އިންސާނުންނަކީ ހާދަ ސުވާލު ގިނަ ބައެކެވެ. ކަންކަން އޮޅުންފިލުވުމަށްޓަކައި، ކަންކަން ހޯދައިބެލުމަށްޓަކައި، އަނެކުންނައި ސުވާލުކޮށްހެދުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް އާދައެވެ. އެހެންނަމަވެސް އަމިއްލަނަފުސާއި ސުވާލުކޮށް ކަންކަން، އޮޅުންފިލުވަނީ ކިތައްމީހުންތޯއެވެ. އަމިއްލަނަފުސާއި ސުވާލުކޮށް، ނަފުސުގައިހުރި ނޭދެވޭ ސިފަތައް ދެނެގަންނަނީ ކިތައްމީހުންތޯއެވެ. އަމިއްލަނަފުސާއި ސުވާލުކޮށް، ނަފުސުގައިހުރި ނުކުޅެދުންތެރިކަމާމެދު ވިސްނަނީ ކިތައްމީހުންތޯއެވެ.
އެންމެ ފުރަތަމަ ވެސް، ތިމާ އުފެދުނުގޮތް ވިސްނައިލުން ކީއްތޯއެވެ! ބަހުސަކަށް ޖާގައެއްނެތެވެ. ތިބާ ތިޔަހުރި ހިސާބަށް، ތިޔަ އާދެވުނީ ތަފާތު އެތައް މަރުހަލާއެއް ކަދައްތުކުރުމަށް ފަހުގައެވެ. ނެތުމުގެތެރެއިން ތިބާ މިދުނިޔެއަށް ވުޖޫދުވީ ޟަޢީފު އިންސާނެއްގެ ގޮތުގައެވެ. އެއަށްފަހު ތިބާއަށް ތިޔަ ނިޢުމަތްތައްދެއްވީ ތިބާގެވެރި ރައްބުގެ ޙަޟުރަތުންނެވެ. އެ އިލާހު ތިބާއަށް ސިކުނޑިއެއްދެއްވައި ކަންކަމާމެދު ވިސްނުމުގެބާރު ދެައްވިއެވެ. އެ އިލާހު ތިބާގެ ލޮލަށް ފެނުންދެއްވިއެވެ. އެ އިލާހު ތިބާގެ ކަންފަތަށް ތަފާތު އަޑުތައް އިވުމުގެ ކުޅަދާނަކަންދެއްވިއެވެ. އެ އިލާހު ތިބާއަށް ބަސްމޮށުންތެރިކަން ދެއްވިއެވެ. އެ އިލާހު ތިބާއަށް އެކިއެކި ރަހަތަށް ދެނެގަތުމުގެ ބާރުދެއްވިއެވެ. އެ އިލާހު ތިމާގެ މުލައްދަނޑިއަށް ބާރުދެއްވިއެވެ. އެ އިލާހު ތިބާއަށް ދެފައި ދެއްވައި ރާސްތާތައް ގިރާކުރުމުގެ ބާރުދެއްވިއެވެ. މި ނޫނަސް މިފަދަ މިފަދަ ކިތަންމެ ނިޢުމަތެއް ދެއްވިއެވެ. ކަން މިހެން ހުރިއިރު، މި ނިޢުމަތްތައް ބޮލާލައިޖަހަނީ ކީއްވެތޯއެވެ. މި ނިޢުމަތްތަކަށް ކުފުރުވާންވީތޯއެވެ.
އާދޭހެވެ. މިއަދުގެ ދިވެހިރާއްޖެއަކީ ވަރަށް ވެސް ތަފާތު ތަނެކެވެ. ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންގޮސް، ދިވެހި ޒުވާނުންގެ ވިސްނުމުގައި މިއަދު މިވަނީ ހުޅަނގުގެ ކުލަވަރު ވަކިހިއްޕާލައިފިއެވެ. ވަކި ޖިންސެއްނޫން އިނގޭތޯއެވެ. ކޮންމެ ޖިންސަކަށް ބެލިޔަސް، މިއަދުގެ ދިވެހި ގިނަ ޒުވާނުންނަކީ، ހުޅަނގުގެ އާދަކާދަތަކާއި ރަޙުމަތްތެރި ބައެކެވެ. އެބައިމީހުން ހޮރަކަށް ވަންކަމުގައިވިޔަސް، މިބައިމީހުން މިތިބެނީ އެ ހޮރަކަށް ވަނުމަށްޓަކައި ފައިވިއްދާލައިފައެވެ.
ދަންނާށެވެ! ޤައުމުގެ ޒުވާނުންނަކީ، އަންނަންއޮތް ޖީލުތަކުގެ ނަމޫނާއަކަށްވާން ތިބި މީހުންނެވެ. ސުއްމުވުލް އަމީރު މުޙައްމަދު އަމީން ވިދާޅުވެފައިވާފަދައިން، ”ޒަމާންތަކަށް ވިދާނެހެން ދިވެހި ދަރީންގެ ރީތިނަން“ ދަމަހައްޓަންތިބި މީހުންނެވެ. ”ހިތުގެ އަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅާ“ މި ދީބު ބިނާކުރަންތިބި މީހުންނެވެ. ”އަޚުންތަކަށްޖެހޭ ދަތިން އެކީއެކަށް ފަސޭހަދޭން“ ތިބި މީހުންނެވެ. ”އަމާންކަމާއެކީ ލިބޭނެހެން އަބަދު ހިމާޔަތެއް“ ދޭންތިބި މީހުންނެވެ.
