ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ހުރި ޤާނޫނީ އޮނިގަނޑުތައް މުގުރާލައި، ޤުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އިކޯކެއާ މޯލްޑިވްސް، އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ މޯލްޑިވްސްގެ އިތުރުން އެހެން ޖަމިއްޔާތައް ގުޅިގެން ނެރުނު ނޫސްބަޔާނުގައި ދިވެހިރާއްޖެ އުފެދިފައިވާގޮތަށް ބަލާއިރު ފަރުތަކާއި، ކަނޑޫފާތަކާއި، ކަނޑުގެ ދިރުންތަކާއި، ހިމާޔަތްކޮށްފައިވާ ރަށްތަކަށް ލިބިދީފައިވާ ޤާނޫނީ ރައްކާތެރިކަން ނިޒާމީ ގޮތެއްގައި ނިގުޅައިގަނެ، މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖޭގެ ތިމާވެށި ހުށައެޅިފައިވާކަމަށް ބުނެފައިވެއެވެ.
އެކިއެކި ސަރުކާރުތަކުން ތިމާވެއްޓާމެދު އަމަލުކުރަމުންދާ ގޮތަކީ ނިޒާމީ ސިފައެއްގައި ތިމާވެށި ސުންނާފަތިކުރުމުގެ އަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ މިނިވަންކަން ގެއްލުވާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ކުރުމަށް މަގުފަހިކުރުމާއި، މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމާއި، ވިލިމާލެ އާއި އައްޑޫ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް ފަދަ ތަންތަނަށް ނުރައްކާވާ ފަދަ، ދެފުށް ނުފެންނަ ބޮޑެތި މަޝްރޫއުތައް އަވަސްއަރުވާލައިގެން ހިންގުމަކީ، ދުރު ރާސްތާގެ ރޭވުންތެރިކަމުގެ ބަދަލުގައި ސިޔާސީ މަންފާއަށް ޓަކައި ތިމާވެށި ޤުރުބާންކުރުމުގެ ގޮތުގައި އެ ޖަމިއްޔާތަކުން ވަނީ ސިފަކޮށްފައެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރާ އިދާރާތަކަށް ފުރިހަމަ މިނިވަންކަން ދިނުމަށާއި، ތިމާވެށީގެ އޮނިގަނޑަށް ގެނެސްފައިވާ ގެއްލުންދެނިވި ބަދަލުތައް ވަގުތުން އުވާލުމަށް މި ޖަމްއިއްޔާތަކުން ސަރުކާރަށް ވަނީ ގޮވާލާފައެވެ.
އެގޮތުން، މިހާތަނަށް ހިއްކާފައިވާ ހުރިހާ ބިމެއްގެ ތަފްސީލާއި، އެ ބިންތައް ބޭނުންކުރާ ގޮތުގެ ރިޕޯޓެއް އާންމުކުރުމާއި، އަދި އިތުރަށް ބިން ހިއްކުމުގެ ކުރިން އެކަމުގެ ބޭނުންތެރިކަން ސާފުކޮށްދިނުމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީ ފަދަ ކުންފުނިތަކުން ކޮރަޕްޝަންގެ މުއާމަލާތްތަކުގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ހޯދުމާއި، އެކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި މަޢުލޫމާތުތަކާއި އީއައިއޭ ރިޕޯޓުތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްވެސް ގޮވާލާފައިވެއެވެ. މީގެ އިތުރުން، ތިމާވެށީގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ހަގީގީ ބައިވެރިވުން ކަށަވަރުކުރުމާއި، ”އިސްކަންދޭ މަޝްރޫއެއް“ ކަމަށް ބުނެ ރައްޔިތުންގެ ބަސް ހޯދުމަށްވެސް ވަނީ ގޮވާލާފައެވެ.
އޭގެ އިތުރުން، ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަސައްކަތްތަކުގައި ހުއްދައާ ޙިލާފަށް ކުރާ ކަންކަން ތަހުޤީގުކޮށް ފިޔަވަޅު އެޅުމާއި، އެޅި ފިޔަވަޅުތަކުގެ ތަފްސީލު އާންމުކުރުމުގެ އިތުރުން ތިމާވެށީގެ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ދިރާސާކުރާ ފަރާތްތަކާއި ނޫސްވެރިންނަށް ކުރިމަތިވާ ބިރުދެއްކުންތަކަށް ފުރުސަތު ނުދިނުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.
ހިއްކާލެވޭ ކޮންމެ ފަރަކާއި، ކަނޑާލެވޭ ކޮންމެ ގަހަކާއި، ސިއްރުވެރި ގޮތެއްގައި ބަދަލުކުރެވޭ ކޮންމެ ސަރަޙަަައްދަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ކަނޑުގެ ދިރުންތަކަށް ބަރޯސާވާ މުޖުތަމަޢުތަކާއި، އަދި އުފަންނުވާ ދަރިފަސްކޮޅަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ފާހަގަކޮށް އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު ގެއްލެމުންދާ ވަސީލަތްތަކަކީ އަނބުރާ ހޯދޭނެ ތަންތަނެއް ނޫންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދަނީ، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި ދުވަހުގެ މަޤްސަދަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އާންމުން ހޭލުންތެރިކުރުމެވެ.

