ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ޒިޔަތުގެ ހެކި ބަސް ގަބޫލު ނުކުރެވޭ ވާހަކައާއި އެކު އަނެއްކާވެސް “ފާސިގުން” ގެ ވާހަކަ!

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވާ މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ސާބިތު ކުރި ނަމަވެސް ތަހުގީގުގައި މަނީ ލޯންޑްރިން އާއި ގުޅޭ އެއްވެސް ސުވާލު މަރުހަލާއެއް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި ބުނެފިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާ އިސްތިއުނާފީ ނުކުތާތަށް ހުށަހެޅުމަށްފަހު، ދެ ދުވަހަށް އޭގެ ތަފްސީލުތައް ހުށަހެޅުން ދެމިގެން ދިޔައެވެ.

ޖުމްލަ 75 ނުކުތާގެ ތަފްސީލުތައް ހުށަހެޅުން މިއަދުގެ ޝަރީއަތުގައި ދެ ގަޑިއިރަށް ދެމިގެން ދިޔައެވެ. ޖުމްލަ 101 ސޮފުހާ އެ ނުކުތާގެ ތަފްސީލުގައި ހިމެނޭއިރު، ބައެއް ނުކުތާތަށް ތަކުރާރުވެފައިވާކަން ޝަރީއްޔަތުން ފާހަގަކުރައްވާފައިވާތީ މިއަދުގެ ތަފްސީލުތައް ހުށަހަޅާފައިވަނީ ތަކުރާރުވާ ނުކުތާތައް އުނި ކުރުމަށްފަހުއެވެ.

މައްސަލައިގައި ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ ކަމަށެވެ. އަދި އެކި ފަހަރުމަތީން ހާޒިރު ކުރުމަށްފަހު ވެސް މަނީ ލޯންޑްރިންގެ އެއްވެސް ތުހުމަތެއް ކުރެވޭކަން އަންގާފައި ނުވާ ކަމަށެވެ.

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު – ފޮޓޯ: ސަންގު

މައްސަލައެއްގައި ދައުވާކޮށް، އެ ކުށް ސާބިތު ކުުރުމުގެ ކުރިން އެ މީހަކާއި އެ މައްސަލައިގައި ސުވާލު ކުރަންޖެހޭނެ ކަން ޝިޔާޒް ފާހަގަކުރެއްވިއެވެ. އަދި އެ މީހަކަށް އެ ތުހުމަތެއްގެ މައްޗަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދިންއިރު ޝިޔާޒް ވިދާޅުވީ އެއީ ފާސިގުން ކަމަށާއި، އެ މީހުންގެ ހެކި ބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކޮށްފައިވާކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެކު އެއްބަސްވުމެއް ހަދާ އެކްސްކްރޯ އެކައުންޓެއްގައި އެ ފައިސާތައް ބެހެއްޓުމަށް ވެސް ހުށަހެޅުއްވީ ރައީސް ޔާމީނަށް ވާއިރު އޭގައި އެއްވެސް ގޯސް ނިޔަތެއް ނެތްކަން އޭގެއިން ވެސް ސާބިތުވާކަމަށް ޝިޔާޒް ވިދާޅުވިއެވެ. އަދި އެކްސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެސްއޯއެފްއިން ޖަމާކުރި ފައިސާއެއް ނޫންކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވީ ނަމަވެސް އެ އެކައުންޓެއް ހެދިއިރު ވެސް އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓު އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، ގއ ވޮޑުމުލާއަށް ލިބްންޖެހޭ ފައިސާތަކެއްކަމަށް ދައުލަތުން ޝަރީއަތުގައި ބުނި ނަމަވެސް އެ ފައިސާއަކީ އެއީ ސީދާ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އެއީ ކުށެއް ހިންގައިގެން ހޯދި ފައިސާއެއްގެ ގޮތުގައި ސާބިތުކޮށް ވެސް ދެވިފައި ނުވާ ކަމަށެވެ. ކުށެއް ސާބިތު ކުރާއިރު އެ ކުށް ހިނގި ތަނާއި ވަގުތު އެނގެން ޖެހޭނެ ކަމަށާއި ދައުލަތުން އެފަދަ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް ޝިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ނުލިބިގެން ރައީސް ޔާމީން ގުޅުއްވި ކަމާއި އެ ފައިސާ ހަވާލު ކުރީ ރައީސް ޔާމީން އެންގެވި ފަރާތްތަކާ ކަމަށް ޒިޔަތު ވިދާޅުވެފައިވީ ނަމަވެސް އެއީ ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމާއި، ޒިޔަތު ދެއްކި ވާހަކައިގައި އެއްވެސް ހަގީގަތެއް އެކުލެވިފައި ނެތް ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ގާނޫނުގައި ވާ ކަންތައް ފާހަގަކުރައްވަމުން ޝިޔާޒް ވިދާޅުވީ، ގާނޫނު ގެ ދަށުން އެފަދަ މުއާމަލާތެއް ހިންގާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްޔޫއޯ) ގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކކަމަށެވެ. އަދި އެއާއި އެއްގޮތަށް ރައީސް ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާވެފައިވަނީ ހުއްދަ ލިބިގެން ކަމަށެވެ. އެހެން ކަމުން، ރައީސް ޔާމީން ކުށެއްކޮށްގެން ހޯދީ ކޮން ފައިސާއެއްތޯ ޝިޔާޒް ސުވާލު އުފެއްދެވިއެވެ. އަދި މަނީ ލޯންޑާރ ކުރެއްވި ކަމުގައި ވާނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް އެ އަމަލު ހިނގި ގޮތާއި، ވަގުތާއި ތަން ސާބިތުކޮށް ނުދެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތްތައް ލައިވް ކުރުމާއި ގުޅިގެން އެއް ހެކިވެރިއަކަށް އަނެއް ހެކިވެރިޔާގެ ބަސް އެނގި ދެ ގޮތަކަށް ވާހަކަ ދެއްކުމުގު ފުރުސަތު ފަހިވި ކަމަށާއި، ހެކީންގެ ހެކި ބަސް ނެގީ އެކި ދުވަސްތައް މަތީން ކަމަށް ވެސް ޝިޔާޒް ވިދާޅުވިއެވެ.

ތަފްސީލުގެ ނުކުތާތައް ހުށަހަޅާ ނިމުމުން، ޝަރީއަތުން ވަނީ ހުށަހެޅުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ޝިޔާޒް ވިދާޅުވީ އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ރައީސް ޔާމީންއަށް އިއްވި ހުކުމް ބާތިލު ކުރުމަށް އެދޭ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމައިލީ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އެ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެވިގެން ދާނެއެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދުގެ ޝަރީއްޔަތުގެ މަޖިލިސް އަޑުއަހަން ރައީސް ޔާމީންގެ ގިނަ ސަޕޯޓަރުން ވަނެވެ. އޭގެ ތެރޭގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ލީޑާޝިޕްގެ ބޭފުުޅުން ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: