކޯލްގައި ހުންނަ މުވައްޒަފަށް ކޯލްތައް ޑައިވާޓްވާއިރު އެ މުވައްޒަފު ކޭހެއްގައި މަސައްކަތްކުރަމުންދާ ވަގުތާއި އޮން-ކޯލް ފޯނަށް ޖަވާބު ދޭ ވަގުތުތަކުގައި ޑައިވަޓްވާ ކޯލްތަކަށް ޖަވާބު ނުދެވޭކަމަށް ބުނެފައިވެ އެވެ.

ބައެސް މައްސަލަތަކަކީ، އޭގެ ޒާތައް ބަލާއިރު ވަގުތުން އެޓެންޑު ކުރަންވީ ކޭސްތަކަކަށް ވީ ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ނުކުރާކަމަށް ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން ކޭސްތަކަށް އިޖާބަ ދިނުމުގައި އިސްކަން ދޭ މިންގަނޑެއް ބަޔާންކޮށްފައި ނުވާއިރު އެ އޮޑިޓަށް ބެލި 22 ކޭސްއެއްގެ ތެރެއިން 4 ކޭސްއަކަށް އިޖާބަ ދިނުމުގައި އިސްކަން ދޭނެ މިންގަނޑު ކަނޑައަޅާ ބަޔަންކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ތަމްރީނުވެފައި ތިބި، ފަންނީ މުވައްޒަފުން ނެތުމެވެ. ކުޑަކުދިންނާއި ގުޅޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވާން ފެށުމުން ވެސް ކޭސްވޯކަރުން އިތުރުކޮށްފައި ނުވެއެވެ. އެއީ 2017 ވަނަ އަހަރުން ފެށިގެން ބަލާއިރު މަސައްކަތް ކުރަމުން އައީ 16 ކޭސްވޯކަރުންނާއި އެކު އެންމެ ސުޕަވައިޒަރެއް ކަމަށް ވަނީ ބުނެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި، ކޭސްވޯކަރުންގެ އަތުގައި އެތައް މައްސަލައެއް ވާ ކަމަށް ފާޙަގަކޮށްފައިވެއެވެ. އެވްރެޖުގޮތެއްގައި ކޭސްވޯކަރުންގެ އަތުގައި 76 ކޭސް ހަވާލުކޮށްފައިވާކަމަށް އޮޑިޓުން ދައްކައެވެ. އަދި އޭގެ ސަބަބުން މައްސަލަތަކަށް ދޭންޖެހޭ ވަގުތުތަކާއި މަސައްކަތުގެ ފެން

އޭގެ ނަތީޖާއަކީ އެވަރެޖްކޮށް ކޮންމެ ކޭސްވާކަރަކަށް 76 ކޭސް ހަވާލުކޮށްފައިވުމުގެ ސަބަބުން ކޭސްތަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން
ނުދެވި، މަސައްކަތުގެ ފެންވަރަށް އަސަރުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކޭސްތައް އެލޮކޭޓު ނުކުރެވި ގިނަ ދުވަސްތަކެއް ދާ ކަމަށެވެ. އެއާއި އެކު އެސެސްމެންޓުތައް ވެސް ގަވައިދުން ހެދިފައި ނުހުންނަ ކަމަށެވެ. އަދި އޭގައި ހިމަނަންޖެހޭ މުހިންމު މައުލޫމާތުތައް ހިމަނާފައި ނުވާކަމާއި އެކްޝްން ޕްލޭން ތައްޔާރުކޮށް ފޮލޯއަޕް ގަވައިދުން ހެދެމުން ނުދާކަމަށް ވެސް ވަނީ ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އައި ފުލުފުލުގައި، އިދާރާތަކަށް އިހުމާލުގެ ތުހުމަތު

ކުޑަކުދިންގެ ހިޔާތަކާއި މަރުކަޒުތަކާއި ގުޅޭގޮތުން އޮޑިޓުގައި ބުނެފައިވަނީ އެ ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ނުދެވޭ ކަމަށެވެ. އަދި ކުދިންގެ އުމުރާއި އެއްގޮތަށް ބޭނުންވާ ކަންކަން ވެސް ފޯރުކޮށް ނުދެވޭކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ސަބަބުން ހިޔާތަކުގައި ގެންގުޅުން މަނާތަކެތި ކުޑަކުދިން ގެންގުޅުމާއި ކެއާވާކަރަކާ ނުލައި ކުދިން ބޭރަށް ދިއުމާއި ކުދިންގެ އަމަލުތައް އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިފައި ނުވުމުގެ އިތުރުން ކެއާވާކަރުން އެކަށީގެންނުވާ ގޮތަށް ކުދިންނާ މުއާމަލާތު ކުރުންފަދަ ކަންކަން ހިނގާފައިވާކަމަށް ރިޕޯޓިގައި ބުނެފައިވެއެވެ. އަދި ދަރުމައަށް ކުދިން ބެލުން ހަވާލުކުރުމުގައި ޝަރުތު ހަމަވާ ފަރާތްތަކާ ކުދިން ހަވާލުކޮށްފައި ވީނަމަވެސް، އާއިލީ ފަރާތަކާ ކުދިން އަނބުރާ ހަވާލުކުރާއިރު ކުށުގެ ރެކޯޑު އޮތް ފަރާތްތަކާ ކުދިން ހަވާލުކޮށްފައިވުމާއި މިގޮތަށް ހަވާލުކުރެވޭ ބައެއް ކުދިން މޮނިޓާކުރެވެމުން ނުދާކަމަށެވެ. މިހެންވުމުގެ ސަބަބުން، އާއިލާތަކާ ހަވާލުކުރެވޭ ކުދިން ނުރައްކަލަށް ހުށަހެޅި، އެ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތައްކޮށް، އެ ކުދިންގެ މުސްތަގުބަލަށް އެކަމުގެ ހިޔަނިއެޅުމުގެ ފުރުސަތުއޮތްކަމަށް ދެކޭކަމަށް އޮޑިޓުގައި ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައުލޫމާތުތައް ވެބްސައިޓުގައި ޝާއިރު ކުރުމަށް އޮފެންޑާސް އެމްވީ ބްލޮގްއެއް އިން ނަމަވެސް އެ ބްލޮގް އަޕްޑޭޓު ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އޭގެ އަޕްޑޭޓުތައް ނެތުމުގެ ސަބަބުން އެ ބްލޮގުގެ އެއްވެސް މަގްސަދެއް ހާސިލް ނުވާކަމުގައި ބުނެފައިވެއެވެ.

އެފަދަ މައްސަލަތައް އިތުރުވެންދިޔައީ ޒަމާނުއްސުރެ އެ ކަމުގައި އިހުމާލުވެފައިވާތީ ކަމަށް، މިއަހަރުގެ ޖެނުއަރީމަހު ރައިސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައި ވެއެވެ. ރައީސް ވިދާޅުވީ، މިފަދަ މައްސަލަތަކަށް ހައްލުގެނެވޭނީ ޒިންމާދާރުކަމާއެކީގައި މަސައްކަތް ކުރެވޭނެ ބަޔަކު ލިބިގެން ކަމަށެވެ. އަދި، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެތިބޭ މުވައްޒަފުން އިހުމާލުވެއްޖެނަމަ އެކަމާދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭގައި އަޅުއްވާނެ ކަމަށްވެސް ރައީސް ސާލިހް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: