ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް ”ބަހުރު“ ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހޯދަމުންދަނިކޮށް، އެ މީހާ ހޮނޑާފުށީ ގޮނޑުދޮށުން ފެނިއްޖެއެވެ.
މި މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، އޭނާ ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއެއްގައި ތިބި ބަޔަކަށެވެ.
އޭނާއަށް އަވަސް ސިއްހީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ފަރުވާ ދިނުމަށްފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިއެވެ.
އެ މީހާ ހޯދުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވިއިރު އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ވެސް އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދީފައިވެއެވެ.

