ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވުޖޫދުން ގެއްލިގެން އެ ކުންފުނި ހޯދުމަށް އެޗްޑީސީގައި އެދިފައިވާ ކަމަށް ބުނެ އެޑްވޮކަސީ ޗެމްބަރސް ލޯފާމުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެ އެ ކުންފުނިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެޑްވޮކަސީ ޗެމްބާސް އިން އެޗްޑީސީއަށް ފޮނުވި ސިޓީގައި ވަނީ ހަންބޯ ކުންފުންޏާ މުއާމަލާތު ކުރެވޭނެ މަގެއް ހޯދުމުގެ ގޮތުން އެޗްޑީސީއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދިފައެވެ.
އެ ލޯފާމުން ބުނި ގޮތުގައި ކޭޕާކު ޕްރޮޖެކްޓާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ކުރާ މަސައްކަތަށް އެޗްޑީސީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ. މި ސަބަބާ ހުރެ އެޕާޓްމެންޓްތައް ގަތް މީހުން ހުށަހަޅާފައި ހުރި މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް ވެސް އެ ލޯފާމުން ވަނީ ފާހާގަކޮށްފައެވެ.
ލޯފާމްގެ މި ސިޓީއާ ގުޅިގެން ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ މިހާރުވެސް ވުޖޫދުގައި އޮތް އަދި ދައުލަތާއެކު ފޮރިން އިންވެސްޓްމަންޓް އެއްބަސްވުން ހަދާފައިވާ ގާނޫނީ ހައިސިއްޔަތު އޮތް ކުންފުންޏެއް ކަމަށެވެ.
އެޑްވޮކަސީ ޗެމްބަރސްއިން ”ކޭޕާކް ވިކްޓިމްސް“ ތަމްސީލުކުރާ ކަމަށް ބުނި ނަމަވެސް، އެ ފަރާތުން ތަމްސީލުކުރަނީ ކޮން މުވައްކިލުންނެއްކަން ސާފުކޮށްދިނުމަށް 2025 ވަނަ އަހަރު ފޮނުވި އީމެއިލަށް މިހާތަނަށް ޖަވާބެއް ދީފައިނުވާ ކަމަށް ހަމްބޯއިން ފާހަގަކުރެއެވެ. އަދި އެ ލޯފާމުން މަސައްކަތް ކުރަނީ ކުންފުންޏަށާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ހަސަން މަމްދޫހުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ކަމަށްވެސް އެ ކުންފުނިން ތުހުމަތުކުރެއެވެ.
ހަމްބޯ ކުންފުނިން ބުނި ގޮތުގައި، ކޭޕާކް މައްސަލާގައި ހަސަން މަމްދޫހާއި ޖައިޝަން ސައީދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ހަސަން މަމްދޫހު 390 އަހަރަށް އަދި ޖައިޝަން ސައީދު 159 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާކަން ޝަރުއީ ނިންމުންތަކުން ފެންނަން އޮތްއިރު، މަކަރާއި ހީލަތް ހެދީ ކޮން ފަރާތަކުންކަން މިހާރު ވަނީ ސާބިތުވެފައެވެ.
އެހެންކަމުން، ދައުވާކުރަންޖެހޭ ފަރާތް ނޭނގިގެން ވަކީލުންތަކެއް އެކި ތަންތަނަށް ސިޓީ ފޮނުވައި ވާނުވާ ނޭނގުމެއްގެ ތެރޭގައި އުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ހަމްބޯއިން ބުނެއެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި އެހެން ލޯފާމުތަކުން ކޭޕާކާ ގުޅުންހުރި މައްސަލަތަކުގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިގެން ކުރިއަށްދާއިރު، އެޑްވޮކަސީ ޗެމްބަރސްއަށް ދައުވާކުރަންޖެހޭ ފަރާތް އޮޅިގެން އުޅުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ.
”ވަކީލުންނާއި މުވައްކިލުންނާ ދެމެދު މަސައްކަތެއް ކުރުމަށް ހަވާލުކޮށް އަގު އަދާކޮށްފައިވާނަމަ، ދެން އޮންނާނެ މަގަކީ ޝަރުއީ ކޯޓަށް އެ މައްސަލަ ހުށަހެޅުން،“ ހަމްބޯ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ދެކޭ ގޮތުގައި އެޑްވޮކަސީ ޗެމްބަރސްއިން ދޮގު ޚަބަރު ފަތުރަނީ އެ ފަރާތްތަކުގެ މުވައްކިލުންނަށް ހަގީގަތް ފޮރުވުމަށެވެ.
ހަމްބޯ ކުންފުނިން ވަނީ ގާނޫނީ ވަކީލުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