އެހެންނަމަވެސް މިފަދަ ނަޞޭހަތުގެ އަޑުއަހަނީ ކިތައް ޒުވާނުންތޯއެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވި ޒުވާންކަމުގެ ނިޢުމަތް ހެޔޮގޮތުގައި ބެނުންކުރަނީ ކިތައްމީހުންތޯއެވެ. ސިކުނޑިން ވިސްނައި ހެޔޮގޮތުގައި ދިރިއުޅުން ބައްޓަންކުރަނީ ކިތައްމީހުންތޯއެވެ. ޙަޤީޤަތްނޭނގޭ ބުހުތާނު ވާހަކަތައް އަޑުނާހައި ތިބެވެނީ ކިތައްމީހުންނަށްތޯއެވެ. މުޖުތަމަޢުގައި ފިތުނަފަސާދަ އުފެއްދުމަށް ހިތަށްއެރި ވާހަކައެއް ނުދައްކައި ތިނބެވެނީ ކިތައްމީހުންނަށްތޯއެވެ. މާތްﷲ މަނާކުރެއްވި ތަންތަނަށް ނުބަލައި އުޅެވެނީ ކިތައްމީހުންނަށްތޯއެވެ. އެ އިލާހު ހަރާމްކުރެއްވި ތަކެތީގެ ރަހަނުބަލައި ތިބެވެނީ ކިތައް މީހުންނަށްތޯއެވެ. އެ އިލާހު ހަރާމްކުރެއްވި ކަންތައްތައް ނުކުރަން އަތާއިފައިން ގޯސްނުހަދައި ތިބެވެނީ ކިތައްމީހުންނަށްތޯއެވެ.
އޭ ޒުވާން ކަނބަލުންނޭވެ! އޭ ޒުވާން ކަލުންނޭވެ! ތިޔަ ގޮތުގައި އަބަދަކު ނުހުންނާނެއެވެ. ތިޔަ ޒުވާންކަމުގެ އިރުވެސް ދާދިއަވަހަށް އޮއްސޭނެއެވެ. ތިޔަ އޮމާންކަމާއި ރީތިކަން ހިނދުކޮޅެއްގެތެރޭގައި ފިލައިގޮސްދާނެތެވެ. ތިޔަ ހަށިގަނޑުގައިހުރި ބާރު ވެސް ނެތި ހިނގައިދާނެއެވެ. ދުވާލުގެ ހަތަރުދަމުގައި ނިދާފައި، ރޭގަނޑު ހޭލާހުރެ ފުޅިއަކަށްފަހު ފުޅިއެއް ބޮއިގެން ޕާޓީކުރިޔަކަސް، ތާއަބަދަކު ތިޔަހެނެއް ނޫޅެވޭނެއެވެ. ބަނޑިބަނޑި ލައްވަމުން، އަރިއަރިއަށް ކެހެމުން ލެއްވިހައި އުސް ފައިވާންތަކަށް އަރައިގެން ”ކެޓުވޯކް“ ތަކުގައި ހިނގިޔަކަސް، ތާއަބަދަކު ތިޔަހެނެއް ނޫޅެވޭނެއެވެ. ކަނޑިބަޑި ހިފައިގެން ކުށެއްނެތް ފުރާނަތައް ޤަތުލުކުރަމުން، ލޭއޮހޮރުވަމުން އުޅުނަކަސް، ތާއަބަދަކު ތިޔަހެނެއް ނޫޅެވޭނެއެވެ.
އޭ ޒުވާނުންނޭވެ. ތިޔަ ޒުވާނުންގެ ކުރިމަގާއިމެދު ވިސްނުންކީއްތޯއެވެ. ތީގެތެރެއިން ކޮންމެ ޒުވާނަކީ، ކޮންމެވެސް ތުއްތުކުއްޖެއްގެ މައެއް ނުވަތަ ބަފައެކެވެ. ދައްތައެއް ނުވަތަ ބޭބެއެކެވެ. ވީއިރު އެ ތުއްތުކުދިންނަށް ނަމޫނާއަކަށްވުން ކީއްތޯއެވެ. ތިޔަ ނަފުސުތަކާއި ސުވާލުކޮށް، ނަފުސުގައި ހުރި ނުކުޅެދުންތެރިކަމާއި، ނޭދެވޭ ކަންތައްތައް ދެނެގަތުން ކީއްތޯއެވެ. މި ފަނާވަނިވި ދުނިޔޭގައި ތިޔަ ކުރަމުންދާ ދަތުރާއިމެދު ވިސްނާ، އާޚިރަތަށްޓަކައި ދަތުރުގެ ކޮއްތު ތައްޔާރުކުރުން ކީއްތޯއެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ލިބިގަތުން ކީއްތޯއެވެ.


One Response
ރަގަޅު ވާހަކަތަކެ ވަރަ ފުރިހަމަ