މަޖިލިސް މެންބަރުންގެ މުއްސަނދިކަމަކީ ނުހައްގު މުއްސަނދިކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އަމަލުކުރާ ގަވާއިދުތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވެ، މަގާމާ ހަވާލުވާއިރު މާލީ ބަޔާން ހުށަހަޅާކަށް ނުޖެހޭއިރު، މިހާރު ކަނޑއެޅިފައިވާ އުސޫލުގެމަތިން މެންބަރުންގެ އެންމެ ފުރަތަމަ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަންޖެހެނީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދޮޅު އަހަރު ފަހުން ކަމަށެވެ. އަދި އެ ދިގު މުއްދަތުގެ ސަބަބުން މި މުއްދަތުގެ ތެރޭގައި މަޖިލިސް މެންބަރުންގެ މުއްސަނދިކަން ކަށަވަރުކުރަން އުނދަގޫވެ، އެއްވެސް މުއްސަނދިކަމަކީ ނުހައްގު މުއްސަނދިކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ޓްރާންސްޕޭރަންސީން ބުނީ އޭގެ ސަބަބުން މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށް މިހާރު އޮތް މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ވަކާލާތު ކުރަމުން ކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު ޑްރާފްޓުކޮށް، 2022 ވަނަ އަހަރުގެ ފެބްރުއައީ މަހު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައި ވެއެވެ.
އެ ބިލަކީ މެންބަރުން ހުށަހަޅާ މާލީ ބަޔާންތައް ވެރިފައި ކުރެވޭނެ ނިޒާމެއް އެކުލެވި، މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅުއެޅޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބިލެއް ކަމަށާ 19 ވަނަ މަޖިލިސް ނިމުނުއިރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ، މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އާންމު މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތަށް ވަކާލާތު ކުރުމަކީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި 93 މެންބަރުންގެ 67 މެންބަރުން މަޖިލީހަށް އަލަށް އިންތިޚާބުވެފައިވާއިރު މެންބަރުންގެ އެސެޓާ، ދަރަނިތަކާ އެހެން މަސްދަރުތަކުން ލިބޭ އާމްދަނީއާ މަސްލަހަތު ފުށުއަރާ ކަންކަމުގެ މައުލޫމާތު އެއްވެސް މިންވަރަކަށް އެނގިފައި ނުވާ ކަމަށެވެ.
އެހެންކަމުން ހަރުދަނާ ގާނޫނުތަކެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގަންނަވާއިރު މާލީ ބަޔާންތައްް އަމިއްލަ އިސްނެގުމުގެމަތިން ހާމަކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އާންމުންގެ އިތުބާރު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޖަމިއްޔާގެ ގޮވާލުން ތަކުރާރު ކުރާ ކަމަށް ބަޔާނުގައި ވެއެވެ.

